އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެންމެ މެންބަރެއް މަދުވުމުގެ ސަބަބުން ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށްޓަަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި، ކޮމިޝަނަށް ބާރުތައްދޭ ބިލަށް ވޯޓަކަށް ނޭހުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ބިލަށް ވޯޓަށް އަހާވަގުތު ޖެހުނުއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 42 މެންބަރުންނެވެ. މިއަދުގެ ޖަލްސާގައި، 43 މެންބަރުން ހަަމަނުވެގެން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވެސް ވޯޓަކަށް ނޭހުނެވެ.
އެހެންކަމުން ޖަލްސާގެ ރިޔާސަތުގައި އިންނަވައި، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ގާނޫނުއަސާސީ ބުނާގޮތުން އެ ދެ ބިލަށް ވޯޓަށް އެހޭނީ، ޖަލްސާގައި 43 މެންބަރުން ހަމަވެގެން ކަމަށެވެ.
"މި ދެބިލަށް އަޅުގަނޑަށް ވޯޓަށް އެހެން މިއަންނަނީ، 43 މެންބަރުން ހަމަވެގެން، މިހާރު ފްލޯގަ ތިއްބެވީ 42، އެހެންވީމަ އަޅުގަނޑަށް މިއަށް ވޯޓަށް އެހޭކަށް ނެތް، ގާނޫނުއަސާސީގަ ބުނަނީ 43 މެންބަރުން ހަމަވާން ޖެހޭނެ ކަމަށް،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި، ގޮތް ނޭނގޭ މަރުތަކާ ބެހޭ ކޮމިޝަނަށް އެކާށީގެންވާ ބާރުތަކެއް ލިބިފައި ނުވާތީ، އެ ދެކޮމިޝަންގެ މަސައްކަތްތައް ބޭނުންވާ އަވަސް ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ވަނީ މައްސަލަތަކެއްް ދިމާވެފަ އެވެ.
އެ ބިލު ފާސް ކުރުމަށް މިދިޔަ އަހަރުގެ އެންމެ ފަހު ދައުރުގައިވެސް މަޖިލީހުން ވަނީ މަސައްކަތް ކޮށްފައެވެ.
އެގޮތުން ހުސްވި އަހަރުގެ ޑިސެމްބަރު 15 ގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ވޭތުވެ ދިޔަ އަހަރުގެ އެންމެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާއަށް ވެސް މި މައްސަލަ އެޖެންޑާ ކުރެވުނެވެ. ނަމަވެސް އެދުވަހުވެސް ބޭނުންވާ އަދަދަށް މަޖިލީހުުގެ ޖަލްސާއަށް މެންބަރުން ހާޒިރު ނުވެގެން ބިލަށް ވަނީ ވޯޓަށް ނޭހިފަ އެވެ.
މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް ވަނީ މާދަމާވެސް މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރައްވައިފައެވެ.