ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މަޖިލިސް އިންތިޚާބު 2019 : ޖުމުލަ ކެންޑިޑޭޓުންގެ އަދަދު 394، ސިޔާސީ ޕާޓީތަކުން 217 އަމިއްލަ ގޮތުން 177

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމައިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނީ 395 ކެންޑިޑޭޓުން ކަމަށް އިލެކްޝަނުން އިއުލާނުކޮށްފައި ވަނިކޮށް، އެއް ކެންޑިޑޭޓަކު މިއަދު ނަން އަނބުރާ ގެންދިއުމުގެ ސަބަބުން އެ އަދަދު 394އަށް ވެއްޓިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން، މިހާތަނަށް ކެންޑިޑޭސީ ގަބޫލުކުރި މީހުންގެ ލިސްޓަށް ބަލާ އިރު، އިންތިޚާބުގައި ވާދަކުރާ މީހުންގެ ތެރެއިން 217 އެއީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނެވެ. އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 177 އެވެ.

ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރާ ގޮތުގެ ތަފްސީލު ތިރީގައި އެވަނީ އެވެ.

1. އެމްޑީޕީ - 86

2. ޕީޕީއެމް - 26

3. ޕީއެންސީ - 23

4. ޑީއާރްޕީ - 05

5. އެމްޑީއޭ - 08

6. އަދާލަތު - 09

7. ޖޭޕީ - 41

8. އެމްޓީޑީ - 10

9. ލޭބަރޕާޓީ - 09

ރައީސް މައުމޫނު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތްކުރައްވަމުން ގެންދަވާ އެމްއާރްއެމްގެ ކެންޑިޑޭޓުން ވެސް ހިމެނޭނީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގަ އެވެ.

މިހާރު އާންމުކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ނަންތައް އިތުރުވުމުގެ ފުރުސަތު ދެން ނެތް ނަމަވެސް، މި މަހުގެ 27 ވަނަ ދުވަހު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތުލުމާ ހަމައަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް އޮންނާނެ އެވެ.