މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންވެންޝަނެއް ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ދިވެހި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކޮންވެންޝަނެއް ފަށައިފިއެވެ.

ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ރާއްޖޭގައި ފުޅާކުރެވޭނެ ވިޔަފާރިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ މި ކޮންވެންޝަން ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

ދަރުބާރުގޭގައި މިއަދު ފެށި މި ކޮންވެންޝަން މާދަމާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބާއްވާ ބިޒްނަސް ކޮންވެންޝަނުގައި ޚިޔާލު ހޯދާނެ ދާއިރާތަކުގެ ތެރޭގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ގައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކާއި މަސައްކަތްތެރިންނާއި އިގްތިސޯދު ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ދަނޑުވެރިކަމާއި އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ދާއިރާ އާއި ޓެކްނޮލޮޖީގެ ވިޔަފާރިގެ ދާއިރާ ތަރައްގީކުރުމާއި އަންހެން ވިޔަފާރިވެރިން އަދި ޓެކްސް ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ.

އޭގެ އިތުރުން ކާނާގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކަށް ހުރި މައްސަލަތަކާ ގުޅޭ ގޮތުން ހާއްސަ ޕްރެޒެންޓޭޝަންތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޓެކްސްގެ ނިޒާމުގައި ހުރި މައްސަލަތަކާއި މަސައްކަތްތެރިންނާއި އިގްތިސާދާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަންތައް ވެސް ދޭނެ ކަމަށް ބުނެފައިވެއެވެ.

މި ކޮންވެންޝަންގައި އަތޮޅު ތެރެއިން ވެސް ބައެއް ވިޔަފާރިވެރިން ބައިވެރިވެ އެވެ. އަދި ކައުންސިލްތަކުން ވާޗުއަލް ކެމްޕަސް ޓެކްނޮލޮޖީ މެދުވެރިކޮށް ބައިވެރިވެފައިވެ އެވެ

ވިޔަފާރިވެރިންނަށް ނެޓްވޯކިން ސެޝަންތަކާއި ޕްރެޒެންޓޭޝަންތަކާއި ގްރޫޕް ޑިސްކަޝަންތައް މި ކޮންވެންޝަންގައި ކުރިއަށްދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެއިތުރުން މި ކޮންވެންޝަންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސަރުކާރުގެ އިދާރާތަކާއި މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އަދި ބޭންކިން އާއި އިންޝޫރެންސްގެ ޚިދުމަތް ދޭ ފަރާތްތަކުގެ ހިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަދާފައިވާ ނޮލެޖް ހަބް ހުޅުވައިދެއްވައިފައެވެ.

ނޮލެޖް ހަބުގެ ބޭނުމަކީ މި ކޮންވެންޝަނުގެ ތެރެއިން އެ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި ގުޅޭގޮތުން މައުލޫމާތު، ވިޔަފާރިތަކަށް ލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.