ހޮލީވުޑްގެ މަޝްހޫރު ކޮމެޑީ ތަރި ޖިމް ކެރީ ފިލްމު ކުޅުން ހުއްޓާލުމާއިމެދު ސީރިއަސްކޮށް ވިސްނަމުންދާ ކަމުގައި އޭނާ ބުނެފިއެވެ.
އުމުރުން 60 އަހަރުގެ ކެރީ މިހެން ބުނެފައިވަނީ ކުރިއަށް ރިލީސްވާން ތައްޔާރުވަމުން އަންނަ އޭނާގެ ފިލްމު ''ސޮނިކް ދަ ހެޖްހޮގް 2'' އާއި ގުޅޭގޮތުން އެކްސެސް ހޮލީވުޑަށް ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ.
މި އިންޓަވިއުގައި ކެރީ ވަނީ އޭނާގެ ފިލްމީ ކެރިއަރަށް އަލްވަދާއު ކިޔަން އުޅޭކަމަށާއި އެކަމާ ސީރިއަސްކޮށް ވިސްނަމުން އަންނަކަމަށް ބުނެފައެވެ. އޭނާ ބުނީ އަމިއްލަ ދިރިއުޅުމުގެ ދުވަސްތައް ހިތްހަމަޖެހިގެން އުފަލުގައި ހޭދަކުރަމުން އަންނަ ކަމަށާއި، ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުރެހުމަށް ހާއްސަ ޝައުގުވެރިކަމެއް އުފެދި އެކަމަށް ލޯބިޖެހިފައިވާކަމަށެވެ.
ޖިމް ކެރީ ބުނީ ވާވަރަށް މިހާރު އެކްޓު ކުރެވިއްޖެކަމަށާއި، މިހާރު ހޭދަކުރަމުން އަންނަނީ އުފާވެރި މަޑުމައިތިރި ދިރިއުޅުމެއް ކަމަށެވެ. އަދި ފިލްމީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ތަރިއަކު އެހެން ބުނާ އަޑު އިވުމަކީ ވަރަށް ނާދިރުކަމެއް ކަމުގައިވެސް ކެރީ ފާހަގަކުރެއެވެ. ''އަހަންނަށް މިހާރު ފުދޭ، އަހަންނަށް ފުދޭ ވަރަށް މަސައްކަތްކުރެވިއްޖެ، އަދި އަހަންނަށް އަހަރެން ފުދޭ'' ކެރީ ބުނެފައިވެއެވެ.
''ޑަމްބް އެންޑް ޑަމްބާ'' ''ބްރޫސް އޯލްމައިޓީ'' އަދި ''ދަ މާސްކް'' ފަދަ ފިލްމުތަކުން ފާހަގަކޮށްލެވޭ މަޖާ ރޯލުތަކެއް ކުޅެދީގެން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖިމް ކެރީ ވަނީ މިއަހަރުގެ އޮސްކާސް ހަފުލާގެ ސްޓޭޖުމަތީގައި ހިނގި މާރާމާރީއާ ގުޅިގެންވެސް މީގެ ކުރިން ވާހަކަ ދައްކައިފައެވެ.
އެކަމާއި ގުޅިގެން އޭނާ ދެކޭގޮތް ސީބީއެސް އާ ހިއްސާކުރަމުން، ކެރީ ބުނެފައިވަނީ ވިލް ސްމިތު ސްޓޭޖަށް އަރައި ކްރިސް ރޮކްގެ މޫނުމަތީ ޖަހައި މާރާމާރީ ހިންގާފައިވަނިކޮށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުމާއެކު އޭނާއަށް ތާއީދުކޮށް ބައެއް ތަރިން ކޮޅަށް ތެދުވެ އަތްތިލަ ބަޑީގެ ހޫނު ތަރުހީބެއް ދިނުމަކީ އޭނާއަށް ބަލައިގަންނަން އުނދަގޫވި ކަމެއް ކަމަށެވެ. ވިލް ސްމިތު އޮސްކާސްގައި ހިންގި މާރާމާރީއާ ގުޅިގެން އެކެޑެމީން މައްސަލަ ބަލަމުން އަންނައިރު ވިލް ސްމިތާއި ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާއިމެދު އަންނަނީ މަޝްވަރާކުރަމުންނެވެ. ކެރީ ބުނެފައިވަނީ މާރާމާރީ ހިންގުމާ ގުޅިގެން ވިލް ސްމިތު ވަގުތުން އެތަނުން ބޭރުކުރެވެން ޖެހޭނެކަމަށާއި އަދި އޭނާ ހައްޔަރުކުރަން ޖެހޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.
ކެރީ ކުޅެފައިވާ ''ސޮނިކް'' ފްރެންޗައިސްގެ އެންމެފަހުގެ ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގައެވެ.