މަންމަޔަކަށްވުމަކީ ކޮންމެ އަންހެނަކަށްވެސް މުޅިން އާހަޔާތަކަށް އުފަންވުން ކަހަލަ ކަމެކެވެ. ކުރެވޭ އިހުސާސްތަކާއި ފިކުރުތަކާއި ހިޔާލުތައް މުޅިންހެން ތަފާތުވެދެއެވެ. މާބަނޑުވުމުން، ހޯމޯނަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ދިމާވާ ނަފުސާނީ އަދި ޖިސްމާނީ ބަދަލުތައް މީހާ ވަރަށް ބޮޑަށް ބަދަލުކޮށްލައެވެ. އާންމުކޮށްވެސް މައްސަރުކަންތައް ދިމާވުމުންވެސް އަންހެނުންނަށް ތަފާތު ބަދަލުތައް އާދެއެވެ. މިގޮތުން ލޭމައްޗަށް ދިއުމާއި ހަކުރު މަތިވުމުގެ މައްސަލަތައް ކުރިން ޖެހިފައިނުވާ މީހަކުވެސް، މާބަނޑުވުމަށްފަހު މިކަންތައްތަކާމެދު ސަމާލުވާން ޖެހެއެވެ.
މާބަނޑުވުމާއެކު ތަފާތު އެތައް ކަންތައްތަކެއް މީހާގެ ހިތްހަމަޖެހުމަށްޓަކައި ކުރެވޭއިރު، ހިތަށްވެސް ނާރާފަދަ، މާބަނޑުވުމުގެ ކުރިން ދުވަހަކުވެސް ނާންނަ ބަދަލުތަކެއް އާދެއެވެ. އެގޮތުން ދަރިފުޅު އައުމަށް ކުރެވޭ އިންތިޒާރުގައި، އަންނަން އުޅޭ އާ މެންބަރަށްޓަކައި ބޮޑެތި ތައްޔާރީތައް ވެއެވެ. އުޅޭ ކޮޓަރިއާއި ހިފައި ގެންގުޅޭ ސާމާނަށް ބަދަލު ގެނެއެވެ. އިތުރުކުރުމާއި އާކުރުމުގެ ސިލްސިލާއެއް ފެށެއެވެ. މިއުފާވެރި މަންޒަރުތައް ވިހެއުމުގެ ދުވަސް ގާތްވަމުން އަންނަވަރަކަށް ދާނީ އިތުރުވަމުންނެވެ.
މި މަރުހަލާގައި ހަށިގަނޑަށް އަންނަ ކުދިކުދި ބަދަލުތަކުން ފެށިގެން ބޮޑެތި ބަދަލުތަކާމެދު ވިސްނައިލެވުނު ބާވައެވެ. ވަރުބަލިވުމާއި ވަރުދެރަވުމާއި ކުރިއާ އަޅައިބަލާއިރު ކަންތައްތަކަށް ސަމާލުކަން ދެވުން ދުރުވުމާއެކު ކަންތައްތައް ހަނދާންނެތޭ ފަހަރު އާދެއެވެ. ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން މޫޑު ސްވިންގްސް، ނުވަތަ އަވަސްއަވަހަށް މޫޑު ބަދަލުވުން، ލާ އަންނައުނާއި އެހެނިހެން ސާމާނުގެ ސައިޒު ބަދަލުވުމުން އަލުން މިތަކެތި ހޯދުމުގައި އުޅޭއިރު އަންނަ ވިސްނުންތަކާއި ނިޔަފަތިތަކަށާއި އިސްތަށިގަނޑަށާއި ހަމަށްވެސް ބަދަލު އާދެއެވެ. މިފަދަ ކަންތައްތަކުގެ ތެރެއިން ހަކުރުމަތިވުމާ ބެހޭ ގޮތުން ދެނެގަތުން ވަރަށް މުހިންމެވެ. މާބަނޑު ނުވާއިރު، ހަކުރުގެ އެއްވެސް މައްސަލައެއް ނެތް މީހެއްކަމަށްވިޔަސް މާބަނޑުވުމަށްފަހު ވިހެއުމާ ހަމައަށް ހަކުރުމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
(މިއީ އެމެރިކާގެ ޑައިބެޓީސް އެސޯސިއޭޝަނުން، މެޑިސިން ޑޮކްޓަރ މައިކަލް ޑޭންސިންގާ އޭނާގެ މެޑިކަލް ބަޔާންތަކުގައި ހާމަކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން، ދިވެހިންގެ އިތުބާރު ލިބިފައިވާ، އައިޖީއެމްއެޗްގެ ފިޒިޝަން ޑޮކްޓަރ މުހައްމަދު އަލީ "މާބަނޑުއިރު ހަކުރުމަތިވުން" އާ ބެހޭ ގޮތުން ހިއްސާކޮށްފައިވާ މައުލޫމާތުތައް ހިމަނައިގެން ލިޔެފައިވާ ލިޔުމެކެވެ.)
