އަބްދުﷲ ފާރޫގް ހަސަން
(8 އޭޕްރީލްގެ އަދަދާ ގުޅޭ)
ސުވާލު: އިސްލާމްދީން އަންހެނުންނަށް ދީފައިވާ ޙައްޤުތަކާ މެދު ކަލާގެ އަމިއްލަފުޅު ޚިޔާލުފުޅަކީ ކޮބައިތޯއެވެ؟
ޖަވާބު: ދިނާ އޮންނަ ގުޅުމާއި، ފަރުދުންގެ އަހައްމިއްޔަތާއި، ޢިލްމު ހޯދުމުގެ ޙައްޤަށް ބަލާއިރު އަންހެނުންނާއި، ފިރިހެނުން ހަމަހަމަކަން ކީރިތި ޤުރްއާނުގައިވަނީ ވަރަށް ޞަރީޙުކޮށް ބަޔާންކުރައްވައިފައެވެ. މީގެ އިތުރަށް ކުދީން ވިހެއުމާއި، އެކުދީން ތަރުބިއްޔަތު ކުރުމުގެ ޒިންމާއާބެހޭގޮތުންވެސް އަންހެނުންނަށް ވަނީ ތާރީފުކުރައްވައިފައެވެ. އަޅުގަނޑު ދެކޭގޮތުގައި މިކަންކަންވަނީ އަޅުގަނޑުމެން އިންސާނިއްޔަތުގެ އެންމެމަތީ ދަރަޖައަށް އުފުލައިފައެވެ.
ސުވާލު: 2001 ގައި ކަލާ އެންމެ ފުރަތަމަ އަފްޣާނިސްތާނަށް ވަޑައިގަތީ ކީއްކުރައްވަންތޯއެވެ؟
ޖަވާބު: ޙަޤީޤަތުގައި އަޅުގަނޑުގެ މަޤްޞަދަކީ އެމެރިކާއާއި އިނގެރޭސީން ހަނގުރާމައިގެ އިންޒާރުދީފައިވާ ބަޔަކާ ވާހަކަދައްކައިލުމެވެ. ހަނގުރާމައިގެ އިންޒާރު ސީދާ އަސަރުފޯރަމުންދާ ބައެއްގެ އިޙްސާސްތައް ހުރިނެތްގޮތް ދެނެގަތުމެވެ. އެގާރަ ސެޕްޓެމްބަރގެ ޙާދިޘާއާމެދު އެމީހުން ބުނަނީ ކީކޭކަމާއި، ޠާލިބާން ސަރުކާރުގެ ދަށުގައި އެމީހުން ދިރިއުޅެމުންދާ ގޮތް އޮޅުންފިލުވުމެވެ.
ސުވާލު: ކަލާ އިސްލާމްވެވަޑައިގަންނަވަން ކަނޑައެޅުއްވުމުން ކަލާގެ ޢާއިލާއާއި ޚާއްޞަކޮށް ކަލާގެ ދަރިކަނބަލުން ޑޭޒީގެ ޝުޢޫރުތައް ހުރީ ކޮންގޮތަކަށްތޯއެވެ؟
ޖަވާބު: އެކަމާބެހޭގޮތުން އަޅުގަނޑުގެ ޢާއިލާގެ އަސަރުތައް ހުރީ ތަފާތު ގޮތަކަށެވެ. އަޅުގަނޑުގެ މަންމަ އަލުން ފައްޅިއަށް ދާން ފެށީއެވެ. އަނެއްކޮޅުން އަޅުގަނޑުގެ އެންމެ ބޮޑު އެހީތެރިޔަކަށްވީ އަޅުގަނޑުގެ ދަރިފުޅު ޑޭޒީއެވެ. އޭނާ އިސްލާމްދީނާ މެދު ވަރަށް ބޮޑު ޝައުޤުވެރިކަމެއް އެބަގެންގުޅެއެވެ.
ސުވާލު: މުޖުތަމަޢު ކަލާއާމެދު ދެކޭ ކަމުގައި ކަލާއަށް ހީފުޅުވަނީ ކޮންގޮތަކަށްތޯއެވެ؟ މުޖުތަމަޢު ދެކެނީ ކަލާއަކީ ހިތްވަރުފުޅުގަދަ ޖިންސުއްލަޠީފެއް ކަމުގައި ތޯއެވެ؟ ނުވަތަ ތިމާގެ ދީނާމެދު ބޭވަފާތެރިވެފައިވާ މީހެއްގެ ގޮތުގައިތޯއެވެ؟
ޖަވާބު: ކްރިސްޓިއަން ފަންޑަމެންޓަލިސްޓުން ވަނީ އަޅުގަނޑަށް މަރުގެ އިންޒާރުދީފައެވެ. އަޅުގަނޑު އެދީނަށް ޣަދަރުވެރިވެފައިވާތީއެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުއްސުރެ އަޅުގަނޑާ އެހީވަމުންގެންދާ އަޅުގަނޑުގެ އިސްލާމީ އަޚުންވަނީ އެބިރުދެއްކުމަށް ޖަވާބުދީ އެކަމުގެ ސީރިއަސްކަން ކުޑަކޮށްލައިފައެވެ.
