ރިޔާސީ އިންތިޚާބުގެ މައްސަލައެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ދާދި ދެންމެ ސުޕްރީމް ކޯޓަށް ވައްދައިފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ފަހު، ގާނޫނީ ވަކީލު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް ޔާމީން އައްޔަންކުރައްވާފައިވާ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އަދި ރިޔާސީ އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް، ހިނގާފައިވާ ކަންކަމާ މެދު ރައީސް ޔާމީންގެ ސަޕޯޓަރުންގެ ގިނަ ޝަކުވާތަކެއް ހުށަހަޅަމުންދާތީ އެކަންކަން ބެލުމަށްފަހު ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ކުރިންންނާއި ވޯޓު އަޅަމުންދަނިކޮށް، ރައީސް ޔާމީން އަދި ސަޕޯޓަރުން ގިނަ ޝަކުވާތަކެއް ވަނީ ހުށަހަޅާފައި. އޭގެ އަލީގައި ބަލަން ޖެހޭ ދިރާތައް ކޮށްފައި ރައީސް ޔާމީން ނިންމެވީ ދިވެހި ރައްޔިތުންގެ ހައްގުގައި، ސަޕޯޓަރުންގެ ހައްގުގައި މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް. މި މައްސަލަ ހުށަހެޅީ އަޅުގަނޑުމެން ބަލަން ޖެހޭ މިންވަރަށް ބަލައި، ނިންމައި ކުރަން ޖެހޭ ދިރާސާތައް ކޮށްގެން،" އޭނާ ވިދާޅުވިއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ކޮންމެ މައްސަލައެއް ކަމެއް ރޭނިސް ސަލީމް ވިދާޅުވެފައި ނުވާ އިރު، އޭނާ ވިދާޅުވީ ޝަރީއަތް ފެށީމާ އެ މައުލޫމާތުތައް އެނގިގެންދާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު، ރައީސް ޔާމީން ވަނީ ބަލިގަބޫލުކުރައްވައިފައެވެ. ނަމަވެސް ދާއިމީ ނަތީޖާއަށް ފަހު ޕީޕީއެމްއިން ދަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ޕީޕީއެމްއިން ބޭއްވި ފުރަތަމަ މުޒާހަރާގައި ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.