ޝަހީދާ އަބްދުﷲ ސައީދު
ވައްކަމާއި ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށް، ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް އެހުމުގެ ވަގުތު ޖެހުނު އިރު، މެންބަރުން ހަމަނުވުމުގެ މައްސަލަ ބަލައި، ޖޭޕީން ހާޒިރުނުވާ ނުވާ މެންބަރުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
މަޖިލިސް ޖަލްސާ ނިންމަވައިލެއްވުމަށްފަހު ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވީ މިއަދުގެ ޖަލްސާ ބޭއްވުމުގެ ކުރިން ޖޭޕީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައިވާނެ ކަމަށާއި ވިޕާ އެއްގޮތަށް ވޯޓް ދެއްވާނެ ކަމަށް ހުރިހާ މެންބަރުންވެސް އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި ރިޔާސީ ކޮމިޝަނުގެ ބިލަށް ވޯޓަށް ނޭހުނީ މަޖިލީހުގައި 43 މެންބަރުން ހަމަނުވުމުން ކަމަށާއި ސަރުކާރު ކޯލިޝަންގައި ވެސް 43 މެންބަރުންނަށް ވުރެ އިތުރަށް ތިއްބަވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މަޖިލީހަށް މިއަދު ވަޑައި ނުގެންނެވި މެންބަރުން ވަޑައިނުގެން ސަބަބަކީ ކޮބައިތޯ ސުވާލު ކުރެއްވުމަށްފަހު އެމެންބަރުންގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ފޮނުއްވާނެ ކަމަށެވެ.
''ވަޑައިނުގެންނެވި މެންބަރުން ވަޑައިނުގަތީ ކޮން ސަބަބަކާ ހުރެތޯ އަޅުގަނޑު ސުވާލުކުރާނަން. ސުވާލުކޮށްފައި އެބެފުޅުންގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވާނަން. ހުރިހާ ބޭފުޅުންނަށް ވެސް ވަކިވަކިން އަޅުގަނޑުވެސް ވާނީ އަންގާފަ މިއަދު މަޖިލިސް އޮންނާނެކަން. ހަމައެކަނި ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް އެކަންޏެއް ނޫން، އެމްޑީޕީގެ މެންބަރުންނަށް ވެސް މިނިވަން މެންބަރުންނަށް ވެސް ވަކިވަކިން އަޅުގަނޑުވެސް އަންގާފަ އޮންނާނެ.'' ރިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންނާ ގުޅުންހުރި ކަންކަމުގެ ބިލަށް ވޯޓަށް އަހާނަމަ މަދުވެގެން މަޖިލީހުގެ ތަޅުމުގައި 43 މެންބަރުން ތިއްބަވަންޖެހެއެވެ. ނަމަވެސް މިއަދު ވޯޓަށް އެހިއިރު ތިއްބެވީ މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން 42 މެންބަރުންނެވެ.
އެހެންކަމުން މިއަދުގެ ޖަލްސާ ނިންމަވައިލެއްވީ ރިޔާސީ ކޮމިޝަނުގެ ބިލަށް ވޯޓަށް ނާހައެވެ. ހުސްވި 2018ވަނަ އަހަރުގެ ފަހު ޖަލްސާގައިވެސް ރިޔާސީ ކޮމިޝަނުގެ ބިލަށް ވޯޓަށް ނޭހުނީ ސަރުކާރު ކޯލިޝަންގެ ބައެއް މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައި ނުގަތުމުންނެވެ.