ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ގައުމުތަކުގެ ދޮރާށިތައް ތަޅުލައި އެކަހެރިވެގެން ތިބި ތިބުން ގައުމުތަކުން މިހާރު ނިމުމަކަށް ގެންނަން ފަށައިފިއެވެ. އެތަނެއްގެ ދޮރާށި ހުޅުވައިލުމަށް އިސްލާމީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެދިގެންތިބި ސައުދީ އަރަބިޔާއިންވެސް މިގޮތަށް އަމަލުކުރަން ވަނީ ނިންމައިފައެވެ. އެތެރެއިންނާއި ބޭރުން އެއް މިލިޔަން ހައްޖުވެރީންނަށް މިއަހަރު މަރުހަބާ ކިޔާނޭކަން ސައުދީ ސަރުކާރުން މިހަފުތާގައި ވަނީ އިއުލާންކޮށްފައެވެ. ފާއިތުވި ދެއަހަރުވެސް ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފައިވަނީ އެގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން ވަރަށް މަދުބަޔަކަށެވެ. މިއަހަރު އަދަދުތައް އިތުރުކުރިއަސް ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 65 އަހަރު ނުފުރޭ މީހުންގެ ތެރެއިން ކޮވިޑް ވެކްސިނުގެ ހުރިހާ ޑޯޒްތަކެއް ފުރިހަމަކޮށްފައިވާ މީހުންނަށެވެ.
ސައޫދީ އަރަބިޔާއިން މިކަމާގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޖުވެރިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާއެކު މައްކާއާއި މަދީނާއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ފާއިތުވި ދެއަހަރަށްވުރެ ބޮޑު ތަނުން އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ހައްޖުގެ ކަންކަން ހުޅުވައިލުމަށް ނިންމިއަސް ހައްޖާޖީންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ދެންވެސް ތިބޭނީ ފާރަވެރިވެ ސަމާލުވެގެން ކަމަށް ބުނެފައިވެއެވެ. ދުނިޔޭގެ ގިނަ ގައުމުތައް މިހާރު އާއްމު ހާލަތަށް ގެނެސްފައިވާތީ މިއީ ހައްޖުގެ ކަންކަންވެސް އެމަގުން ކުރިއަށް ގެންދިއުމުގެ ވަގުތުކަމަށް ގަބޫލުކުރާ ކަމަށްވެސް ބުނެފައިވެއެވެ. އެއް މިލިޔަން މީހުންގެ ހައްޖަކަށްވާތީ ހައްޖުވިސާ ދޫކުރެވޭނީ އެކަމަށް ރިއާޔަތް ކުރެވިގެން ކަމަށްވެސް ބުނެފައިވެއެވެ.
މިފަހަރުގެ ހައްޖަށް ބޭރުން އެތެރެވާ މީހުންނަކީ ސައުދީ އަރަބިޔާއަށް ފުރުމުގެ 72 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓެއް ހަދައި ނެގެޓިވް ވެފައިވާ ބަޔަކަށްވުން ލާޒިމެވެ. މައްކާޔާއި މަދީނާގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުން އެންމެހައި ހައްޖުވެރީންގެ މައްޗަށްވެސް ލާޒިމެވެ. މިއަހަރުގެ ހައްޖު ދުވަސް އަންނާނީ ޖުލައިމަހުގެ ތެރޭގައެވެ. ބޭރުގައުމުތަކުގެ މީހުންނަށް މިފަހަރު ހައްޖުވިސާ ދޫކުރާނީ އެކަމަށްޓަކައި ކުރީއްސުރެ ކަނޑައެޅިފައި އޮންނަ ކޯޓާ ސިސްޓަމުގެ ތެރެއިންނެވެ. އެއީ އާބާދީގެ ނިސްބަތަށް ބަލައިގެން އަދަދު ކަނޑައެޅުމުގެ ނިޒާމެކެވެ. ހައްޖުގެ އަޅުކަމަކީ މާތްވެގެންވާ އިސްލާމްދީނުގެ ފަސް ތަނބުގެ ތެރެއިން އެއްތަނބެވެ. ކެރިކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއްފަހަރު ހައްޖުވުމަކީ ފަރުޟެކެވެ.
ކޮވިޑުގެ ނުރައްކާތެރި ބިޔަ ރާޅު ދުނިޔޭގެ ގައުމުތަކަށް ބިންދައިލުމުގެ ކުރިން ކޮންމެ އަހަރެއްގެ ހައްޖުގެ އަޅުކަމުގައިވެސް 2.5 މިލިޔަން މީހުން އައީ ބައިވެރިވަމުންނެވެ. އެހެންނަމަވެސް އާލަމީ ވަބާގެ ބިރުވެރިކަމާހެދި 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނީ ސައުދީ އަރަބިޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން އެންމެ އެއްހާސް މީހުންނަށެވެ. ހުސްވި 2021 ވަނަ އަހަރު އެއަދަދު އިތުރު ކުރިއަސް ގައުމުން ބޭރުން މީހުން އެތެރެވެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ފުރުސަތު ދީފައެއް ނުވެއެވެ. އެކަމަކު އުމްރާގެ އަޅުކަމުގައި ބައިވެރިވުމުގެ ހުއްދަ ބޭރުމީހުންނަށް ހުސްވި އަހަރުން ފެށިގެން އައީ ދެމުންނެވެ. އެގޮތުން ކުރިއަށްމިދާ ރަމަޟާން މަހުވެސް އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައުދީ އަރަބިޔާއަށް އެތެރެވުމުގެ ހުއްދަ އެތައް ލައްކަ ބަޔަކަށް ދީފައިވެއެވެ.
ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން ކޮވިޑާއި ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތަކެއް އެޅި އެއްގައުމަކީ ސައުދީ އަރަބިޔާއެވެ. އެހެންނަމަވެސް ގަލްފުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކަށް ކޮވިޑު ޖެހި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީވެސް ސައުދީ އަރަބިޔާގައެވެ. ފާއިތުވި ދެއަހަރުގެ ތެރޭގައި ސައުދީ އަރަބިޔާގައި ގާތްގަޑަކަށް 8 ލައްކަ މީހުންނަށް ކޮވިޑު ޖެހުނުކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު އޭގެތެރެއިން 9 ހާސް މީހުން ވަނީ މަރުވެފައެވެ. ސައުދީ އަރަބިޔާ ނެގުމަށްފަހު ކޮވިޑުގައި ދެން އެންމެ ގިނަބަޔަކު މަރުވެފައިވާ ގަލްފުގެ އަރަބި ގައުމަކީ އޮމާނެވެ. އޮމާނުން ހަތަރުހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ކުވޭތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން މަރުވެފައިވަނީ ދެހާހާއި ތިންހާހާއި ދޭތެރޭގެ އަދަދެއްގެ މީހުންނެވެ.
މިއަހަރުގެ ހައްޖު މޫސުމް ޖުލައިމަހު ފެށޭއިރު ސައުދީ އަރަބިޔާއަށް މީހުން އެތެރެވުން މަނާ އެެއްވެސް ގައުމެއް ނޯންނާނެއެވެ. އެތެރެވާ މީހުން އިތުރަށް ޓެސްޓު ކުރުމެއް ނޯންނާނެއެވެ. އަދި މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅުގައި ގައިދުރުކުރުން ލާޒިމެއްވެސް ނުވާނެއެވެ. މައިންބަފައިންނާއެކު ގެންދާ ކުޑަކުދީންގެ އުމުރަށް ބަލައިގެން ކޮންޓްރޯލްކުރުމެއްވެސް ނޯންނާނެއެވެ. ދެ ހަރަމްފުޅުގެ ބޭރުގައި މާސްކު އެޅުން މަޖުބޫރެެއްވެސް ނުވާނެއެވެ. އެކަމަކު ހަރަމްފުޅަށް ވަދެވޭނީ އަދި ތިބެވޭނީ މާސްކު އަޅައިގެންނެވެ. މިކަން މިމަގުން ހިނގާކަން ކަށަވަރުކުރާނީ ސައުދީ ފުލުހުންނެވެ. މަދީނާގެ ހަރަމްފުޅުގައި ނަމާދު ކުރުމަށް ދުރާލައި ހުއްދައެއް ނަގަން ނުޖެހުނަސް ރައުޟާއަށް ޒިޔާރަތްކުރަން ވަކި ހުއްދައެއް ނަގަން ޖެހޭނޭ ކަމަށް ވަނީ ގަބޫލުކުރެވިފައެވެ.