މެންބަރު އަބްދުﷲ ރިޔާޒް

ޕާޓީން ވަކިކުރުމަކީ ނިހާނާއި އަދުރޭއަށް ހެދޭނެ އެންމެ ބޮޑު ގޯސް: ރިޔާޒް ރަޝީދު

ޕީޕީއެމްގެ ޕާލިމެންޓުގެ ޑެޕިއުޓީ ލީޑަރު ކަމުން ނުވަތަ ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރުމަކީ ނިހާނާއި އަދުރޭ އަށް ހެއްދެވޭނެ އެންމެ ބޮޑު ގޯސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން މި ވިދާޅުވީ އިދިކޮޅު ބައެއް ފަރާތްތަކާ އެކު ހުންނެވި ފޮޓޯ އެއް އޭނާ ޓްވީޓު ކުރެއްވި ކަމަށް ބުނެ މަޖިލީހުގެ ޕީޕީއެމްގެ ޕީޖީ ޑެޕިއުޓީ ލީޑަރު ކަމުން އޭނާ ވަކިކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް މިއަދު ވިދާޅުވީ، އޭނާ އެމަގާމުން ވަކިކުރަން ބޭނުން ވެގެން އުޅެނީ އަދުރޭ އާއި ނިހާން ކަމަށާއި އެހެން އެކަން ކޮށްފި ނަމަ އެއީ އެދެބޭފުޅުންނަށް ސިޔާސީ ހަޔާތުގައި ވެސް ހެއްދެވޭނެ އެންމެ ބޮޑު ގޯސް ކަމަށެވެ.

"ފުރަތަމަ ކަމަށް އަޅުގަނޑު ޓްވީޓެއް ކުރިތޯ އެކަން ވެސް އެބަ ޖެހޭ ދެއްތޯ ކަށަވަރުކުރަން ވެސް. އަޅުގަނޑު ބުނެފިން ޓްވީޓަރ އަށް ލިޔެގެން އެކަން ޔަގީން ކުރައްވާށޭ. އަޅުގަނޑު ވަކި ކޮށްފި ނަމަ ނިހާނާއި އަދުރޭ ފަހުން ހިތާމަވެސް ކުރަން ޖެހޭނެ." ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ޓްވީޓެއް ކުރުން އެއީ މައްސަލައެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.