ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗަށް އޮތީ މަދު ވަގުތު ކޮޅެކެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ފެށީ 91 ޓީމަކާ އެކުގައެވެ. އަތޮޅު ބުރަކުން ފެށިގެން ޒޯން ބުރަކާ ހަމައަށް ގޮސް، ގަދަ 16 އިން ކުއާޓާ ފައިނަލަށް، ކުއާޓާއިން ސެމީ ފައިނަލަށް، ސެމީ ފައިނަލުވެސް ކަޑައްތުކޮށް މިރޭ އޮތީ ފޯރިގަދަ ފައިނަލް މެޗެވެ. ދެޓީމަށްވެސް އޮތީ ރާއްޖޭގެ ފުޓްސަލް ރަސްކަން ހޯދުމުގެ ފަހި ފުރުސަތެކެވެ. ފެވަރިޓުންނަކީ ކޮން ޓީމެއްކަން ބުނަންވެސް ދައްޗެވެ.
ތިމަރަފުށިން ނުކުންނަނީ ތަށީގެ ހެޓްރިކަކަށެވެ. 2016 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ގޯލްޑަން ފުޓްސަލް ތަށި ހޯދި ތިމަރަފުއްޓަކީ އެންމެފަހުގެ ޗެމްޕިއަނުންވެސް މެއެވެ. މިހާތަނަށް މުބާރާތް ދެފަހަރު ހޯދި ހަމައެކަނި ޓީމަކީވެސް ތިމަރަފުއްޓެވެ. މިރޭ އެޓީމަށް އޮތީ މުބާރާތުގެ ޝަރަފުވެރި ތަށި ދިފާއުކުރާނެ ހަމައެކަނި ޓީމަށް ވުމުގެ ފުރުސަތެވެ. ޓީމުން މިހާތަނަށް ދެއްކި ކުޅުމާއި، ޓީމުގެ ތަރިން ތިބި ފޯމަށް ބަލައި، އިތުބާރު ބޮޑެވެ.
"ތިމަރަފުށި އޮތީ އުންމީދާއެކު. ތަށި ދިފާއުކުރެވޭނެ ކަމުގެ ވަރަށް ބޮޑު އިތުބާރެއް އެބައޮތް. ފައިނަލް މެޗަށް ނުކުންނާނީ އަތޮޅާއި ރަށުގެ ޝަރަފަށްޓަކައި. ތިމަރަފުއްޓަކީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ތަށި ދިފާއުކޮށްދޭނެ ހަމައެކަނި ޓީމުކަން ޓީމުން ސާބިތުކޮށްދޭން ބޭނުންވޭ. ޓީމަށް 200 ޕަސެންޓް އިތުބާރު އެބައޮތް. ކުޅުންތެރިން ބުރަ މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. އިރާދަކުރެއްވިއްޔާ ފައިނަލް މެޗު ކާމިޔާބު ކުރެވޭނެ،" ޓީމުގެ މެނޭޖަރު ހުސައިން ނިހާދު "ވަން" އަށް ބުންޏެވެ.
ޓީމު އެތަކެއް ތައްޔާރީތަކެއްވެ، މިއަދާ ހަމައަށް އެތައް ބުރަ މަސައްކަތެއް ކުރީ މިރޭގެ ފައިނަލަށެވެ. އެ ފައިނަލަކީ މުޅި ތިމަރަފުށީގެ އެންމެ ރައްޔިތުންގެ އުންމީދުވެސް މެއެވެ. ނިހާދުގެ ނަޒަރުގައި ތަށްޓައް އޮތް އެންމެ ބޮޑު ހިތްވަރަކީ ކެނޑިނޭޅި ޓީމަށް ހިތްވަރު ދޭ އެތައް ބައެކެވެ. މުޅި ރަށް އެކީ ޓީމަށް ދޭ ލޯތްބާއި ސަޕޯޓެވެ.
"މި ހިސާބަށް ޓީމު އައީ ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުން. މިއަދާ ހަމައަށް ޓީމުގެ ހުރިހާ ކަމެއްގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޓީމުގެ ނަމުގައި ޝުކުރު އަދާކުރަން ބޭނުންވޭ. ދެން އޮތީ އެންމެ މުހިއްމު ބައި، އެއީ ސަޕޯޓަރުން. ސަޕޯޓަރުންގެ ހިތްވަރަކީ ޓީމަށް އެންމެ މުހިއްމު ކަންތައް. މިހާތަނަށް މުޅި ރަށް، މުޅި އަތޮޅުވެސް އެކުގައި ޓީމަށް ދިން ސަޕޯޓަކީ ފައިނަލަށް ދެވުމުގެ އަސްލު. އެ ސަޕޯޓަރުން ފައިނަލް މެޗުގައިވެސް ޓީމުގެ ފަހަތުގައި ތިބޭނެކަން ޔަގީން. އެއީ ޓީމުން ތަފާތު ނެރޭނެ ސަބަބަކީވެސް،" ނިހާދު އިތުރަށް ބުންޏެވެ.
ފައިނަލެއްގެ ކުރިއަށް މާ ގިނަ ވާހަކަތަކެއް ދެއްކުމެއް ނޯންނާނެތާއެވެ. ދެން އޮތީ މިރެއަށް ކުރަން ޖެހޭ އިންތިޒާރެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ތާރީހީ ފައިނަލް މިރޭ ހުޅުމާލޭ ފުޓްސަލް ދަނޑުގައި އޮންނާނީ 21:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.