މާބަނޑުއިރު ހަކުރުމަތި ވަނީ ކީއްވެގެންހެއްޔެވެ؟ މާބަނޑުވުމާއެކުގައި ރަހިމުގައި މަސް އަށަގަނެއެވެ. މަހުން ކުރަން ޖެހޭ މަސައްކަތްތައް ގިނައެވެ. އެގޮތުން މަހުން އެތައް ބައިވަރު ހޯމޯންތަކެއް އުފައްދައެވެ. އޭގެ ތެރޭގައި ގިނައީ ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ހޯމޯންތަކެވެ. އެއީ ގުރޯތު ހޯމޯން، ކޯޓިކޯ ޓްރޮފިން ރިލީޒިން ހޯމޯން، ޕްލެސެންޓަލް ލެކްޓޮޖަން، ޕްރޮލެކްޓިން އަދި ޕްރޮޖެސްޓްރޯން އެވެ. މިހޯމޯންތައް އެންމެ ބާރުގަދަވެގަންނާނީ ފަހު 3 މަހުގެ ތެރޭގައެވެ.
ޖީ.ޑީ.އެމް ނުވަތަ މާބަނޑުއިރު ހަކުރު މަތިވުމަށް މެދުވެރިވާ އެންމެ މުހިންމު މައްސަލައަކީ، މާބަނޑުވުމާ ވިދިގެން އިންސުލިން މަސައްކަތް ކުރާ މިންވަރާ އެއްވަރަށް އިންސިއުލިން އުފައްދައިނުދެވުމެވެ.
ގެސްޓޭޝަނަލް ޑައިބަޓިސް މެލިޓަސް، (ޖީ.ޑީ.އެމް)، މިއީ މާބަނޑުވުމަށްފަހު 3 މަހާއި 9 މަހާ ދޭތެރޭ ހަދާ ލޭގެ ޓެސްޓުން ހަކުރު ބަލިކަމަށް ދެނެގަނެވުމުން ކިޔާ ނަމެކެވެ. އަދި މިގޮތަށް ދެނެގަނެވޭ މީހުން އޭގެ ކުރިން ހެދިފައި ހުރި ޓެސްޓުން ހަކުރު މަތިކަމަށް އޮވެގެން ނުވާނެއެވެ. އެމެރިކަން ޑައިބެޓީސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާންތަކުގައި، މެޑިސިން ޑޮކްޓަރ، އެމްޑީ މައިކަލް ޑޭންސިންގަރ، ހާމަކޮށްފައިވާ ގޮތުގައި ވިހެއުމަށްފަހު މައިމީހާގެ ހަށިގަނޑުން ޖީ.ޑީ.އެމް މުޅިން ނެތިގެން ހިނގައިދެއެވެ.
ޖީ.ޑީ.އެމް އަކީ ދުނިޔޭގެ ނިސްބަތުން އާންމު ބައްޔެއް ބާވައެވެ. ހަމަގައިމުވެސް މިއީ މަދު ކަމެކޭ ބުނެވޭކަށް ނެތެވެ. އެވްރެޖްކޮށް މުޅި ދުނިޔޭގައި %17 މީހުން މިބަލި ތަހައްމަލު ކުރެއެވެ. ނޯތުއެމެރިކާގައި %10 މީހުން މިބަލީގައި އުޅޭއިރު ދެކުނު އޭޝިޔާގައި %25 މީހުން މިބަލީގައި އުޅޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ހެނދުނު ހުސްބަނޑާ ހުރެގެން ހަދާ ހަކުރު ހުންނަން ވާނީ 95 މިލިގްރާމް/ޑީއެލް އަށްވުރެ ދަށްކޮށެވެ.
