މިއަދު މުޅި މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑު ވޭނާއި އެންމެ ބޮޑު ވަބާއަކީ ޑްރަގެވެ. ޑްރަގުގެ ސަބަބުން އެތައް ޒުވާނެއްގެ ދިރިއުޅުން ފުނޑުފުނޑުވެ، މަގުމަތިކޮށްފިއެވެ. އެހާލަތުން އަރައިގަނެ މުޖުތަމައަށް އަލުން ނުކުންނަން ބޭނުންވާ އެތައް ޒުވާނަކު މިއަދު އަންނަނީ ދެވަނަ ފުރުސަތަކަށް އެދި ސަލާން ޖަހަމުންނެވެ. އެފަދަ ފުރުސަތެއް ނުލިބި މިއަދު އެމީހުން ވަނީ މުޖުތަމައުން ބާކީކޮށްލައިފައެވެ. ނަމަވެސް އެމްޓީސީސީން މި ދައްކުވައިދިނީ އެފަދަ މީހުންގެ ހާލަތު ބަދަލުކޮށްލަން ބޭނުންވަނީ ހަމަ އެންމެ ފުރުސަތެއް ކަމެވެ. މުހިންމީ އެއީވެސް މުޖުތަމައުގެ ބައެއް ކަމުގައި ބަލައިގަތުން ކަމެވެ.
ރޯދަމަހުގެ ހެޔޮއެދުންތަކާއެކު އެމްޓީސީސީން އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯ ވެގެން ދިޔައީ އެތައް ބައެއްގެ ލޯބި ލިބިގެންދިޔަ އަދި އެތައް ބަޔަކު ރޮއްވާލި ވީޑިއޯ އަކަށެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އެ ވީޑިއޯގެ ލީޑް ރޯލުތަކުން ފެނިގެން ގޮސްފައިވަނީ ހަސަން ލަތީފާއި މުހައްމަދު މަނިކާއި އައިމިނަތު ނޫރާ އަދި ހަސަން މަނިކެވެ. އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. ސިނަމެޓޮގްރަފީ، ނާޝިއު ނައީމް ހަދައިދީފައިވާއިރު، މި ވީޑިއޯގެ ވާހަކަ އާއި ސްކުރީން ޕްލޭގެ އިތުރުން ޑައިރެކްޓަރަކީވެސް މީގެ ކުރިން އެތައް ބައެއްގެ ހިތްތައް އަތުލާފައިވާ ނިއުޝާދު ޝަރީފެވެ.
ގާތްގަނޑަކަށް 15 ވަރަކަށް މިނެޓްގެ އެ ވީޑިއޯގައި ދައްކުވައިދެނީ މަސްތުވާތަކެތީގެ ވަބާއިން ދިރިއުޅުން ހަލާކުވި ޒުވާނެއްގެ ވާހަކައެވެ. މަސްތުގައި ޖެހި، ބައްޕަ އުމުރަށް ގެއްލިގެން ދިޔަ ހިތްދަތި ގޮތުގެ ވާހަކައެވެ. އަނބިމީހާ ބަލިވެ އިންދައި ޖަލަށްދާން ޖެހުނު ގޮތުގެ ވާހަކައެވެ.
ހއ. އިހަވަންދޫއަށް އުފަން މުހައްމަދު މައުސޫމް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކުރުމަށްފަހު ސަލާމަތްވެ، މުޖުތަމައަށް ނުކުތީ އާ ދިރިއުޅުމެއްގެ އުންމީދުގައެވެ. މަސްތުގެ ވަބާއިން ސަލާމަތްވެ، ދުންފަތުގެ އިސްތިއުމާލު ކުރުމުންވެސް އޭނާ ދުރުވިއެވެ. އޭނާ ބޭނުންވީ އަލުން ރަނގަޅު މީހަކަށްވާށެވެ.
ނަމަވެސް އެކަންވީ އެހާ ފަސޭހަ ކަމަކަށް ނޫނެވެ. ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ މައުސޫމް އަމިއްލަ ދަރިފުޅު ދެކިލަން ދިޔުމުން އަންހެނުން ކުރީ އިންކާރެވެ. އޭނާ ބަދަލުވެ، ރަނގަޅު މީހަކަށްވެފައިވާކަން ގަބޫލުކުރަން ދެކޮޅު ހެދިއެވެ. ދަރިފުޅު ދެކިލާ ހިތުން ކެތްމަދުވެފައި ހުރި މައުސޫމަށް އެ ނަސީބެއް ނުލިބުނެވެ. އަނެއްކާވެސް ޖެހުނީ މާޔޫސް ވާށެވެ. ނާއުއްމީދު ވާށެވެ.