ސުވާލު: ކަލާގެ ދަރިކަނބަލުންވެސް ވަނީ އަފްޣާނިސްތާނަށް ގެންދަވައިފައެވެ. ކަލާ އޭނާ އަފްޣާނިސްތާނަށް ގެންދެވީ ކޮން ބޭނުންފުޅަކުތޯއެވެ؟ އަފްޣާނިސްތާނާ މެދު އޭނާ ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯއެވެ؟
ޖަވާބު: 2002މ. ގެ ބަހާރުމޫސުމުގައި އަޅުގަނޑުގެ ދަރިފުޅު އަފްޣާނިސްތާނަށް ގެންދިޔައީމެވެ. އެދަތުރު އޭނާ ގެންދިޔައީ އަފްޣާނީންނަކީ ހަމްދަރުދީގެ ރީތި ޖަޒުބާތުން އެބައެއްގެ ހިތްތައް ފޯވެފައިވާ އިންސާނީ ނަސްލެއްކަން އޭނާގެ އަމިއްލަ ލޮލުން ދުށުމަށްޓަކައެވެ. އެއީ އޭނާއަށް ލިބުނު ވަރަށް އުފާވެރި ތަޖުރިބާއެކެވެ. އެހަނދާންތައް އަބަދުވެސް އޭނާގެ ހިތުގައި ތާޒާކަންމަތީ ދެމިހުންނާނެއެވެ. ޑިޒްނީލޭންޑް ދުށުމުގެ ތަޖުރިބާއަށްވުރެ ވަރުގަދައަށް އޭނާގެ ހިތުގައި ހަރުލައިފައި ހުންނާނީ އަފްޣާނިސްތާނުގެ ތަޖުރިބާކަން ޔަޤީނެވެ.
ސުވާލު: ކަލާ ވަނީ ވަރަށް ކައިރި މާޒީއެއްގައިވެސް އަފްޣާނިސްތާނަށް ޒިޔާރަތްކުރައްވައިފައެވެ. ކަލާއަށް އަފްޣާނިސްތާނުން ފެނިވަޑައިގަތީ ކޮންކޮން ކަންތައްތަކެއްތޯއެވެ؟
ޖަވާބު: އަޅުގަނޑު މިނިވަންވުމަށްފަހު އެތައް ފަހަރަކު އަފްޣާނިސްތާނަށް ހިނގައްޖައީމެވެ. އަޅުގަނޑަށް ފެނިފައިވަނީ މުޅި ޤައުމު ވީރާނެފައިވަނިކޮށެވެ. ތަރާގަނޑަކަށް ވެފައިވަނިކޮށެވެ. އަފްޣާނިސްތާނުގައި ވެރިކަން ކުރައްވާ ފަރާތުގެ ނަމެއް ކަމުގައި އަޅުގަނޑު ދެކެނީ ކާބަލްގެ މޭޔަރެވެ. ސަބަބަކީ ޙާމިދު ކަރުޒާއީގެ އެއްވެސް އާރެއް ބާރެއް ކާބުލުން ބޭރަކަށް ނުހިނގައެވެ. އަފްޣާނިސްތާނުގެ ރައްޔިތުންގެ ހިތްތައް މިލްކުކުރެވޭ ފަދަ އެއްވެސް ކަމެއް އެމެރިކާ ސިފައިންނަކަށް ކުރެވިފައެއް ނެތެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުގެ ޢާންމުންނާމެދު ކަންތައް ކުރަނީ ވަރަށް އިހާނެތި ގޮތަކަށެވެ. އެހެންކަމުން މިއަދާ ހަމައަށް އަފްޣާނިސްތާނުގެ އެކަކުވެސް އެމެރިކާ މީހުންނަށް މަރްޙަބާ ކިޔައިފައެއް ނުވެއެވެ.
