ގޯލްޑަން ފުޓްސަލް ޗެލެންޖް

ތިމަރަފުށީ ޓީމުން އުފާފާޅުކުރުމަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ތަށްޓާއެކު މިއަދު ރަށަށް ދަނީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޗެމްޕިއަންކަން ތ. ތިމަރަފުށިން އުފާފާޅުކުރުމަށް މިއަދު އެ ރަށަށް ތަށި ގެންދަން ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލް ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ޓާފް ދަނޑުގައި ކުޅުނު އިރު، ތިމަރަފުށިން ތަށި ހޯދީ ޕެނަލްޓީގައި ކ. ގާފަރު ބަލިކޮށްގެންނެވެ. ތިމަރަފުށި މިހާރު ވެފައި ވަނީ މުބާރާތުގެ ތަށި ދިފާއުކުރި ފުރަތަމަ ޓީމަކަށެވެ. މިހާތަނަށް 2016، 2019 އަދި މިއަހަރު ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށް، އެޓީމު ވެފައި ވަނީ މުބާރާތް ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ.

ތިމަރަފުށީ ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު މެންދުރުފަހު، ތަށްޓާއެކު ރަށަށް ދިޔުމަށް ގަސްދުކޮށްފައި ވަނީ އެރަށުގެ ރައްޔިތުންގެ ހާއްސަ ދައުވަތަކަށެވެ. ތިމަރަފުށީ ފުޓްސަލް ޓީމުގެ ޝަރަފުގައި، ކުޅުންތެރިންގެ އުފަން ފަސްގަނޑުގައި ހާއްސަ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޓީމުން މައުލޫމާތު ދީފައިވެއެވެ. ޓީމު މެންދުރު ފަހު ރަށަށް ފުރާނީ ލޯންޗުގައެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 91 ޓީމު ވާދަކޮށްފައިވެއެވެ. ތިމަރަފުށިން ވަނީ އަތޮޅު ބުރާއި ޒޯން ބުރުގެވެސް ޗެމްޕިއަންކަން ހޯދައިފައެވެ. އެޓީމުން ފައިނަލްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ 2-2 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މުޅި މުބާރާތުގައިވެސް ތިމަރަފުށި ފެނިފައިވަނީ ތަފާތު ރޫހެއްގައެވެ. ހާއްސަކޮށް ސަޕޯޓަރުން ފެނުނީ ޖޯޝުގައެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.