މަންކީ ޕޮކްސް އަކީ ސްމޯލްޕޮކްސް އާއިލާގެ ވައްތަރެކެވެ. ދުނިޔޭގައި މަދުން ނޫނީ ނުފެންނަ "މަންކީ ޕޮކްސް" ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ރާމާމަކުނުތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ ދިރާސާއަކުންނެވެ.
ޕަބްލިކް ހެލްތުން ހާމަކުރާގޮތުން މިއީ ވަރަށް އަވަހަށް ރަނގަޅުކުރެވޭ އިންފެކްޝަނެކެވެ. އެހާ ފަސޭހައިން ނުފެތުރުނު ނަމަވެސް ދިފާއީނިޒާމް ބަލިކަށި މީހުންނަށް މިއިންފެކްޝަންގެ ސަބަބުން ބައެއްފަހަރު ނުރައްކާ ބޮޑުވެގެން ދެއެވެ.
"މަންކީ ޕޮކްސް" ޖެހޭމީހުން ގަދަޔަށް ހުންއައިސް ބޮލުގައި ރިއްސުމުގެ އިތުރުން ގައިގެ އެކިތަންތަކުގައި ރިއްސާނެ އެވެ. އަދި ބައެއްމީހުން އާދަޔާހިލާފަށް ވަރުބަލިކަން އިހުސާސްކުރަން ޖެހެއެވެ. ޗިކަން ޕޮކްސް ގެ އަލާމާތްތަކާއި އެއްގޮތަށް މަންކީ ޕޮކްސް އިން ވެސް ގައިގެ އެކިތަންތަނުގައި ބޮޑެތި ބިހި ނަގައެވެ. ފުރަތަމަކޮޅު މޫނުގެ އެކިހިސާބު ތަކުގައި ބިހި ނަގަމުން ގޮސް މުޅި ގަޔަށް ފެތުރިގެން ދެއެވެ. އަދި ޗިކެންޕޮކްސްގެ ބިހިތަކާއި ހިލާފަށް މަންކީ ޕޮކްސް ޖެހުމުން ބޮޑެތި ބިހިތައް ނަގައެވެ. ގޮށްލައި ބައެއް މީހުންނަށް ބޮޑުވަރުވެގެންދެ އެވެ.
ދުނިޔޭގައި ފެތުރޭ އެހެނިހެން މުހިންމު ނުވަތަ އާދަޔާ ހިލާފު އައުޓްބްރޭކް ތަކެކޭ އެއްގޮތަށް މި އައުޓްބްރޭކްވެސް މޮނީޓާކޮށް ރިސްކު އެސެސްމަންޓްތައް މިހާރު އަންނަނީ ހަދަމުންނެވެ. އަދި އެ ބައްޔާ ގުޅޭ މައުލޫމާތު ސިއްހީ ފަރުވާދޭ ފަރާތްތަކާއި ހިއްސާކުރުމާއި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކޭހެއް ފެނިއްޖެ ނަމަ އެކަމާ ގުޅިގެން އަމަލުކުރާނޭ އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްވެސް ރާއްޖޭގެ ކަމާގުޅޭ އިދާރާތަކުންވެސް މިހާރު އަންނަނީ ކުރަމުންވެ.
މިއީ ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ގަޔަށް އަރާ ބައްޔެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެ އެވެ. ނަމަވެސް އިންސާނަކަށް ބަލި ޖެހިއްޖެ ނަމަ އޭނާގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުމުގެ ފުރުސަތު އޮވެ އެވެ. އެގޮތުން މަންކީ ޕޮކްސް އިންސާނަކަށް ޖެހުނުކަމުގެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފައިވަނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. އެއީ ކުޑަކުއްޖެއްގެ ހަށިގަނޑުންނެވެ. މިހާތަނަށް ފެނިފައިވާ އެންމެ ގިނަ ކޭސްތައް ފެނިފައިވަނީވެސް އެގައުމުންނެވެ. ނަމަވެސް އެފްރިކާގެ ހުޅަނގާއި މެދުތެރޭގެ ހިސާބުތަކުންވެސް މަންކީޕޮކްސްގެ ކޭސްތައް ފެނިފައިވެއެވެ.
އެފްރިކާއިން ބޭރުން އެންމެ ފުރަތަމަ އިންސާނުންގެ ގައިން މަންކީޕޮކްސް ފެނިފައިވަނީ 2003 ވަނަ އަހަރު ޔޫއެސް އިންނެވެ. އެއީ އެފްރިކާގެ ގާނާއިން އެގައުމަށް އެތެރެކުރި ޖަނަވާރުތަކެއްގެ ފަރާތުންނެވެ.
މަންކީޕޮކްސްގެ ކޭސްތައް އާންމުކޮށް ފެންނަނީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުންނެވެ. ނަމަވެސް މިއިން ގައުމަކާއި ގުޅުމެއް ނެތްގޮތަށް، އެހެން ގައުމުތަކަށް ބަލި އައިސް ފެތުރެން ފެށި ގޮތް ނޭނގި މިފަދަ އައުޓްބްރޭކެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން، ކޭސްތައް ފެނިފައިވާ ގައުމުތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން މި އައުޓްބްރޭކް ފެތުރެން ފެށިގޮތާއި، މަންކީޕޮކްސް ފަތުރާ ވައިރަހަށް އަދި ބަލިޖެހޭ ގޮތަށް ބަދަލުތަކެއް އައިސްފައިވޭތޯ ދެނެގަތުމަށް ދިރާސާތައް އަންނަނީ ކުރަމުންނެވެ.
މި ވައިރަސް ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ނުވަތަ ޖަނަވާރެއް ނުވަތަ ތަގައްޔަރުވެފައިވާ ސާފޭސްއަކާ ކޮންޓެކްޓްވެގެންނެވެ. އާންމު ގޮތެއްގައި މިވައިރަސް ހަށިގަނޑުގެ ތެރެއަށް ވަންނަނީ ހަންގަނޑުގައި ހުންނަ ބިހިތައް ފަޅައިގެން ގޮސް އެތަނުގައި ހުންނަ ދިޔަ ތަކާއި ހަންތަކުންނެވެ. އަދި ނޭވާގެ ޒަރީއާއިންނާއި ލޮލުގަޔާއި ނޭފަތާއި އަނގައިގައި ހުންނަ މިއުކަސް މެމްބްރޭންގެ ޒަރިއްޔާއިންވެސް މިބަލިޖެހުމުގެ ފުރުސަތު އޮވެ އެވެ. އޭގެ އިތުރުންވެސް ބަލިމީހާގެ އަންނައުނާއި، ބެޑްޝީޓް، ތުވާލިފަދަ ތަކެތީގައި ޖެހުމުންވެސް މިބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް ގައިންގަޔަށް މި ބަލި ފެތުރޭނީ ބަލިޖެހިފައި ހުރި މީހަކާއި ގިނައިރު ކޮންޓެކްޓުވެގެންނެވެ.
ސިއްހީ އޮފިޝަލުން ކަންބޮޑުވަނީ، މި ވައިރަސް އެއްތަނުން އަނެއްތަނަށް އުފުލާ މައިގަނޑު ސަބަބު ދެނެނުގަނެވޭތީ އެވެ. ނަމަވެސް އެކަން ހިނގަނީ، މީދަލާއި ޖަންގަލި ޖަނަވާރުތަކުގެ ސަބަބުންކަމަށް ބައެއް ސިއްހީ މާހިރުން ލަފާކުރެ އެވެ.
މިހާތަނަށް ސައިންސްވެރިން ވަނީ މަންކީޕޮކްސްގެ ދެ ވައްތަރެއްގެ ވައިރަސް ދެނެގަނެފައެވެ. އެއީ ހުޅަނގު އެފްރިކާ ކްލޭޑް އަދި ކޮންގޯ ބޭސިން ކްލޭޑްއެވެ. މީގެތެރެއިން ނުރައްކާތެރިކަން ކުޑައީ ހުޅަނގު އެފްރިކާ ކްލޭޑްގައެވެ. ހުޅަނގު އެފްރިކާ ކްލޭޑްގެ ވައިރަސް ޖެހޭ މީހުންގެ ތެރެއިން މަރުވަނީ އެވައިރަސް ޖެހޭ މީހުންގެ އެކެއް އިންސައްތަ މީހުންނެވެ. ނަމަވެސް ކޮންގޯ ބޭސިން ކްލޭޑް ޖެހޭ ކޮންމެ 10 މީހަކުން އެއް މީހަކު މަރުވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
މަންކީ ޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރިއްސުމާއި، ވަރުބަލިވުމާއި، ކަރުގައާއި އުކުޅުވަޅު އަދި ހަށިގަނޑުގެ ބައެއް ސަރަހައްދުތަކުގައި ގޮށްލުން ހިމެނެ އެވެ. އޭގެ އިތުރުން ބޮލުގައި ރިއްސުމާއި ކަރުގައި ރިއްސުންވެސް އަލާމާތްތަކުގެ ތެރޭގައި ހިމެނެ އެވެ.
ސިއްހީ މާހިރުން ބުނާގޮތުގައި މަންކީ ޕޮކްސް ޖެހޭތާ ހަތަރު ވަރަކަށް ދުވަސްފަހުން ގައިގެ އެކި ތަންތަނުގައި ބޮޑެތި ބިހި ނަގަން ފަށައެވެ. ބިހިތައް ފެންފޮޅުގޮތަށް ހުރެ އޭގެ ދުވަސްތަކެއްފަހުން ފަޅައިގެންގޮސް ކުރަލައެވެ. އަދި މިތަނުން ފައިބާ ފެން ނުވަތަ ދޮސް އެހެން ތަންތަނުގައި ޖެހުމުން މި ބަލި އެހެން މީހުންގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮވެއެވެ. އަދި ކުރަލައި ކުރަ ވެއްޓެންދެން އެހެން މީހުންގެ ގަޔަށް މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.
