ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް މާދަމާ ފަށަން ހަމަޖެހިފައިވާއިރު، ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތްނޭނގޭ މަރުގެ މައްސަލަތައް
ބެލުމުގެ ބިލަށް ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފި އެވެ.
ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އެމަނިކުފާނު އުފައްދަވާފައިވާ ކޮމިޝަނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދިއުމަށް ކަނޑައަޅައި މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި އެބިލު މަޖިލީހުގެ ތަޅުމަށް މިހާރު ހުށަހަޅާފައިވާއިރު، އެ ކޮމިޝަންތަނަށް ބިލުން ލިބިދޭ ގާނޫނީ ބައެއް ބާރުތައް ވަނީ ކުޑަ ކޮށްފަ އެވެ.
މާދަމާގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ މި ބިލު ދިރާސާކޮށް ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ވޯޓަށް އެހުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން އާއްމު ކޮށްފައިވާއިރު މާދަމާގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ، "ފްރޭމްވަރކް އެގްރިމަންޓް ފޮރ އެސްޓެބްލިޝިންގ އިންޓަރނޭޝަނަލް ސޯލަރ އެލައިންސް" ދިވެހިރާއްޖެއިން ތަސްދީޤުކުރުމާމެދު މަޖިލީހުގެ ރުހުން ހޯއްދުމަށް ފޮނުއްވާފައިވާ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
އެއަށްފަހު ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ހުށަހަޅުއްވާފައިވާ، ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މީގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލުގެ އިބުތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
އަދި އާ ސަރުކާރުން އުފައްދާފައިވާ ވުޒާރާތަކާއި، ވުޒާރާތަކުގެ މަސައްކަތަށް ގެނެސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު، އިޖްތިމާއީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މާދަމާގެ ޖަލްސާއަށް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ރައީސުލް ޖުމްހޫރިއްހާ ހުޅުއްވައި ދެއްވާފައިވަނީ، މިމަހުގެ ހަތް ވަނަ ދުވަހުގަ އެވެ. އަދި މަޖިލީހުގެ ޖަލްސާތައް އާންމުގޮތެއްގައި ބާއްވަން ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ، ދުވަހުއެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށިގެންދާއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިވަނީ ބޯމަތިވެފަ އެވެ.
19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުގަ އެވެ.