ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

"ރީޖަނަލް ވިމެން ލީޑާސް ޑައިލޮގް"ގައި މިނިސްޓަރު ސިދާތާ ބައިވެރިވެ ވަޑައިގެންފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ''ރީޖަނަލް ވިމެން ލީޑަރސް ޑައިލޮގް، ފެމްޕަރލް4: ބްރޭކިންގ ބެރިއާސް''ގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ބައިވެރިވެވަޑައިގެންފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކެނެޑާގެ ސަރުކާރުން މި މަހުގެ 21 އިން 22އަށް ދިއްލީގައި ބޭއްވި އެބައްދަލުވުމުގައި ސާދަ ގައުމަކުން ވިހި އަންހެނުން ބައިވެރިވި ކަމަށެވެ.

މިނިސްޓަރު ސިދާތާ މި ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވީ ކެނެޑާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، މިސްޓަރ ޑޭވިޑް މެކްކިނަން ދެއްވި ދައުވަތަކަށް ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ޖެންޑާ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ޑައިލޮގްގައި މިނިސްޓަ ޝިދާތާ ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ކުރިމަތިވާ ގޮންޖެހުންތައް ބައިވެރިންނާ ހިއްސާކުރައްވައިފައެވެ.

އެ ގޮތުން ޖެންޑާ އިކުއަލިޓީގެ ގާނޫނުގައި ލިބިދެވޭ ހައްގުތައް ތަންފީޒުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ސިޔާސީ ދާއިރާގެ އިސް މަގާމުތަކާއި ނިންމުން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް އެ ކަމަނާ އޮޅުންފިލުއްވައި ދެއްވި ކަމަށެވެ.

އަދި މި ޑައިލޮގްގައި މި ސަރަހައްދުގެ އަންހެނުންނަށް ބޭނުންވާ ލީޑާޝިޕް ޓްރޭނިން ކެޕޭސިޓީ ބިލްޑިންގ، އަދި ނެޓްވޯކިންއާ ގުޅޭ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރެއްވި ކަމަށާއި މުޖުތަމައުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަށް ބޭނުންވާ ސިޔާސަތުތަކާ ގުޅޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރެއްވި ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ކެނެޑާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރާ ވެސް ބައްދަލުކުރައްވައިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ބަޔާންކޮށްދެއްވައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެނުންނަށް އޮތް ފުރުސަތުތަކާއި، އަންހެން ކެނޑިޑޭޓުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އަދި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.