މުހައްމަދު އައުޒަމް
ޗެނަލް 13 އާ ދެކޮޅަށް ހަ މައްސަލައެއް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ރާއްޖެ ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ އެ ހަ މައްސަލަ ހުށަހެޅީ ޕީޕީއެމް އިން ބޭއްވި ބައެއް އެއްވުންތަކުގައި އޭނާގެ އަބުރަށް ހުތުރުވާގޮތަށް ދައްކާފައިހުރި ސާބިތުނުހިފޭ ވާހަކަތައް އެ ޗެނަލުން ބްރޯޑްކާސްޓް ކޮށްފައިވާތީ ކަމަށެވެ.
"އެ ވާހަކަތަކަކީ އަޅުގަނޑަށް އަމާޒުކޮށް ދައްކާފައިވާ ސާބިތުނުހިފޭ ވާހަކަތަކެއް ކަމުގައިވާތީ އެކަމުގެ މައްސަލަތައް. އެކަން ހުއްޓުވައި ޗެނަލް 13 އާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާނީ،" ޝަރީފް ވިދާޅުވިއެވެ.
އެ ހަ މައްސަލައިގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވެސް ޗެނަލް13 އާ ދެކޮޅަށް މިއަދު މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެ މައްސަލައަކީ ކޮމިޝަންގެ މެމްބަރުންގެ ފޮޓޯ ސްރީނަށް އަރުވައި، އެބޭފުޅުން ފިއްލަވައިގެން އުޅޭ ކަމަށް ބުނެ އަބުރަށް ހުތުރުވާފަދަ ވާހަކަތައް ބްރޯޑްކާސްޓު ކުރަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހަތް ވަނަ މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެން ހުށަހަޅާފައިވާނީ ކޮމިޝަންގެ މެމްބަރުންގެ ފޮޓޯ ސްކްރީންގައި ޖަހައިގެން މިއީ ފިލައިގެން އުޅޭ ބައެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބަލައި މެމްބަރުންގެ އަބުރަށް ހުތުރުވާފަދަ ވާހަކަތަކެއް ޗެނަލް13 އިން ބްރޯޑްކާސްޓު ކުރަމުންދާތީ އެކަން ހުއްޓުވައިދިނުމަށް މިއަދު ހަވީރު ގަޑިއެއްގައި ވާނެ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައި،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިއްޔެ ވަނީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ އޭނާއަށް ވަގަށް ގޮވި މައްސަލައެއް އިއްޔެ މޯލްޑިވްސް ޕޮލިސް ސވިސްއަށް ހުށަހަޅާފައެވެ. އަދި އަބުރާ ބެހޭ މީހުންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.