ބޮލީވުޑް

ސޮނާލީގެ އެނބުރި އައުން، އެކަމަކު މިފަހަރު ފިލްމަކުން ނޫން

ބޮލީވުޑް ތަރި ސޮނާލީ ބެންޑްރޭއަށް މިދިޔަ އަހަރު ކެންސަރު ޖެހުމަށްފަހު ވަނީ ސްކްރީނާ ދުރަށްގޮސް ނިއުޔޯކަށް ބޭސް ކުރުމަށް ބަދަލުވެފައެވެ.

ސޮނާލީ އަންނަނީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އޭނާގެ ފޭނުން އިންސްޕަޔާ ކުރަމުންނެވެ. ބޮލީވުޑްގެ ގިނަ ތަރިންނާއި އާއިލާއާއި ރައްޓެހިންނާއި ފޭނުން އަދި ބޮލީވުޑަށް ސަޕޯޓު ކުރާ އެންމެންވެސް އަންނަނީ ސޮނާލީގެ ހިތްވަރަށް ސާބަން ދެމުންނެވެ.

ބޮލީވުޑްގެ ތަރީންގެ ތެރެއިން ގަޔަތްރީ އޯބްރޯއީ، ސުޒޭން ޚާން، ރިތިކް ރޯޝަން އަދި ޕްރިޔަންކާ ޗޯޕް ވަނީ ސޮނާލީއާ ނިއު ޔޯކުގައި ބައްދަލު ވެސް ކޮށްފައެވެ.

ބޭސްފަރުވާއިން ކުޑަ ޗުއްޓީއެއް ނެގުމަށްފަހު ސޮނާލީ ވަނީ އިންޑިއާގައި ފާއިތުވި ދެމަސް ހޭދަކޮށްފައެވެ. އަދި އޭނާ ވަނީ ސްކްރީން ކުރިމައްޗަށްވެސް އަރައިފައެވެ. 

ސޮނާލީގެ އިންސްޓަގްރާމުގައި ވަނީ އެނބުރި ސްކްރީން ކުރިމައްޗަށް އައުމުން ވި އިހްސާސްތައް ހިއްސާކޮށްފައެވެ. އެއީ ބައިނަލްް އަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ހަދާ ޕްރޮގްރާމެއްގެ ވީޑިއޯއެކެވެ.

ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މައިންނަކީ ހުރިހާ ސުވާލެއްގެ ޖަވާބު ދެވޭނެ ބަޔެކެވެ. ބޮޑެތި ޕްރެޝަރުތަކާއެކުވެސް މީހުންގެ އެހީއަށް އަހަނީ މަދު ހާލަތެއްގައެވެ. ނަމަވެސް މައިންނަށްވެސް އެނގެންޖެހޭ ކަމަކީ ދަސްވެފައިހުރި އެއްޗެއް އެހެން މީހުނާ ހިއްސާކުރުމުގެ މުހިއްމުކަމެވެ. ހުރިހާ ކަމަކަށް ހައްލު ލިބުމަކީ ނާދިރު ކަމެއް ކަމަށާއި ނަމަވެސް އެ ހާލަތްތަކުން މީހާއަށް ގިނަ ކަންކަން ދަސްވެ ދެނެގަނެވޭކަމަށް ސޮނާލީގެ ޕޯސްޓުގައި ވެއެވެ.

މީގެ އިތުރުން އަބަދުވެސް އޭނާގެ އަމިއްލަ ވާހަކަތައް ހިއްސާކުރާ ހިތްވާ ކަމަށާއި، ފޭނުންގެ ވާހަކަތައްވެސް އަޑު އަހާލަން ބޭނުން ކަމަށް ބުނެފައިވެއެވެ.

ސޮނާލީ އެންމެ ފަހުން ފެނިގެން ދިޔަނީ "ވަންސް އަޕޯން އަ ޓައިމް މުމްބައި ދޮބާރާ" ފިލްމުންނެވެ.