ލުއި ޚަބަރު

އުމުރުން 65 އަހަރުގައި ދުވުމުގެ އައު ރިކޯޑެއް ގާއިމްކޮށްފި

އިނގިރޭސިވިލާތުގެ އުމުރުން 65 އަހަރުވީ ފިރިހެނަކު ދިހަ ކިލޯމީޓަރު ދުވުމުގައި ދުނިޔޭގެ އައު ރިކޯޑެއް ގާއިމްކޮށްފިއެވެ. އޭނާ ރޭސް ނިންމާފައިވަނީ 34 މިނިޓް 32 ސިކުންތުންނެވެ.

އެލިސްޓެއަރ ވޯކަރއަށް 65 އަހަރުން މަތީގެ މީހުންގެ ގިންތީގައި ދުނިޔޭގެ ރިކޯޑެއް ލިބުމަށްފަހު މިހާރު އުންމީދަކީ މިއަހަރުގެ ޖުލައި މަހު ފިންލެންޑުގައި އޮންނަ ވޯލްޑް ޗެމްޕިއަންޝިޕްގައި މުސްކުޅިންގެ އެކި އިވެންޓްތަކުން އެއްވަނަ ހޯދުމެވެ. ހުސްވި ހަފުތާގެ އާދީއްތަ ދުވަހު އޭނާ ދުނިޔޭގެ އައު ރިކޯޑަކާއެކު އެއްވަނަ ހޯދީ ބްރިޓިޝް މާސްޓާރސް ޗެމްޕިއަންޝިޕްގައެވެ.

އުމުރުން 65 އަހަރުން މަތީގެ ގިންތީގައި ކުރިން ދުނިޔޭގެ ރިކޯޑް ގާއިމްކޮށްފައިވާ ދުވުންތެރިޔާއަށްވުރެ ވޯކަރގެ ދުވުން އެއްމިނިޓް އަވަހެވެ. އޭނާ ބުނެފައިވަނީ މިވަރުގެ ތަފާތަކާއެކު ރޭސް ކާމިޔާބު ކުރެވޭނޭ ކަމަށް ހީވެސް ނުކުރާ ކަމުގައެވެ. މި އުމުރުފުރައިގައި އިންޑޯރ ތިން ކިލޯމީޓަރު ދުވުމުގެ ދުނިޔޭގެ ރިކޯޑުވެސް އޮންނަނީ ވޯކަރގެ އަތުގައެވެ.

ވޯކަރ އަކީ ކުރިން ރަގަބީ ތަރިއެކެވެ. އެކަން ހުއްޓައިލުމަށްފަހު ދެން މެރެތަންގައި ދުވުނީއެވެ. އެގޮތަށް ދުވެދުވެފައި އުމުރުން 38 އަހަރުގައި ދުވުންވެސް ހުއްޓައިލުމަށްފަހު ދެން އަލުން ދުވާންފެށީ އުމުރުން 58 އަހަރުވީ ފަހުންނެވެ. ވޯކަރ ބުނެފައިވަނީ ފިޓްކޮށް ހުރުމަށްޓަކައި އޭނާ ކުރާ ކަމަކީ ހަފުތާއަކު 70 މޭލަށް ދުވުން ކަމުގައެވެ.