ޕީޕީއެމް

ރައީސް ޔާމީން ހައްޔަރުކުރި މައްސަލައިގައި ޕްރޮގްރެސިވް ކޯލިޝަންގެ އިސްވެރިން ރައީސް ސޯލިހުއާ ބައްދަލުކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރި މައްސަލައިގައި، ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހާމައެއް ނުކުރެއެވެ. ނަމަވެސް ޕީއެންސީގެ ވަގުތީ ރައީސް ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވަނީ އެމައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހުއާ އެކު ބޭއްވި އެބައްދަލުވުމުގައި އެބޭފުޅުން ބޭނުންފުޅުވި ވާހަކަތައް ރައީސާ ހިއްސާކުރެއްވީ ވަރަށް އަމާން މާހައުލެއްގައެވެ.

ރައީސް ސޯލިހުއާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމް މިވަގުތު ހިންގުމާއި ހަވާލުވެ ހުންނެވި އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ސައީދާއި ޕީއެންސީގެ ކައުންސިލް މެންބަރު އާދަމް ޝަރީފާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝިދާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

މިމަހުގެ 18 ވަނަ ދުވަހު ކުރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން ރައީސް ޔާމީން ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ މަނީލޯންޑާ ކުރުމުގެ މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެނެވެ.

ރައީސް ޔާމީން ބަންދުގައި ބަހައްޓަން ޕީޖީ ކުރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވަނީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރާ އެމައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވުމާއި ހެކި ނައްތާލަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތުގައެވެ.