ބިދޭސީންތަކެއް ލައްވައި މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދޭކަމަށް ބުނެ ގިނަ އަދަދެއްގެ ބިދޭސީން ގަލޮޅު ވިލީ ފުލުހަށް ހިނގައްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 5:40 ހާއިރު ގަލޮޅު ވިލީއަށް 56 ބިދޭސީން ދިޔަ ކަމަށެވެ.
އަދި އެމީހުންގެ ޝަކުވާއަކީ މުސާރަ ނުދޭ މައްސަލަ ކަމަށާއި އެމައްސަލަ ލޭބާ އޮތޯރިޓީއަށް ހުށަހަޅަން ލަފާ ދީފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައާ އެމީހުންނާ މެދު އިންސާނިއްޔަތުކަން ކުޑަ ގޮތަކަށް އަމަލު ކުރަމުންދާކަމަށް ބުނެ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު އެޗްއާރުސީއެމުން ވަނީ ބަޔާނެއް ނެރެފައެވެ.
"އިންޓަނޭޝަނަލް މައިގްރެންޓްސް ޑޭ" އާ ގުޅިގެން އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ފަރާތްތަކުން އެފަރާތްތަކުގެ ޕާސްޕޯޓު އަތުލުމާއި ވިސާ ފީ ނުދެއްކުމާއި މަސައްކަތުގެ އުޖޫރަނުދިނުމުގެ މައްސަލަތަކުގެ އިތުރުން އިމިގްރޭޝަން ގާނޫނާ ޚިލާފުވެގެން ބަންދުކުރާ ބިދޭސީން ގައުމަށް ފުރުވާލެވެންދެން ބަންދުކޮށްފައި ތިބޭ ތަނުގެ ހާލަތު ދަށް ކަން ފާހަގަކުރެވޭ ކަމަށެވެ.
ބަޔާނުގައި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާ މެދު އިހުމާލުވާ ފަރާތްތަކަށް ގާނޫނުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުއެޅުން ހަލުވިކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް އެޗުއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.