ކެއުމަށްފަހު 1 ގަޑިއިރު ފަހުން ހަކުރު ހުންނަން ވާނީ 140 މިލިގްރާމް/ ޑީއެލް އަށްވުރެ ދަށްކޮށެވެ.
ކެއުމަށްފަހު 2 ގަޑިއިރު ފަހުން ހަކުރު ހުންނަ ވަރު ހުންނަން ވާނީ 120 މިލިގްރާމް/ ޑީއެލްގައެވެ.
ވިހެއުމަށްފަހު ދެންވެސް ހަކުރު ޓެސްޓު ކުރަން ޖެހޭނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ މިންވަރު ގިނައެވެ. ވިހެއުމަށްފަހު ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށާއި އެންމެ މުހިންމު ކަމެއްގެ ގޮތުން ހަކުރު މަތިތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް މިޓެސްޓު ހެދުން ވަރަށްވެސް މުހިންމެވެ. ވިހެއުމަށްފަހު 12-4 ހަފުތާ ތެރޭގައި އަނެއްކާވެސް ގުލްކޯޒު ބޮއިގެން ހަދާ ހަކުރު ޓެސްޓު ކުރުން ވަރަށް މުހިންމެވެ.
ތިމާގެ ހަށިގަނޑުދެކެ ލޯބިވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިވާ ކަމެކެވެ، ނިހާޔަތަށް ލޯތްބާއެކު އަޅައިލައި އޯގާތެރިވެ ބަލަހައްޓަން ޖެހޭ ހަމައެކަނި ތަނަކީ މޫނު ކަމަށް ހީވާނަމަ އެއީ ގޯހެކެވެ. ހަށިގަނޑުގެ އެންމެ ބޮޑެތިކަންތަކުން ފެށިގެން އެންމެ ކުދިކުދި ކަންތަކާއި ހަމައަށްވެސް ސަމާލުވާންޖެހެއެވެ. ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް އޯގާތެރިވެ، އަޅައިލުން ދީ، ލޯތްބާއެކު ހަށިގަނޑު ބެލެހެއްޓުމަކީ އަމިއްލަ ޒިންމާއެކެވެ. އަމުދުން ބަލިވެ އިނުމަށްފަހު އިތުރަށް މިސަމާލުކަން ބޮޑުވާންޖެހެއެވެ. ހަކުރުމަތިވުމުގެ ސަބަބުން ދިމާވާކަންތައްތައް ނޭނގުމުން ލިބިދާނެ ގެއްލުން ކުޑައެއް ނުވާނެއެވެ. ބުރަ ކަމަކަށްވިޔަސް ހަށިގަނޑާމެދު ސަމާލުވެ، ކަންތައްތައް ހޯދައި، ކަންކަމަށް ހޭލުންތެރިވެ، ދެނެގަނެ، އޭގެ ބޭނުން ހިފުމުގެ ނަތީޖާ ފެންނާނީ ތަންކޮޅެއް ފަހުންނެވެ. ނުވަމަސް ފަހުން ދުޅަހެޔޮ، ކާމިޔާބު ވިހެއުމަކަށްފަހު، ނުހަނު ސިއްހަތު ރަނގަޅު ދަރިފުޅަކު އުރާލާ، ރައްކާތެރިކަމާއި އަމާންކަމާއެކު، ސަލާމަތުން ތިމާގެ ހަށިގަނޑު އަނބުރާ މިނިވަންވެއްޖެކަން އިހުސާސްވާ ހިނދު އެއްކަލަ ހަށިގަނޑަށް ލޯތްބާއެކު އަޅާލުން ދިންކަމުގެ އުފާ ލިބިގަނެވޭނެކަން ޔަގީނެވެ.