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ތިބުމުން އަމްނު އަމާންކަން ޤާއިމުވަނީކީ ނޫނެވެ. ދުނިޔޭގެ އެތަންމިތަނުން މުސްލިމު ހަނގުރާމަވެރީންގެ ސަމާލުކަން އެދިމާޔަށް ހުއްޓެނީއެވެ. އެބައިމީހުން ބައިބަޔަށް އަފްޣާނިސްތާނަށް ގޮސް އެމެރިކާ މީހުން މަރަނީއެވެ.
އަފްޣާނިސްތާނުގެ އަންހެނުންނަށް ހައްތާވެސް ކުރިމަތިވަނީ މުޞީބާތަކަށްފަހު މުޞީބާތެކެވެ. އެފަދަ ވެއްޓެއްގައި ޕްރޮފެޝަނަލް އަންހެނުން ނުވަތަ ހުނަރުވެރި މަސައްކަތްތެރި އަންހެނުން އުފެދޭނީ ކިހިނަކުންތޯއެވެ؟ އެމެރިކާއަކީ ޤައުމުތަކަށް މިނިވަންކަން ހޯދައިދޭ ބައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެމެރިކާއަކީ އަނިޔާވެރި، ޖައްބާރު، އިސްތިޢުމާރީ ޤައުމެކެވެ. ހެކިބޭނުންފުޅު ފަރާތްތަކުން އަފްޣާނިސްތާނަށް ވަޑައިގެން އަމިއްލަފުޅު ލޯފުޅުން އެމަންޒަރު ބައްލަވާށެވެ.
ސުވާލު: އިސްލާމްދީން ޤަބޫލުކުރެއްވުމުން ކަލާއަށް އައި ބަދަލަކީ ކޮބައިތޯއެވެ؟
ޖަވާބު: އަޅުގަނޑުގެ ޢަޒުމު އިހުނަށްވުރެ މާ ވަރުގަދަ ވެއްޖެއެވެ. އަޅުގަނޑު މަސައްކަތް ކުރާނީ އަޅުގަނޑު ދާ ކޮންމެ ތަނެއްގައި އިސްލާމްދީން ފަތުރާށެވެ. ދީން ބަދަލުކުރުމަކީ އަޅުގަނޑުގެ ކަމެއް ނޫނެވެ. އެކަމަކު އަޅުގަނޑުގެ މަސައްކަތަކަށް ވާނީ މި ހައިރާންވެ އަންތަރީސްވާ ފަދަ ފުރިހަމަ ދީނާމެދު މީހުންގެ ހިތްތަކުގައި ރޯވެފައި އޮންނަ ތަޢައްސުބުގެ އަލިފާން ނިއްވައި ޖާހިލުކަން ފިލުވައިލުމަށެވެ.
ސުވާލު: ކަލާގެ ހިތްޕުޅަށް އެންމެ ބޮޑަށް އަސަރުކުރުވީ އިސްލާމްދީނުގައިވާ ކޮންކޮން ރަނގަޅު ސިފަތަކެއްތޯއެވެ؟
ޖަވާބު: އިސްލާމްދީން އަންހެނުންނަށް ހިތްވަރުދޭ މިންވަރެވެ. އަންހެނުންނަށް ހެޔޮކޮށް ހިއްތެވުމުގެ ގޮތުން އިސްލާމްދީނުގެ ނަބިއްޔާ ދައްކަވައިފައިވާ ރީތި މިސާލުތަކެވެ. އަންހެނުންނަށް އެންމެ އިޙްތިރާމް ކުރައްވާ، އަންހެނުންގެ ޤާބިލިއްޔަތާއި، އެމީހުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކައް އެންމެ ބޮޑަށް ވަޒަންކުރައްވާ ފަރާތަކީ ޝައްކެއްނެތް ގޮތުގައި އެމާތް ސާހިބާއެވެ.
ސުވާލު: އިނގެރޭސި ވިލާތުގެ މުސްލިމުންނާވެސް ކަލާވަނީ ބައްދަލުވެވަޑައިގެންފައެވެ. ކަލާއަށް އެމީހުން ފެނިވަޑައިގަތީ ކޮންކަހަލަ ބައެއް ކަމުގައިތޯއެވެ؟
ޖަވާބު: އަޅުގަނޑު ގިނަ ވަގުތު ހޭދަކުރަނީ މުސްލިމުންނާ އެކުގައެވެ. ޚުދު އަޅުގަނޑަކީ ވެސް މިހާރު މުސްލިމަކަށް ވާތީއެވެ. އަޅުގަނޑާ އެބައިމީހުންނާ ގުޅުންބަދަހިވުމަކީ ފިޠުރީކަމެކެވެ. އެގާރަ ސެޕްޓެމްބަރަށްފަހު މުސްލިމުންވަނީ މުޞީބާތުގެ ތެރޭގައެވެ. އެހެންކަމުން އަޅުގަނޑުމެން އެކަކު އަނެކަކު މޭގައި ޖައްސައިލައި އެކަކު އަނެކަކަށް ހަމްދަރުދީ ވުމުގެ ބޭނުންތެރިކަންވަނީ ކުރިޔަށްވުރެ މާބޮޑުވެފައެވެ.
