މިހާރު ރާއްޖޭގައި އޮތް ހާލަތު މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ތަންނުދޭ ކަމަށްބުނެ މަޖިލިސް އިންތިހާބު ފަސްކުރުމަށް ޕީޕީއެމް އަދި ޕީއެންސީން އެދިއްޖެއެވެ.
އެދެޕާޓީ އިން ގުޅިގެން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާނެކަމަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިންތިހާބު ފަސްކުރުމަށް އެދުނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް އޮތްކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރު ޖަލަށް ލުމާއި، ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓައިގެން ތިބުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ.
އެ ބައްދަލުވުމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިދިކޮޅު ލީޑަރު ޖަލަށް ލުމަކީ ޑިމޮކްރަސީގެ އުސޫލެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަން ހިނގާފައިވާގޮތް ނޫން ކަމަށެވެ.
އަދި އޭގެ އިތުރުން އިންތިހާބާ ދިމާކޮށް އިދިކޮޅު ލީޑަރު ޖަލަށް ލުމަކީ ސަރުކާރެއްގެ ނުކުޅެދުންތެރިކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ނިހާން ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ އަނިޔާވެރިކަމާ ދެކޮޅު ކަމަށް ބުނެ، ރައްޔިތުންގެ ކިބައިން ބަދަލު ހިފުމަށް އައި ސަރުކާރެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އިންތިހާބު ފަސްކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން އެދުނު އިރު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މަނީލޯންޑާގެ މައްސަލައިގެ ތުހުމަތުގައި އުފުލާފައިވާ ދައުވާއާ ގުޅިގެން ހެއްކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލަށް ލައިފައެވެ.