އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

241 ކޮމެޓީގެ މައްސަލަ ބެލޭނެގޮތް ނަހަދައި، މަޖިލިސް ޖަލްސާ ކުރިއަށްގެންދިޔަކަ ނުދޭނަން: އަދުރޭ

ޝަހީދާ އަބްދުﷲ ސައީދު

ގައުމީ ސަލާމަތު ކޮމެޓީ (241) އަށް ހުށަހަޅާފައިވާ މައްސަލަ އެކޮމެޓީން ބެލޭނެ ގޮތް މަޖިލީހުގެ ތެރެއިން ހަމަޖައްސައި ނުދީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް، ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ހުށަހަޅާފައިވާ، ރައީސް އަބްދުﷲ ޔާމީން ބަންދުގައި ބަހައްޓާފައިވާ މައްސަލަ ބަލައި ދިނުމަށް އެދުމުން، ކޮމެޓީގެ މުގައްރިރު ބައްދަލުވުން ބާއްވަން ބޭނުން ނުވާ ކަމަށެވެ.

''އަޅުގަނޑުމެން މިދަނީ މަޖިލީހުގެ ރައީސްއާ މަޝްވަރާކުރަމުން. މަޖިލީހުގެ ތެރެއިން 241 ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައިދީފަ ނޫނީ ޖަލްސާ ކުރިއަށް ގެންދާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. މަޖިލީހުގެ ތަޅުމުން އެކަމަށް ގޮތެއް ނިންމާނީ. އަޅުގަނޑުމެންނަށް އެކަން ކުރެވެން އޮތް މަގަކީ އެއީ. ކޮމެޓީގެ މުގައްރިރަކަށް ހުރީ ކުރިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް.'' ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް ނިސްބަތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންކަމުން މިމަހުގެ 25 ގައި މަޖިލިސް ޖަލްސާތައް ފެށުމުން 241 ކޮމެޓީއަށް ހުށަހެޅި މައްސަލަ ބެލޭނެގޮތް މަޖިލީހުން ހަމަޖައްސައިދިނުމަށް ރިޔާސަތަށް ހުށަހަޅާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.