ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފިތުރު އީދު ދުވަހަކަށް ވާނީ މި ފެށޭ މެއި މަހުގެ 2 ވާ ހޯމަ ދުވަހެވެ. ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައިވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް ފިތުރު އީދު ނުވަތަ ޝައްވާލު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ މެއި މަހުގެ 2 ވާ ހޯމަ ދުވަހެވެ.
ދިވެހިރާއްޖެ އާއި އަދިވެސް ގިނަ އިސްލާމީ ގައުމުތަކުގައި ހަނދު މަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުރެ، ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކޮށް އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހަމަ އެހެންމެ އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ހަނދު ނުފެންނާނެކަމަށް ދައްކާ ނަމަ ވެސް އޮތީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަ ކުރުމެވެ.
މިއަދަކީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައެއް ނުހުންނާނެއެވެ. އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ނެތުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު ނެތުން ކަމަށް ބެލެވޭތީ، މި އުސޫލުން ބަލާއިރު، މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
މިއަދު މާލެއަށް ހަނދު އޮއްސޭނީ 17:55 ގައެވެ. ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ ދުނިޔެއަށް ވެސް މިއަދު އިރަށް ވުރެ ކުރީން ހަނދު އޮއްސޭކަން ފަލަކީ ހިސާބުން ކަށަވަރުވެއެވެ.
މިރޭ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެކަން އިލްމީ ގޮތުން ކަށަވަރުވާތީ އާއި އިރުއޮއްސޭއިރު ފެންމަތީގައި ހަނދު ނުހުންނާނެތީ އިސްލާމީ އެއްވެސް ގައުމަކުން މިރޭ ހަނދުބެލުމުގެ ބޭނުމެއް ނެތްކަމަށް އިސްލާމީ ބައެއް ފިގުހުވެރީންނާއި އިސްލާމީ ފަލަކީ އިލްމުވެރީން ވިދާޅުވެއެވެ.
މިރޭ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެކަން އިލްމީ ގޮތުން ކަށަވަރުވާތީ އާއި އިރުއޮއްސޭއިރު ފެންމަތީގައި ހަނދު ނުހުންނާނެތީ އިސްލާމީ އެއްވެސް ގައުމަކުން މިރޭ ހަނދުބެލުމުގެ ބޭނުމެއް ނެތްކަމަށް އިސްލާމީ ބައެއް ފިގުހުވެރީންނާއި އިސްލާމީ ފަލަކީ ޢިލްމުވެރީން ވިދާޅުވެއެވެ.
2010 ވަނަ އަހަރު އަބޫދާބީގައި ބޭއްވި އިސްލާމީ ގައުމުތަކުގެ ދީނީ އިލްމުވެރީންނާއި ފަލަކީ އިލްމުވެރީންގެ ބައްދަލުވުމުން ވެސް ނިންމާފައިވަނީ "ހަނދުމަހެއްގެ ނަވާވީސްވާ ދުވަހުގެރޭގެ އިރުއޮއްސުމުގެ ކުރިން ހަނދުއޮއްސޭނެކަން ފަލަކީ ހިސާބުތަކުން ދައްކާނަމަ ހަނދު ބެލުމުގެ ބޭނުމެއް ނެތް" ކަމުގައެވެ. އެހެން ނަމަވެސް ފަލަކީ ހިސާބުތައް އެއްފަރާތް ކުރުމަށްފަހު ހަމައެކަނި ހަމަލޮލުން ހަނދު ސާބިތު ކުރުމަށް އިސްލާމީ ބައެއް ގައުމުތަކުގެ އިލްމުވެރީން ބާރުއަޅުއްވައެވެ. ބަންގާޅާއި ޕާކިސްތާނު ފަދަ އިސްލާމީ ބައެއް ގައުމުތަކަކީ މިގޮތުން ހަމަލޮލުން ހަނދު ސާބިތުކުރާ ގައުމުތަކެކެވެ.
އިސްލާމީ ގިނަ ގައުމުތަކުގައި ހަނދު މަސް ފެށުމުގައި އަމަލުކުރާ އުސޫލުން ބަލާއިރު، މާދަމާ، 1 މެއި 2022 ވާ އާދީއްތަ ދުވަހަކީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. އެހެންކަމުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކަށް ވާނީ 2 މެއި 2022 ވާ މެއި ދުވަހެވެ.