މިބަލީގައި ދެ ހަފުތާއަށްވުރެ ގިނަ މުއްދަތެއް ހޭދަ ކުރަންޖެހެ އެވެ. ބައެއް ހާލަތްތަކުގައި މި ބަލި ޖެހުމުން ލޮލުގެ ތެރެއިންވެސް ބިހުތައް ނަގައި ރަނގަޅު ފަރުވާއެއް ނުދެވިއްޖެ ނަމަ ފެނުމަށް އަސަރުކުރެ އެވެ.
މަންކީޕޮކްސް އަށް ފަރުވާ ދިނުމުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދެނީ އަލާމާތްތައް ލުއި ކުރުމަށެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި، މަންކީޕޮކްސް އިންފެކްޝަނަށް ސީދާ ފަރުވާއެއް ނެތެވެ.
ސިއްހީ ބައެއް މާހިރުން ބުނާގޮތުގައި ސްމޯލްޕޮކްސް ވެކްސިނަކީ މަންކީޕޮކްސް އިންފެކްޝަންތަކުން ދުރުކޮށްދީ، އަލާމާތްތަކުގެ ނުރައްކާތެރިކަން ކުޑަކުރުމަށް އެހީތެރިވެދޭ ވެކްސިނެކެވެ. އަދި ބަލީގެ ޝިކާރައަކަށް ވުމަށްފަހު ވެކްސިން ޖެހުމަކީ ވެސް ގަދައަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މަންކީޕޮކްސް އަކީ އެފްރިކާއިން ބޭރުން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ނަމަވެސް، ޔޫރަޕާއި އުތުރު އެމެރިކާ އަދި އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުން
މިބައްޔަށް ޕޮޒިޓިވް މީހުން ވަނީ ފެނިފައެވެ. އަދި އިތުރު ގައުމުތަކުން ވެސް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
މަންކީ ޕޮކްސްގެ އަލާމާތްތައް ފެންނަ ނަމަ ބަލި ދެނެގަތުމަށް ޕީސީއާރް ޓެސްޓެއް ކުރެ އެވެ. އެ ޓެސްޓު ކުރަނީ ގައިގައި ނަގާފައި ހުންނަ ބިހި ފަޅައި އޭގައި ހުންނަ ދިޔަ ބެނުންކޮށްގެންނެވެ.
ސިއްހަތު ޖަމިއްޔާއިން ވަނީ މިބަލި ދުވަހަކު ވެސް ނުފެންނަ ގައުމުތަކުން ފެންނަކަން ހާމަ ކުރަމުން ބަލި ފެތުރޭ މިންވަރު އިތުރުވެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ލަފާ ކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނީ މަންކީޕޮކްސް ކުއްލިއަކަށް ފެތުރެން ފެށި ސަބަބު އަދި ހޯދިފައިނުވާ ކަމަށެވެ. ނަމަވެސް އެ ބަލި ފެތުރެން ދިމާވީ ބަލި ފަތުރާ ވައިރަހަށް ބަދަލުތަކެއް އައިސްގެން ކަމަށް ވެދާނެ ކަމަށް އެ ޖަމިއްޔާއިން ލަފާކުރެ އެވެ.
އެޖަމިއްޔާއިން ބުނީ މި ބަލި ކުއްލިއަކަށް ހަލުވި ކަމާއެކު ފެތުރެން ދިމާވި އެއް ސަބަބަކީ އެ ވައިރަސްގެ އާވޭރިއެންޓެއް ފެތުރެން ފެށުން ކަމަށާއި ނަމަވެސް މިހާރު ފެތުރެމުން ދަނީ މަންކީޕޮކްސްގެ އާވައްތަރެއް ކަމަށް ޔަގީން ކަމާއެކު ބުނެވޭވަރަށް ހެކި އަދި ލިބިފައި ނެތް ކަމަށެވެ. މަންކީޕޮކްސް ކުއްލިއަކަށް ފެތުރެން ފަށާފައިވާ ދެވަނަ ގޮތަކީ އެ ވައިރަސް ހަރަކަތްތެރިވާ ހިސާބަތް ބަދަލުތަކެއް އައިސްގެން ކަމަށް ބެލެވޭ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނީ މަންކީ ޕޮކްސް އަކީ ބަލި ޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓް ވުމުން ފެތުރޭ ބައްޔަކަށްވުމާއެކު މިވަގުތު ރާއްޖޭގައި މިބަލި ފެތުރުމުގެ ރިސްކް ކުޑަކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންނަމަވެސް ގިނަ ގައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ގައުމުތަކުން ކޭސްތައް ފެނިދާނެ ކަމަށް ބެލެވޭ ކަމަށާއި އެއާ ގުޅިގެން ރާއްޖެއަށްވެސް ކޭހެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއަށްވެސް މަންކީޕޮކްސްގެ ކޭހެއް އައުން އެކަށީގެންވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އެދޭ ކަމަށެވެ. އެގޮތުން މަންކީޕޮކްސް އާއި އެފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފުކުރުމާއި މާސްކު އެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެން މީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުމަށް ވަނީ އެދިފައެެވެ.