ޕޮލިސް

ވަޅިތަކެއް ގަނެގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

ފިހާރައަކުން ވަޅިތަކެއް ގަނެގެން މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފަސް މީހުން ހައްޔަރުކުރީ މިރޭ ފިހާރައަކުން ވަޅިތަކެއް ގަނެގެން ކަނިވާ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށެވެ.

ފުލުހުން ފެނުމާ އެކު އެމީހުން ފިލަން މަސައްކަތް ކުރި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މިހާރު އެ ފަސް މީހުންގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.

މިހަފްތާގެ ތެރޭގައި މާލޭގައި ވަނީ ދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އޭގެތެރެއިން އެކަކު އޮތީ ސީރިއަސް ހާލަތުގައެވެ.

އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ގްރޫޕަކުން ދެ މީހެއްގެ ގަޔަށް ވަޅިހެރީ ވެސް މިހަފްތާގެ ތެރޭގައެވެ. އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސްވެ މާލެ ގެނެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.