ރައްޔިތުންގެ މަޖިލިސް 2019 ގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، ލިބުނީ 403 ފޯމު ކަމަށްވީ ނަމަވެސް މިހާތަނަށް އައި އިރު ބަލައިގެންފައި ވަނީ 395 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެ އެވެ.
އީސީން މިހެން ބުނީ އިންތިޚާބާ ގުޅޭ މައުލޫމާތު ދިނުމަށް ޓަކައި މިހާރު ކުރިޔަށް ގެންދާ ނޫސްވެރީންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އެވެ.
ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ 395 ފަރާތުގެ ތެރޭގައި ހިމެނެނީ 35 އަންހެނުންނާއި 360 ފިރިހެނުން ކަމަށެވެ. އިންތިހާބަށް ކުރިމަތިލީ އަންހެނުންގެ ނިސްބަތަކީ 8.73 ޕަސަންޓު ކަމަށާއި އަދި ފިރިހެނުންގެ ނިސްބަތަކީ 91 ޕަސަންޓު ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެއިތުރުން އިންތިހާބަށް ކުރިމަތިލީ 395 ފަރާތުގެ ތެރެއިން އުމުރުން 35 އަހަރުން ދަށުގެ މީހުންގެ އަދަދަކީ 71 އެވެ. އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 63 ފިރިހެނުންނެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާއަކަށް 395 ފަރާތެއް ވާދަކުރާ އިރު، ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން މިމަހުގެ 27ގައި އޮންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް މިމަހުގެ 28ގައި ހުޅުވައިލާނެ ކަމަށާއި އަދި މާޗް ހަތަކާ ހަމައަށް އެފުރުސަތު އޮންނާނެ ކަމަށެވެ.
ރީ ރެޖިސްޓްރޭޝަންގެ މަސައްކަތް މިމަހުގެ 18އިން ފެށިގެން މާޗު ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލާފައިވާކަމަށާއި ރީރަޖިސްޓްރީކުރަން ޖެހޭނީ ރިޔާސީ އިންތިހާބުގައި ވޯޓުލީތަން ނޫން އެހެން ތަނަކަށް ވޯޓުލާމީހުން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފު ވިދާޅުވީ އެހެން އިންތިޚާބުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބުގައި އޮފިޝަލުންނާއި މަންދޫބުން ހޯދުމުގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ. އެގޮތުން މަންދޫބުން ހޯދުމަށް މިފަހަރު ދައުލަތުގެ އިދާރާތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ.