އިލެކްޝަންސް ކޮމިޝަން

ކޮންމެ މައްސަލައެއް ހުށަހެޅިޔަސް، އީސީގެ ވަކީލުން ތިބޭނީ ތައްޔާރަށް: ޝަރީފް

ކޮންމެ މައްސަލައެއް ހުށަހެޅި ކަމުގައިވީ ނަމަވެސް، އެކަމަށް ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޓީމުގެ ވަކީލުން ތިބޭނީ ފުރިހަމައަށް ތައްޔާރަށް ކަމަށް އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމާ ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް ޝަކުވާއެއްގެ ގޮތުގައި މިހާތަނަށް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

"ދުސްތޫރީ މައްސަލައިގެ ތަފްސީލެއް އެނގިގެން އަޅުގަނޑުމެންނަށް ޖަވާބުދާރީވެވޭނީ. އިންތިހާބުގައި ކަން ހިނގައިދިޔަ ކަމުގެ ރިޕޯޓުގައި ވެސް މައްސަލައެއް ފާހަގަވެފައެއް ނެތް. އަދި އެފަދަ މައްސަލައެއް މިކޮޅަށް ހުށަހެޅިފައެއް ވެސް ނެތް. އަޅުގަނޑުމެންގެ ގާނޫނީ ޓީމު ތިބީ ވަރަށް ރަނގަޅަށް ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް އިންތިހާބުގައި ކަމެއް ކޮށްފައި އޮތްތޯ ބަލާނަމަ އެކަން ސާބިތު ނުވާނެ ކަމަށާއި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މައްސަލަ ވެއްދުމުން ޕީޕީއެމްގެ މުޒާހަރާތަކުގައި ދައްކަނީ ބޭކާރު ވާހަކަތަކެއް ކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ހުށަހެޅޭ ކޮންމެ ޝަކުވާއަކަށް ކޮމިޝަނުން ޖަވާބުދާރީވާން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް މިއަދު ދުސްތޫރީ މައްސަލައެއް ވައްދާފައިވަނީ ރައީސް ޔާމީންގެ ސަޕޯޓަރުންގެ ފަރާތުން ހުށަހެޅޭ މައްސަލަތައް ބެލުމަށްފަހު ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް ޔާމީން އައްޔަންކުރައްވާފައިވާ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވެއެވެ.