ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޗެމްޕިއަންކަން ތ. ތިމަރަފުށިން ހޯދުމާއެކު އެޓީމަކީ ތާރީހީ ޓީމެކެވެ. ތިމަރަފުށި މިހާރު ވެފައި ވަނީ މުބާރާތުގެ ތަށި ދިފާއުކުރި ފުރަތަމަ ޓީމަށެވެ. މިހާތަނަށް 2016، 2019 އަދި މިއަހަރު ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށް، އެޓީމު ވެފައިވަނީ މުބާރާތް ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. އަދި މުބާރާތުގެ ތަށި ދިފާއުކުރިވެސް ހަމައެކަނި ޓީމަށެވެ.
އެ އުފާފާޅުކުރުމަށް އިއްޔެ މެންދުރު ފަހު ފުރައިގެން ރޭ، ޓީމު ވަނީ އުފަން ރަށަށް ބަނދަރު ކޮށްފައެވެ. ޓީމު ރަށުގެ ބަނދަރަށް ލެފީ ހާއްސަ ލޯންޗެއްގައެވެ. އެ ލޯންޗު ފަޅު ތެރެއަށް ވަނުމާއެކު ބަނދަރަށް ޖަމާވެފައި އޮތް ރަށުގެ ރައްޔިތުންގެ ފަރާތުން ފެނުނީ އުފާވެރިކަމެވެ. ހަޅޭކުގެ އަޑު އޮތީ ގަދަވެފައެވެ. ކުޅުންތެރިންނާއި ކޯޗުން، އަދި އޮފިޝަލުންވެސް ރަށަށް ފައިބައިގެން ދިޔައީ ރަތް ދޫލައިގައެވެ. ކަރުގައި އެޅުވެމުން ދިޔައީ ލޯބީގެ މާފަތިތަކެވެ. ރަށުގެ ކައުންސިލަރުންނާއި ހުރިހާ މުއައްސަސާތަކެއްގެ އިސްވެރިންވެސް ޓީމުގެ އިސްތިގުބާލުގައި ތިއްބެވެ.
"މިއީ އަސްލު ކުޅުންތެރިން ހީވެސް ނުކުރާވަރުގެ މަރުހަބާއެއް. އުފަލުން ފޮޅިފައި ތިބީ ހުރިހާ ކުޅުންތެރިންވެސް. މާފަތިތައް އަޅުވައި އެ ކީ ރަތް ދޫލައިގެ މަރުހަބާ ވަރަށް ފުރިހަމަ. ކުޅުންތެރިންގެ އާއިލާތަކާއެކު ފުރިހަމަ ކާމިޔާބީ ހިއްސާކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް އަސްލު،" ތިމަރަފުށީ ޓީމުގެ މެނޭޖަރު ހުސައިން ނިހާދު "ވަން" އަށް ބުންޏެވެ.
ބަނދަރުމަތިން ބިލެތް މީރުކޮށްލުމަކާއެކު ދިން ކުރުނބާގެ މަރުހަބާއަށްފަހު ޓީމު ދިޔައީ ރަށުގެ ޔޫތު ސެންޓަރަށެވެ. އެތާނގައި ކައުންސިލާއި ޔޫތު ސެންޓަރު ގުޅިގެން ޝުކުރު އަދާކުރުމުގެ ހާއްސަ އިވެންޓެއް ބާއްވާފައިވެއެވެ. އެއަށްފަހު ދެން އޮތީ ރައްޔިތުންގެ ފަރާތުން ދިން ހާއްސަ ޖާފަތެވެ. ކުޅުންތެރިންނަށް ކެނޑިނޭޅި ރައްޔިތުން ދެމެން ދިޔައީ ލޯތްބާއި އިހުތިރާމެވެ.
"ރައްޔިތުންގެ ފަރާތުން ކުޅުންތެރިންނަށް ދިނީ ލޯތްބާއި އިހުތިރާމް. ހުރިހާ ކަމެއްވެސް ފުރިހަމައަށް އިންތިޒާމު ކޮށްފައި އޮތް. ރޭ ޖާފަތަށްފަހު ޒުވާން ކުޅުންތެރިންގެ މެޗަކަށް ޓީމު ދިޔައީ. ހުނަރިވެރި ކުދިން ފެނުނު ބައިވަރު. ކުދިންނާ މިހާރުގެ ކޯޗާއި ކުޅުންތެރިން ބައްދަލުކޮށް، ހިތްވަރުވެސް ދިން. ފާހަގަވީ ރަށުގައި ދަނޑެއް ނެތްކަން. ފުޓްސަލްގެ އެތައް ތަރިންނެއް ކުޅެމުން އަންނަ ރަށުގައި ރޭވެސް އެ މެޗު ކުޅުނީ ހަލާކުވެފައި އޮތް މެޓް ދަނޑެއްގައި. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ނިހާދު ބުންޏެވެ.
ތިމަރަފުއްޓަށް ދަނޑެއް ނެތުމުގެ ވާހަކަ ޓީމުގެ ކޯޗުވެސް ވަނީ ފާހަގަކޮށްފައެވެ. މުބާރާތުގެ ތެރެއިން "ވަން" އަށް ދިން އިންޓަވިއުއެއްގައި ޓީމުގެ ކޯޗު އަލީ ފަހުމީ (އައްޔަ) ފާހަގަކުރީ އެކަށޭނެ ވަސީލަތްތައް ނެތުމުގެ ވާހަކައެވެ.
ފުޓްސަލްއާއި ފުޓުބޯޅައިގެވެސް ތަރިން އުފެދުމުން އަންނަ ތިމަރަފުއްޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް ކަމަށް އައްޔަވެސް ފާހަގަ ކުރެއެވެ. 2018 ވަނަ އަހަރު އެފްއޭއެމުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމުގެ އިތުރުން މުޅި ރާއްޖޭގެ އެއްވަނަ ފުޓްސަލް މުބާރާތްވެސް ކާމިޔާބުކޮށްފައިވާ ތިމަރަފުށީގައި ރަނގަޅު ފެންވަރުގެ ދަނޑެއް ނެތުން އެއީ ތާ އަބަދު އެރަށުން ކުރަމުން އައި ޝަކުވާއެކެވެ. ދަނޑެއްގެ އުންމީދު ދެފަހަރަކަށް ލިބި، އެ އުންމީދުތައް އެކިއެކި ގޮތްގޮތުން ލަސްވުން އެއީ އެރަށު އެތައް ޒުވާނުންގެ ކަންބޮޑުވުމެކެވެ. އަދި ޓާފް ދަނޑެއް އެޅި އަވަހަށް އެކަން ފުރިހަމަވުން އެއީ އެދޭ އެދުމެއްވެސް މެއެވެ.
ރާއްޖޭގެ ފުޓްސަލް ރަސްކަމާއެކު ތިމަރަފުއްޓަށް ހާއްސަ އުފާވެރިކަމެއް ގެނެސްދީފިއެވެ. ރަށުގެ ކުދިބޮޑު އެންމެންގެ މަރުހަބާއާއެކު ކުޅުންތެރިންނާއި ޓީމު ހެއްވާލައިފިއެވެ.