ރިޔާސީ އިންތިހާބާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުގައި ފުލުހުންގެ އިދާރާއިން ދީފައިވާ ޖަވާބަށް ރިއާޔަތްކޮށް، އިންތިހާބުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިންތިހާބީ ހައްގު ހޯދުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ޕީޕީއެމްއިން ނިންމައިފިއެވެ.
ޕީޕީއެމްއިން އެގޮތަށް ނިންމާފައިވާ އިރު، ރައީސް ޔާމީންގެ ފަރާތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް އިންތިހާބުގެ ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ.
ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ހިނގަމުންދިޔަ އިރު ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅޭގޮތުން އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނީޓަރުން އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
ޕީޕީއެމްއިން ބުނީ އެ ޝަކުވާތަކަށް ރިއާޔަތްކޮށް ޕާޓީގެ ކެންޑިޑޭޓަށާއި ރަނިންމޭޓުގެ އިންތިހާބީ ހައްގުތައް ގެއްލިފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ ކަމެއް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.
"މި ޕާޓީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާތު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖާއަށް އުނިއިތުރު ގެންނަން މަސައްކަތްކުރުން، އަދި ރީ-ރަޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުން އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ގިނަ ކަންތައްތަކެއް ހިމެނިފައިވެއެވެ..،" ޕީޕީއެމްއިން ބުންޏެވެ.
ޕީޕީއެމްއިން ބުނީ އެ ޕާޓީގެ މެންބަރުންގެ ހައްގުތަކާއި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދިން 96000 އަށްވުރެ ގިނަ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ޕާޓީގެ ޒިންމާއެއް ކަމަށް އެ ޕާޓީގެ ކައުންސިލުން ދެކޭ ކަމަށެވެ.
"ޕީޕީއެމްއަކީ އަބަދުވެސް ގާނޫނީ ތަރަހައިގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ނަމޫނާއަކަށް ވީހިނދު، ކުރިއަށްއޮތް ތާނގައި ވެސް، މި ޕާޓީން ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަދި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ޑިމޮކްރަސީގެ އިމުގެ ތެރެއިން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަމަލުތައް ބައްޓަންކުރާނެ ކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަމެވެ..،" ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު، ރައީސް ޔާމީން ވަނީ ބަލިގަބޫލުކުރައްވައިފައެވެ. ނަމަވެސް ދާއިމީ ނަތީޖާއަށް ފަހު ޕީޕީއެމްއިން ދަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ޕީޕީއެމްއިން ބޭއްވި ފުރަތަމަ މުޒާހަރާގައި ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.