ސުވާލު: ކާބުލްގައި ހުންނަ ޠާލިބާނުންގެ ޖަލުތަކާއި، ގުއެންޓަނާމޯބޭގެ އެކްސްރޭ ކޭމްޕްގެ ތަފާތާ މެދު ކަލާ ވިދާޅުވާނީ ކީކޭތޯ؟
ޖަވާބު: އަޅުގަނޑު މީހުން ގާތު ބުނެއުޅެމެވެ. އެމެރިކާ މީހުންގެ ބަދަލުގައި ދުނިޔޭގައި ތިބި "އެންމެ ނުބައި، އެންމެ "ނާތަހްޒީބު" މީހުންގެ އަތްދަށުގައި އަޅުގަނޑު ހައްޔަރުވިކަމީ އަޅުގަނޑުގެ ނަޞީބު ރަނގަޅުކަމެވެ.
މެދުކެނޑުމެއްނެތި ހަ ދުވަސްވަންދެން އެބައިމީހުން އަޅުގަނޑު ބައިންދައިފައި އިނީ އެއަރކޮންޑިޝަން ކޮޓަރިއެއްގައެވެ. އެކޮޓަރީގެ ތަޅުދަނޑިވެސް އޮތީ އަޅުގަނޑުގެ އަތަށް ދީފައެވެ. އަޅުގަނޑާ މުޢާމަލާ ކޮށްފައިވަނީ އޯގާތެރިކަމާއި، ކަމާހެތިމުމާއެކުގައެވެ. އަޅުގަނޑު ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ބިރުގަންނަވާކަށެއް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަޅުގަނޑަށް އެއްވެސް ކަހަލަ ޙަމަލައެއް ދޭކަށެއްވެސް ނުއުޅެއެވެ. ޝައްކެއްނެތެވެ. ބައެއް ސުވާލުތައްކޮށް ޖަވާބު ހޯދައިހެދިއެވެ. އަޅުގަނޑު ގާތު ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. "އަޅުގަނޑުމެން ބޭނުންވަނީ ކަލާ އުފަލުގައި ބައިންދާށެވެ. ކަލާއަކީ އަޅުގަނޑުމެންގެ އުޚުތެކެވެ. އަޅުގަނޑުމެންގެ މެޙްމާނެކެވެ."
ސުވާލު: ޖަލުގައި އިންނެވިއިރު ކަލާގެ އިޙްސާސްތައް ހުރީ ކޮންގޮތަކަށްތޯއެވެ؟ ކަލާ އެންމެ ޖެހިލުންވެވަޑައިގެންނެވީ ކޮންކަމަކާތޯއެވެ؟
ޖަވާބު: އަޅުގަނޑުގެ ހިތަށް އަރަނީ އެވަގުތު އަޅުގަނޑުގެ ކަންތަކާ ޙަވާލުވެ ތިބި މީހުން ކިތަންމެ އޯގާވެރި ބަޔަކު ކަމުގައިވިޔަސް އިރުކޮޅެއްގެ ތެރޭގައިވެސް ކޮންމެވެސް ނުލަފާ ބަޔަކު އައިސް އަޅުގަނޑަށް އަނިޔާކުރަން ފަށައިފާނެ ކަމުގައެވެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑަށް ހީވަނީ އެދުވަހަކީ އަޅުގަނޑުގެ އެންމެ ފަހު ދުވަސް ހެންނެވެ. ނަމަވެސް އެހުރިހާ ޚިޔާލުތަކެއް ވެގެންދިޔައީ ޙަޤީޤަތެއް ނެތް ކުށްހީތަކެއް ކަމުގައެވެ. އަނެއްކޮޅުން އަޅުގަނޑަށް އެބައިމީހުންނާ މެދު މުޢާމަލާ ކުރެވެނީ ވަރަށް ހެއްވާގޮތަކަށެވެ. އެކަމަކުވެސް އެމީހުން އަޅުގަނޑާ މެދު އޯގާވެރިކަމާއި ހަމްދަރުދީއާއި ކަމޭހިތުން ދެމެހެއްޓިއެވެ.
(ނުނިމޭ)