އަންހެނުންނަށް ހަމަހަމަ ފުރުސަތު ނުދީ ޑިސްކްރިމިނޭޓް ކުރާތީ ހިތްހަމަނުޖެހޭ ކަމަށާއި، އެކަމުން ގައުމު ސަލާމަތްކުރުމަށް އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް މެގާ ސްޓާ އަމީތާބް ބަޗަން ބުނެފިއެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެވެސް ގުޑްވިލް އެމްބެސެޑަރު ކަމުގެ މަގާމު ފުރަމުން އަންނަ އަމީތާބު ބުނީ އަންހެނުންނަށް ލިބެންޖެހޭ އިއްޒަތާއި ކަރާމާތް ލިބެން ޖެހޭ ކަމަށެވެ.
"އަންހެނުންނާ މެދު ޑިސްކްރިމިނޭޓް ކުރުމަކީ އެންމެ އުނދަގޫވާ އަދި ހިތްހަމަނުޖެހޭ އެއްކަންތައް. އެއީ ވެގެންވާނެ ގޮތެއް ނޫން. އަންހެނުންނަކީ ގައުމުގެ ދެބައިކޮށްފަ އެއްބައި، ގައުމުގެ ބާރު. އެމީހުނަަށް އިއްޒަތާއި ގަދަރު ލިބެންޖެހޭ" އަމީތާބް ބުންޏެވެ.
އަންހެނުންނަށް އެކި ކަހަލަ ބަލި ޖެހުމުން ދޭން ޖެހޭ އަޅައިލުން ނުދޭ ކަމަށާއި ބައެއް ބަލިތަކުގެ ތެރެއިން ހެޕަޓައިޓަސް ބީ ޖެހުމުން ގެއިންވެސް ނެރެލާފައިވާ ކަމަށާއި އެވާހަކަތައް އިވުމުން ހިތް ނުތަނަސްވާ ކަމަށް އަމީތާބް ބުންޏެވެ.
މީގެ އިތުރުން އަމީތާބްގެ ސޫރަ އަދި އަޑު އިވުމުން އޭގެން ބަޔަކަށް ހޭލުންތެރިކަން ފޯރުކޮށްދެވޭ ކަމަށް ވާނަމަ އެކަން އުފަލުން ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. ހެޕަޓައިޓިސް ބީ ހުންނަ ޕޭޝަންޓަކަށްވެ ހުރެ އޭނާއަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭ ކަމަށް ވާނަމަ އެއީ ބަޔަކަށް ލިބޭ އިބްރަތަކަށް ވާން ޖެހޭ ކަމަށް ވެސް އަމީތާބް ވަނީ ބުނެފައެވެ.