ރައްޔިތުންގެ މަޖިލިސް

މަޖިލިސް ޖަލްސާ: ބަހުސް މަރުހަލާ ނިންމާލައިފި، ދެން އޮންނާނީ ވޯޓަށް އެހުން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހުރި މައްސަލަތަކުގެ ބަހުސް މަރުހަލާ ނިންމައި މެންދުރުފަހު ވޯޓަށް އެހުމަށް އިއުލާންކޮށް ޖަލްސާ މެދު ކަނޑައިލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިއަދު ފަށައިފައިވާއިރު، މިއަދުގެ ޖަލްސާގައި ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލަށް ވޯޓަށް އެހުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިއަދުގެ ޖަލްސާގައިވަނީ ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދު ކުރުމާއި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށްޓަކައި ރާއްޖޭން، ތަސްދީގުކުރުމަށް ޓަކައި މަޖިލީހަށް ފޮނުވާފައިވާ ފްރޭމް ވޯކް އެގްރީމެންޓް ފޮ އެސްޓެބްލިޝިންގ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް، ތަސްދީގު ކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވާފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމާ ބެހޭ ބިލެއް ވަނީ ހުށަހަޅައިފައެވެ.

އެބިލު ހުށަހަޅުއްވައިދެއްވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ނައިބުކަން ކޮށްފައިވާ ބޭފުޅުންނަކީ އަބަދުމެ ގައުމާއި، ރައްޔިތުންގެ ލާބައާއި، މަންފާއަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވެފައި، އެފަރާތްތަކަކީ އިއްޒަތާއި ގަދަރާއި އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

އެބިލަށް ވާހަކަދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަކީ އެފަދަ ބޮޑު ހިދުމަތެއް ކޮށްދެއްވާފައިވާ ފަރާތަކަށް ދޭން އެންމެ ރަނގަޅު އިނާޔަތެއް ކަމަށެވެ. އަދި އިނާޔަތް ދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

މީގެއިތުރުން އެބިލަށް ވާހަކަދެއްކެވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ނައިބު ރައީސުންނަކީ އެބޭފުޅުން ގައުމަށް އެތައް ޚިދުމަތްތައް ކޮށްދެއްވާފައި ބޭފުޅުން ކަމަށް ވާތީ، އެބިލު ވަގުތީ ކޮމެޓީއަކަށް ފޮނުވައިގެން އަވަހަށް ގާނޫނަކަށް ބަދަލުވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެ ބިލަކީ ރައީސުލްޖުމްހޫރިއްޔާ ނައިބުގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ އެމަގާމުން ވަކިވެއްޖެނަމަ، ދައުލަތުގެ އެންމެމަތީ ވެރިޔާގެ ނައިބަށް ދޭންޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި، އިނާޔަތްތައް ބަޔާންކުރާ ގާނޫނެވެ.