ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މަޖިލިސް 2019 : ދިހަ ކެންޑިޑޭޓުންނާ އެކު ރެކޯޑު މާފަންނު ހުޅަނގަށް، 10 ދާއިރާއެއްގައި ދެ ކެންޑިޑޭޓުން

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމައިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ފޯރި މިހާރު މި ވަނީ ވަރަށް ގަދަވެފަ އެވެ. ގައުމުގެ ވިސްނުން އެކީގައި ކަހަލަ ގޮތަކަށް ހުސްވެފައި ވަނީ މަޖިލިސް 19 އަށެވެ.

މަޖިލިސް 19 އަށް ވާދަކުރުމަށް އޮތް ފުރުސަތު ހަމަވި އިރު، 403 ފަރާތަކުން އިލެކްޝަނަށް ފޯމު ހުށަހެޅި ނަމަވެސް، އެކި ސަބަބު ތަކާ ހެދި މިހާ ހިސާބަށް އައި އިރު ބަލައިގެންފައި ވަނީ 395 ފޯމެވެ. އޭގެ ތެރެއިން ވެސް އެއް ފަރާތަކުން މިއަދު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެން ކަމުން މި ވަގުތު އޮތް ގޮތުން ނަމަ މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ 394 ކެންޑިޑޭޓުންނެވެ. ސުޕްރީމް ކޯޓުގައި އެއް ކެންޑިޑޭޓެއްގެ މައްސަލަ އޮތުމުން، އެއާ މެދު ނިމޭ ގޮތަކުން އަނެއްކާވެސް އަދަދު 395 އަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރި އިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ދާއިރާއެއްގެ ގޮތުގައި އަދި އޮތީ މާފަންނު ހުޅަނގު ދާއިރާ އެވެ. އެ ދާއިރާއަށް 10 ކެންޑިޑޭޓުން ވާދަކުރެ އެވެ.

ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ، ލ. އިސްދޫ އަދި ހދ. ނޮޅިވަރަމް ދާއިރާ އަށެވެ. އެއިން ކޮންމެ ދާއިރާއަކަށް ވެސް ނުވަ ކެންޑިޑޭޓުން ކުރިމަތިލައިފައިވެ އެވެ.

އިލެކްޝަނުން މިއަދު އާންމުކުރި ކެންޑިޑޭޓް ލިސްޓަށް ބަލާ އިރު، ދާއިރާއެއްގައި އިންތިޚާބުގެ ވޯޓުލުން ބާއްވަން ޖެހޭ އެންމެ މަދު އަދަދު ކަމަށްވާ ދެ ކެންޑިޑޭޓުން ކުރިމަތިލައިފައި ވަނީ 10 ދާއިރާއެއްގަ އެވެ. އެ ދާއިރާ ތަކަކީ؛

1. ހޯރަފުށީ ދާއިރާ

2. ބާރަށު ދާއިރާ

3. ކުޅުދުއްފުށީ އުތުރު ދާއިރާ

4. ކޮމަންޑޫ ދާއިރާ

5. ކެނދިކުޅުދޫ ދާއިރާ

6. އަލިފުށީ ދާއިރާ

7. ދ. މިދޫ ދާއިރާ

8. ފުއައްމުލަކު މެދު ދާއިރާ

9. ހުޅުދޫ ދާއިރާ

10. ފޭދޫ ދާއިރާ

މި ފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާން މިހާރު ތިބި ކެންޑިޑޭޓުންގެ އަދަދަށް ބަދަލު އައުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތުލުމާ ހަމައަށް އޮންނާނެ އެވެ.