ހަސަން ލަތީފް

ހަސަން ލަތީފް ގާސިމް އިބްރާހީމަށް: ގުޅުން ހީނަރުވާ ޒާތުގެ ކަންކަން ކުރުން ހުއްޓަވައިލައްވާ!

1

ގުޅިފައިވާ ޕާޓީ ތަކުގެ ބަދަހި ގުޅުން ހީނަރުވާ ޒާތުގެ ކަންކަން ކުރެއްވުން ހުއްޓަވައިލެއްވުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ގޮވައިލައްވައިފި އެވެ.

ލަތީފު މި ކަމަށް ގޮވައިލެއްވީ މީގެ ކުޑަ އިރުކޮޅެއް ކުރީން އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ.

ލަތީފުގެ ޓްވީޓުގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ ދުވަސްތަކެއް ވަންދެން ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުން މިހާ ހިސާބަށް ގެނެވިފައިވާ ގުޅުމެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން މިގޮތަށް ޓްވީޓެއް ކުރެއްވި އިރު، އަލްހާން ފަހުމީ ރައީސް ނަޝީދާ ދެކޮޅަށް ކުރެއްވި ޓްވީޓަކަށް ގާސިމް އިބްރާހީމް ތާއިދު ކުރެއްވި މައްސަލައެއް ވަނީ ހޫނުވެފަ އެވެ. ރައީސް ނަޝީދު އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާ އިރު އެމްޑީޕީން ބުނެފައި ވަނީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގަންނަވާނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ.

އަލްހާން ފަހުމީ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ވިޔަސް ކަންކަން ހައްލުކުރަން ވާނީ އެހެން ބޭފުޅުންނެކޭ ވެސް ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ. ވެރިކަން ލިބުނީމާ ގާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށް އަލްހާން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