ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ޕްރައިމަރީން ނާކާމިޔާބުވި އެއްވެސް މެމްބަރަކު މަޖިލިސް އިންތިހާބުގައި ވާދަނުކުރާނެ ކަމަށް އުންމީދުކުރަން: ނަޝީދު

1

ޕްރައިމަރީގައި ނާކާމިޔާބުވި އެމްޑީޕީގެ އެއްވެސް މެމްބަރަކު ޕާޓީގެ އުސޫލާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ޕާޓީގެ ޕްރައިމަރީތަކުން ބަލިވާ ކެންޑިޑޭޓުންނަށް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ބުނެ މިއަދު ސުޕްރީމް ކޯޓުން އަމުރާ ގުޅިގެންނެވެ. އެ އަމުރުގައިވާ ގޮތުގައި ޕްރަމަރީތަކުން ބަލިވި ކެންޑިޑޭޓުން މަޖިލީހަށް ކުރިމަތިލުމުގެ ފޯމް މާޗް ހަތަރަކާ ހަމައަށް ބަލައިގަންނަން ޖެހޭނެ ކަމަށް އަމުރު ކުރުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް 19 އެމްޑީޕީ ޕްރައިމަރީގައި މިފަހަރު ކާމިޔާބު ނުލިބުނު އެމްޑީޕީގެ އެއްވެސް މެމްބަރެއް އެމްޑީޕީގެ އުސޫލާ ހިލާފަށް އަލުން އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޕާޓީގެ ހުރިހާ މެމްބަރުންވެސް ޕާޓީ އާއި ރާއްޖޭގެ ސިޔާސީ މަސްލަހަތަށް ބައްލަވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އެ އަމުރާ ގުޅިގެން މީގެ ކުރިން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ސުޕްރީމް ކޯޓަށް އިތުރު ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ ކޯޓުތަކުގެ އަގު ވެއްޓި އިތުބާރު ގެއްލޭ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން އިންތިހާބަށް ނުފޫޒު ފޯރުވާތީ ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ކަނޑައެޅުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އިންތިހާބަކަށް ކުރިމަތިލުން ފަދަ ޑިމޮކްރަސީއަށް ނުފޫޒު ފޯރާފަދަ ކަންކަމަށް ހުކުމްކުރުމަކީ ކޯޓުތަކުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި ކޯޓުތަކުގެ ޑިމޮކްރަސީއަށް ނުފޫޒު ފޯރުކުރުވުމުގެ އަމަލުތަކުގެ ސަބަބުން ރާއްޖެއަށް މީގެ ކުރިންވެސް ފޫނުބެދޭ ފަދަ ގެއްލުންތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރާ ގުޅިގެން އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވަނީ ޕްރައިމަރީން ބަލިވި ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅަން އިތުރު ފުރުސަތު ދިން ނަމަވެސް، އިންތިހާބު ބާއްވަން ހަމަޖައްސައިފައިވާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