ރައްޔިތުންގެ މަޖިލިސް

އިލެކްޝަނެއް ބޯމަތިވެފައި އޮއްވައި އިންތިހާބާބެހޭ ގާނޫނަކަށް އިސްލާހު ގެނެވިގެން ނުވާނެ: މެންބަރުން

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވާ އިންތިހާބުތަކާބެހޭ ގާނުނަށް އިސްލާހު ގެންނަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެންބަރުން މިހެން ވިދާޅުވީ އިންތިހާބު ތަކާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަސްލާގައި ކުރިއަށް ދިޔަ ބަހުސްގަ އެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، އިލެކްޝަނެއް ބޯމަތިވެފައި އޮއްވައި އިންތިހާބާ ބެހޭ ގާނަކަށް ބަދަލު ގެނައުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

އިންތިހާބު ތަކުގައި ވޯޓުކަރުދާހުގައި ޖަހަންޖެހޭ ފާހަގަނޫން އެހެން ކުރެހުންތައް ކުރަހައިފިނަމަ އެވޯޓަކީ ބާތިލް ވޯޓެއް ކަމަށް ގާނޫނުގައި ކަނޑައެޅުމަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް، ވާހަކަ ދައްކަވަމުން ޖޭޕީގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، އިނަތިހާބާބެހޭ ގާނޫނުތަކަށް ބަދަލު ގެންނައުމަކީ ދުރާލާ ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ވޯޓަކީ ސިއްރެއް، އެހެންވީމަ ވޯޓުގެ ސިއްރުކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ހަގީގަތުގައި ކުރަންޖެހޭނެ، ނަމަވެސް އިލެކްޝަނެއް ބޯމަތިވެފައި އޮއްވާ އިލެކްޝަނާ ބެހޭ ގާނޫނަށް، ވަކިން ހާއްސަކޮށް އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ބަދަލު ގެނައުމަކީ އެއީ ކުރެވިގެންވާނެ ކަމެއް ނޫން،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެހެން ގައުމުތަކުގައިވެސް އޮންނަ ގޮތަކީ އެފަދަ ގާނޫނުތަކަށް ދުރާލާ އިސްލާހް ގެނައުން ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ، މިއީ މީގެ ކުރިން ވެސް ވަރަށްގިނަ ގޮތްގޮތަށް މަޖިލީހުގައި ވާހަކަ ދެކެވިފައިވާ އިސްލާހެއް ކަމަށާއި، ނަމަވެސް ކޮންމެވެސް ސަބަބުތަކާ ހެދި މަޖިލީހުގެ ތެރެއިން އެބިލު ގާނޫނުގެ ސިފައަށް ބަދަލު ނުކުރެވިވާ ކަމަށެވެ.

އެ އިސްލާހަށް ތާއީދު ކުރައްވައި އަލީހުސެއިން ވިދާޅުވީ، ޖަހަން ޖެހޭ ފާހަގަ ނޫން އެހެން އެއްޗެހި ވޯޓު ކަރުދާހުގައި ކުރެހުމަކީ، ވޯޓުގެ ސިއްރުކަން ކެނޑި ވޯޓުލާފައި ވަނީ ކޮން ގޮތަކަށް ކިހިނެއްކަން އަންގައިދީ ވޯޓުލާ މީހާ ހާމަވެގެންދާނެ ކަމެއް ކަމަށެވެ.

"ކުރަހާފަ ހުރީމަ އެނގޭ އެއީ ވޯޓުގެ ސިއްރުކަން ކަނޑާލުން، ބޭޒާރުކޮށްލުން އެއީ ނުފޫޒު އޮތްކަން އެނގޭކަމެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ފެންނަމުން މިދަނީ، ވޯޓުގައި ވަގު ހަދައި ވައްކަންކުރާ މީހުން ކަންތައް ކުރާގޮތަށް ކަންތައްކުރަމުންދާތަން ކަމަށާއި، އޮތް އެންމެބޮޑު ކަންބޮޑުވުމަކީ އިންތިހާބެއް ބޯމަތިވެފައި އޮއްވާ މިފަދަ އިސްލާހެއް ގެންނަން މަސައްކަތް ކުރުން ކަމަށެވެ.