ކުޅިވަރު

ސައްބީސް ޓީމާ އެކު ލ. ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕް މިރޭ ފަށަނީ

ޖުމުލަ 26 ޓީމަކުން ވާދަކުރާ ލ. ގަމު ކައުންސިލްގެ ތުނޑީ ރަމަޟާން ކަޕް މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.

ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް ރާވައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ މީގެ ކުރިންވެސް އެރަށުގައި ފޯރިއާ އެކު ބާއްވާފައިވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް މި ބާއްވަނީ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހުއެވެ.

މުބާރާތުގައި ބައިވެރިވުމަށް ފުރަތަމަ 20 ޓީމަކަށް ފުރުސަތު ދިން ނަމަވެސް ތަރުހީބު ބޮޑުވެ، މުބާރާތް އިންތިޒާމު ކުރާ ފަރާތުން ވަނީ ބައިވެރިވާން ބޭނުންވި ހުރިހާ ޓީމަކަށް ޖާގަ ދީފައެވެ. ޖުމުލަ 26 ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، މުބާރާތް ކުޅޭނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ގްރޫޕަކުންވެސް ދެޓީމު ގަދަ 16ގެ ބުރަށްދާ ގޮތަށް މުބާރާތް ތާވަލު ކޮށްފައިވާ އިރު، ގުރޫޕް އޭއާއި ބީގައި، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެއެވެ. ބާކީ އަނެއް ހަ ގްރޫޕުގައި، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. 

މުބާރާތުގެ ފޯރި ކުރިން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. ޓީމުތަކުން ފުޓްސަލްގެ ތަރިން ފެންނާނެއެވެ. އެގޮތުން ނިމިދިޔަ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޗެމްޕިއަންކަން ނެގި ތ. ތިމަރަފުށީގެ ގިނަ ކުޅުންތެރިންތަކެއްވެސް މުބާރާތުން ފެންނާނެއެވެ. އޭގެ އިތުރުންވެސް ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ނަންތައް މުބާރާތުގައި ކުޅޭނެއެވެ.

މުބާރާތުގެ ފުރަތަމަ ތިން މެޗު މިރޭ އޮންނާނެއެވެ. ގްރޫޕު އޭގެ ފުރަތަމަ ދެ މެޗު މިރޭ ކުޅޭ އިރު، އޭގެ ތެރެއިން 21:00ގެ މެޗުގައި ވާދަކުރާނީ ޑެޓްރޮއިޓްސް ސްޕޯޓްސް ކްލަބާއި ގޯޅި ޔޫތު އެކްސްއެވެ. ދެވަނަ މެޗުގައި ޑީކޭއެންޒީ އެސްސީއާއި ޓީއެންޖީ ވާދަކުރާ އިރު، އެ މެޗު އޮންނާނީ 22:00 ގައެވެ. އެންމެ ފަހު މެޗު 23:00ގައި އޮންނަ އިރު، ގްރޫޕް ބީގެ އެ މެޗުގައި ވާދަކުރާނީ ލެގަސީއާއި އައުޓްރީސް އެސްސީއެވެ.

ތުނޑީ ރަމަޟާން ކަޕްގެ މެއިން ސްޕޮންސަރަކީ ގަމު ކައުންސިލެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.