ސުޕްރީމް ކޯޓް

ޕްރައިމަރީން ބަލިވި މީހުން ފޯމު ހުށަހަޅައިފި ނަމަ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓިކެޓު ދިނުމަށް ސިޔާސީ ޕާޓީ ތަކުން ބޭއްވި އިންތިޚާބު ތަކުން ބަލިވި މީހުން، މަޖިލިސް އިންތިޚާބުގައި ވާދަކުރާން ބޭނުންވެގެން އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރީން ފޯމު ހުށަހަޅައިފި ނަމަ އެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މެންބަރަކު ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަނަށް ހުށަހަޅައިފިނަމަ، ކޮމިޝަނުން އެމީހެއްގެ ކެންޑިޑެންސީ ބާތިލް ކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެއީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ބުނެ އެ މާއްދާ އުވައިލުމަށް ދެ ފަރާތަކުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ އެމްޑީޕީ ޕްރައިމަރީން ބަލިވުމުގެ ސަބަބުން މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވެފައި އޮތް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ، އަބްދުﷲ ޖާބިރާއި، ގާނޫނީ ވަކީލު އަބްދުލް މާނިއު ހުސެއިން އެވެ. އަދި ސ. ހިތަދޫ، ގުލްހަޒާރުގޭ އަހްމަދު މުހައްމަދު ވެސް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަަލަ ކުރިއަށް ގެންގޮސްފައިވަނީ، ތިން ބޭފުޅުން ހުށަހެޅުއްވި މައްސަލަ އެއް އަޑުއެހުމެއްގެ ގޮތުގަ އެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ހަވީރު 04:00ގެ ކުރީން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވެފައިވާ ކެންޑިޑޭޓަކަށް އަމިއްލަ ގޮތުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކުން ވިޔަސް ވާދަކުރަން ފޯމު ހުށަހަޅައިފި ކަމަށްވާނަމަ އެ ފޯމެއް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހަށް އިސްލާހެއް ހުށަހަޅައި ފާސްކުރީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.