ރަނގަޅު ދިރިއުޅުމަކަށް އެދިއެދި ހުރި މައުސޫމް، މުޖުތަމައުންވެސް ބަލައެއް ނުގަތެވެ. ޖަލުގެ ތޭރިތަކުން ސަލާމަތްވި ނަމަވެސް މުޖުތަމައުގެ ނަޒަރުގައި އަދިވެސް އޭނާ ބަންދުވެފައި އިނީ ޖަލެއްގައެވެ. އޭނާއަށް ދެވަނަ ފުރުސަތެއް ނުދިނެވެ. ވަޒީފާއެއް ނުލިބި، ދިރިއުޅޭނެ މަގެއް ނުފެނުމުން ނުކުތީ ސައިކަލު ފުހެ ސާފުކުރުމަށެވެ. ދުވާލު ހަތަރުދަމު މަސައްކަތް ކޮށްގެން ލިބޭ މަދު ފައިސާކޮޅުން ދިރިއުޅުން ހަމަޖައްސަމުންދިޔައިރު، ނިދަމުންދިޔައީ މީހުން ނޫޅޭ ތަންތަނުގައި ބިންމަތީގައި ކަރުދާސްގަނޑެއް އަޅައިގެންނެވެ.
މައުސޫމް، އެހާލަތުން އަނބުރާ މުޖުތަމައަށް ނުކުންނަން ބޭނުންވަނީ އެންމެ ފުރުސަތެކެވެ. އެފުރުސަތު އެންމެ ފަހުން އަތުގައި ހިފީ ސައިކަލު ފުހުމުގައި އަވަދިނެތި އުޅެނިކޮށް، ނުދަންނަ ބީރައްޓެއްސަކަށް ދިއްކޮށްލި ހިތްހެޔޮކަމުގެ އަތަކުންނެވެ. އެމްޓީސީސީގެ އިސް ފަރާތަކަށް ވެދިން އެހީތެރިކަން ވެގެންދިޔައީ މައުސޫމް، އެކަމަކަށް އެދިއެދި ހުރި ފުރުސަތަށެވެ.
"އަޅުގަނޑު ޖަލުގައި ހުރިއިރު ހެދިން (އެއްޗެހި މަރާމާތު ކުރިން) ވަރަށް، ވޯކްޝޮޕެއްގައިވެސް އުޅުނިން ދެތިން އަހަރު. މިހާރު ވަޒީފާއެއްގައެއް ނޫން މިއުޅެނީކީ. ވަޒީފާއެއް ނުލިބިގެން މިއުޅެނީ. ވަރަށް ޓްރައިކޮށްފިން ވަޒީފާއެއް ހޯދަން،" މިއީ މައުސޫމްގެ ރޯލުން ފެނިގެންދާ ހަސަން ލަތީފް، މުހައްމަދު މަނިކު އެވަގުތު ކުރި ސުވާލަށް ޖަވާބުދެމުން ބުނި ވާހަކައެވެ.
ވީޑިއޯގައި ދެން ފެނިގެންދަނީ އެމްޓީސީސީން މައުސޫމްގެ ދިރިއުޅުން ބަދަލުކޮށްލި ގޮތެވެ. މަނިކުގެ އެދުމަށް ޖެހިގެން އައި ދުވަހު މައުސޫމް އެމްޓީސީސީ އެންޖިނިއަރިން އޯޕެނިން ޑޭ އިންޓަވިއުއަށްދެއެވެ. ޖަލު ހުކުމެއް ތަންފީޒުކޮށްފައި އޮތުން އޮތް ކުށުގެ ރެކޯޑާ ގުޅިގެން ވަޒީފާ ނުލިބި އޮތް ހިތްދަތި ކަމުގެ މަތީގައި މަލަން އަޅައިދިނީ އެމްޓީސީސީންނެވެ. ހުކުމް ތަންފީޒުކޮށް ނިމިފައި އޮތުމުން އެމްޓީސީސީން އޭނާއަށް ވަޒީފާގެ ފުރުސަތު ދިނެވެ.
އެފުރުސަތުގެ ބޭނުން ހިފައި މައުސޫމް ކުރިއަށްދާ މަންޒަރު ވީޑިއޯގައި ފެނިގެންދެއެވެ. ނަމަވެސް އަނެއްކާވެސް އޭނާއާ ކުރިމަތިވީ ހިތްދަތި ކަމެކެވެ. ދަރިފުޅުގެ ބެލެނިވެރިކަން ބަދަލު ކުރަން ބޭނުންވާ ކަމަށް އަންހެނުން ބުނުމުން މައުސޫމްގެ ހިތް ކުދިކުދިވެ، މީހާ "ޕެނިކް" ވާން ފެށިއެވެ. އެހާލަތުގައިވެސް އެންމެ ފުރަތަމަ އެހީތެރިވަނީ މައުސޫމްގެ ވަޒީފާގެ މާހައުލުން އެމްޓީސީސީން އޭނާގެ ވެރިންނެވެ. މަނިކު ދިން ހިތްވަރާއި މަޝްވަރާއާއެކު މާޒީގެ ކަޅު ސޮފުހާތަކުގައި ކުލަ ޖައްސަން މައުސޫމަށް ހިތްވަރެއް ލިބިގެން ދިޔައެވެ.
ތެރަޕީ އާއި އެމްޓީސީސީގެ ޓީމުން ދިން ހިތްވަރުގެ ސަބަބުން މައުސޫމްގެ ދިރިއުޅުން މުޅީން ބަދަލުކޮށްލިއެވެ. އުފާވެރި އަދި މުޖުތަމައު ބަލައިގެންފައިވާ މީހަކަށް އޭނާ ހެދިއެވެ. ކާމިޔާބު މީހަކަށް ހަދައިދިނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ސްކޮލަޝިޕެއްވެސް ލިބިގެން ދިޔުމެވެ.
އޭގެ ފަހުން ވީޑިއޯގައި ފެނިގެންދިޔަ މަންޒަރަކީ އެންމެންވެސް ރޮއްވާލި މަންޒަރެވެ. ސްކޮލަރޝިޕް ލިބުނު ހަފުލާގައި މައުސޫމަށް ލިބުނު އުފާވެރިކަން ދެގުނަ ވެގެންދިޔައީ އެތައް ދުވަހެއްގެ އިންތިޒާރަށް ފަހު އޭނާގެ ދަރިފުޅު ދެކިލަން ލިބުމެވެ. އެކަންވެސް ކޮށްދިނީ އެކުވެރިި މަނިކެވެ، އަލަށް ދަރިފުޅު ފެނުމުން ރޮވިފައި ގޮސް ތިރިވެ ބައްދާލާ މަންޒަރު ވެގެންދިޔައީ އެންމެން ފެންކަޅި ކޮށްލައި ރޮއްވާލި މަންޒަރަށެވެ. އެމަންޒަރުގައި ހިމަނާފައިވާ "ތުއްތު މޫނާ ދެލޯ" ލަވައިން މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.
އެމްޓީސީސީގެ މި ކުރު ވީޑިއޯއިން އެތައް ފިލާވަޅެއް ނަގައިދީފިއެވެ. މުޖުތަމައުގެ ކޮންމެ މީހަކީވެސް މުހިންމު މީހެކެވެ. ވަކި ކަހަލަ މީހަކަށް ވީތީ ތަފާތު ނުކޮށް ހުރިހާ އެންމެނަށްވެސް ދެވަނަ ފުރުސަތެއް ދިނުމަކީ މުހިންމު ކަމެކެވެ. އަދި ވަޒީފާ އަދާކުރާތަން ވެސް ބޭނުން ޖެހޭ ވަގުތު ތިމާއަށް އެހީތެރިކަމުގެ އަތް ދިއްކުރުމުގެ މުހިންމުކަން އެމްޓީސީސީން ބުނެދީފިއެވެ. އެމްޓީސީސީ އޮތީ އެ ރަހުމަތްތެރިޔާއަށް ވުމަށް ތައްޔާރަށެވެ. އަދި އެފަދަ ދެވަނަ ފުރުސަތެއް ދިނުމަށްވެސް ތައްޔާރަށެވެ. އެމްޓީސީސީން މި ދިނީ ގައުމީ މެސެޖެކެވެ. މިއަދު ގައުމު އޮތް ހާލަތަށް ބަލައި އެހައިމެ މުހިންމު މެސެޖެއްވެސް މެއެވެ.