އިވެންޓަކަށް އައުމަށް އެއްބަސްވެ ނައުމުން ފްރޯޑެއް ކަމަށް ބުނެ ސޮނާކްޝީ ސިންހާގެ މައްޗަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ފޮރޯޑެއް ކަމުގެ ތުހުމަތުކޮށް ސޮނާކްޝީގެ މައްސަލަ ހުށަހަޅައިފައި ވަނީ އުއްތަރު ޕްރަދޭޝްގެ ޑިސްޓްރިކްޓް ފުލުހުންނަށެވެ. އެ މައްސަލައިގައި ބުނެފައިވަނީ އިވެންޓަކަށް އައުމަށް އެއްބަސްވެ ފައިސާވެސް ޖަމާކޮށްފައިވަނިކޮށް ސޮނާކްޝީ އިވެންޓަށް ހާޒިރުނުވާ ކަމަށެވެ.
އިންޑިއާގެ ފުލުހުން ބުނި ގޮތުގައި ސޮނާކްޝީގެ އިތުރުން އެ މައްސަލައިގައި ހަތަރު މީހުން ހިމެނޭ ކަމަށެވެ. އެއީ މަލްވިކާ ޕަންޖާބީ، ދުމިލް ތައްކަރު، އެޑްގަރު ސަކަރިއާ އަދި އަބީޝެކް ސިންހާ އެވެ. އަދި މައްސަލަ ހުށަހަޅައިފައި ވަނީ ޓެލެންޓް ފުލް އޮން ކޮމްޕެނީގެ ފަރާތުން ޕްރަމޯދު ޝަރުމާއެވެ.
މައްސަލައިގައި ޕްރަމޯދު ޝަރުމާ ބުނެފައިވާ ގޮތުގައި އިވެންޓަކަށް ހާޒިރު ވުމަށް 32 ލައްކަ ރުޕީސް ސޮނާކްޝީ ސިންހާގެ އެކައުންޓަށް ޖަމާކޮށްފައިވާނެކަމަށެވެ. ނަމަވެސް ސޮނާކްޝީ އެ އިވެންޓަށް ނާންނަ ކަަމަށްވެއެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އެއަށް ފިޔަވަޅުއަޅާފައި ނުވާތީ ޕްރަމޯދު ވަނީ ޕޮއިޒަންވެސް ބޭނުން ކޮށްފައެވެ. ނަމަވެސް އޭނާ ވަަނީ ސަލާމަތްވެފަ އެވެ.
މި މައްސަލައިގައި ފުލުހުންވަނީ އެމީހުންނަށް ހުށަހަޅާފައިވާ މައްސަލަ އަވަސް ކުރުމަށް އިވެންޓް އޯގަނައިޒް ކުރި ފަރާތުން ފުލުހުންނަށް ޕްރެޝާ ކުރުމަށް ޕޮއިޒަން ބޭނުންކުރި ކަމަށް ބުނެފައެވެ. އިވެންޓަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30ގައި ބާއްވަން ހަމަޖެހިފައި އޮތް އިވެންޓެއް ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.
މި ކަމާގުޅިގެން ސޮނާކްޝީގެ ފަރާތުން ވަނީ ރަސްމީ ބަޔާނެއް ނެރެ ކޮށްފައިވަނީ ދޮގު ތުހުމަތު ތަކެއް ކަމަށް ވެސް ބުނެފައެވެ. ބަޔާނުގައި ދިއްލީގައި އޮތް އިވެންޓަކަށް ސޮނާކްޝީއަށް ދައުވަތު ދީފައިވާ ކަމަށާއި ނަމަވެސް އެތައް ފަހަރަކު އެދުމުންވެސް ދައްކަންޖެހޭ ފައިސާ އިވެންޓް ކުންފުނިން އިވެންޓު ފެށުމުގެ ކުރިން ދައްކާފައިނުވާ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ދިއްލީއަށް ދާން ނަގާފައިވާ ޓިކެޓްވެސް ވަނީ އެއްބަސް ވުމާ ހިލާފަށް ނަގާފައިކަމަށާއި، އަނބުރާ ދާން އޮތް ޓިކެޓް ފޮނުވާފައިވެސް ނުވާ ކަމަށް ވެއެވެ. އެތައް ފަހަރަކު ހަނދާން ކޮށްދިނުމުންވެސް އެއްބަސް ވުމާ ހިލާފު ވަމުން ދާތީ ސޮނާކްޝީމެންގެ ޓީމު މުމްބާއީ އެއާޕޯޓަށް ދިއުމަށްފަހުވެސް އެނބުރި ދިޔައީ އޯގަނައިޒަރުގެ ފަރާތުން ބޭނުންވާ ކޮމިޓްމަންޓް ނުލިބޭތީ ކަމަށް ބަޔާނުގައި ވެއެވެ. އަދި އޭގެ ފަހުންވެސް އެ ކުންފުންޏާ އެކި ދުވަސް މަތިން މުއާމަލާތް ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެހެން ކަމުން މީޑިއާ ބޭނުން ކޮށްގެން ސޮނާކްޝީގެ އަގު ވައްޓައިލުމަށް އިވެންޓް އޯގަނައިޒަރު މަސައްކަތް ކުރާ ކަމަށް ތުހުތަމު ކުރެވޭ ކަމަށާއި އެގޮތަށް އަމަލުތައް ބަހައްޓާނަމަ އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.