ރައްޔިތުންގެ މަޖިލިސް

ދެ ގައުމެއްގެ ސަފީރުންނަށް ރުހުން ނުދޭން ނިންމި ނިންމުން ބަދަލުކޮށް ކޮމެޓީން ރުހުން ދީފި

ރައީސުލްޖުމްހޫރިއްޔާ، ދެ ގައުމަކަށް ކަނޑައެޅުއްވި ސަފީރަކަށް ރުހުން ނުދިނުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން ކުރިން ނިންމި ނިންމުން ބަދަލުކޮށް، ދެ ބޭފުޅުންނަށް ކޮމެޓީން ރުހުން ދީފިއެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ދެ ސަފީރުންނަށް ރުހުން ދީފައިވަނީ ކޮމެޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ރުހުން ދީފައިވަނީ ތައިލެންޑްގައި ހުންނަވާ ސަފީރު ކަމަށް ކަނޑައެޅުއްވި މުހައްމަދު ޖިނާހު އާއި ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރުކަމަށް ކަނޑައެޅުއްވި މުހައްމަދު ޚަލީލަށެވެ.

ގައުމީ ސަލާމަތު ކޮމެޓީން މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ދެ ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ނިންމި އިރު، ޗައިނާއަށް ކަނޑައެޅުއްވި ސަފީރު، އައިޝަތު އަޒީމާ އައްޔަން ކުރަން ކޮމިޓީން އެ ދުވަހު ވަނީ ރުހުން ދީފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ދެ ސަފީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ކުރިން ވޯޓް ދެއްވި މެންބަރުން މިއަދު ވަނީ ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.