ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްއެމްގެ މެންބަރުން ޕީޕީއެމް އާއި ޕީއެންސީގެ ދިދަ އާއި ލޯގޯ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޯލީޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިހާރު އިއުލާން ކޮށްފައިވާކަމަށެވެ.
އަދި އަމިއްލަ މެންބަރުން ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި، ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކޮށްގެން ކެމްޕެއިން ކުރިނަމަވެސް އެފަރާތްތަކަށް ޕާޓީން ތާއީދު ނުކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި ޕީޕީއެމް އާއި ޕީއެންސީގެ މެންބަރަކު އަމިއްލަ ގޮތުން ވާދަކުރައްވާނަމަ އެކަން ކުރަނީ އެމްޑީޕީ އަށް ގިނަ ގޮނޑި ހޯދައިދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ޕީޕީއެމުން މަޖިލިސް ޓިކެޓް ދިނުމަށްފަހު ބައެއް މީހުންގެ އަތުން ޓިކެޓް އަތުލާފައިވާއިރު، ބައެއް ފަރާތްތަކުން މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ވަނީ ނިންމައިފައެވެ.
ސިޔާސީ ޕާޓީތަކުގެ ހުއްދަ ނެތި ޕާޓީތަކުގެ ކުލަ އެއްވެސް ފަރާތަކުން ބޭނުން ކުރުމަކީ ކުށެއް ކަމަށް ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.