ކުޅިވަރު

ހަނގުރާމަ ސުލްހަ ކުރުމަށް ކުރި މަޝްވަރާތަކުގެ ތެރެއިން އަބްރަމޮވިޗަށް ވިހަ ދިންކަމަށް ޝައްކު ކޮށްފި

ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު ކުރަމުންދާ ހަނގުރާ ސުލްހަ ކުރުމަށް މަޝްވަރާތަކަށް ގޮސް އުޅުމުގެ ތެރޭގައި ރަޝިއާގެ ބިލިއަނަރު، ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް ވިހަ ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހަނގުރާމަ ސުލްހަ ކުރުމަށް މިމަހުގެ ކުރީކޮޅުގައި މަޝްވަރާތައް ކޮށްފައި ވަނީ ޔޫކްރެއިންއާއި ބެލަރުސްގެ ބޯޑަރުގައެވެ. އެ މަޝްވަރާތައް ފެށީ މިމަހުގެ ތިންވަނަ ދުވަހުގައެވެ. މަޝްވަރާތަކަށް ރަޝިއާގެ ރައީސް ވްލަޑީމިއާ ޕޫޓިންގެ ފަރާތުން، އޭނާގެ އޮލިގާކީގައި ހިމެނޭ އަބްރަމޮވިޗް ގޮސްފައިވާކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، ޔޫކްރެއިނުން ދިޔަ އިސް އޮފިޝަލުންތަކެއްވެސް ވިހަވި ކަމަށް ހަބަރުތައް ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުން އަބްރަމޮވިޗްގެ ލޯ ރަތްވެ، ހަންގަނޑަށްވެސް ވިހައިގެ އަސަރުކުރިކަން އެނގިފައިވެއެވެ. އަބްރަމޮވިޗްގެ އިތުރުން ދެން އެ އަސަރުތައް ފެނިފައި ވަނީ ބައްދަލުވުމަށް ދިޔަ ޔޫކްރެއިންގެ އިސް ދެ އޮފިޝަލެއްގެ ފަރާތުންނެވެ.

ރަޝިއާގެ ފަރާތުން ސުލްހައިގެ ވާހަކަތަކުގައި އަބްރަމޮވިޗް ބައިވެރިވިކަން ގިނަ މީޑިއާތަކަކުން ޔަގީން ކޮށްދީފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި މިހާރު އަބްރަމޮވިޗްގެ ފަރާތުން ވިހައިގެ އަސަރެއް ފެންނާކަށް ނެތެވެ. އަދި ބައެއް އޮފިޝަލުން ބުނި ގޮތުގައި އެ އަސަރު އަބްރަމޮވިޗްގެ ގައިން ފެނުނީ ވިހަ ދީގެނެއް ނޫނެވެ. އެއީ މާހައުލު ބަދަލުވުމުން ކުރިމަތިވި ކަންތައްތަކެވެ.

ޔޫކްރެއިންގެ މީޑިއާތަކުންވެސް ވަނީ ވިހަ ދިން ކަމުގެ ވާހަކަތައް ދޮގު ކޮށްފައެވެ. އެހެން ނަމަވެސް ބައެއް އެހެން ރިޕޯޓުތަކުން ބުނެފައި ވަނީ މަޝްވަރާތަކަށް ދިޔަ މީހުންނަށް ވިހަ ދިނީ މަޝްވަރާތައް ކުރަން ބޭނުން ނުވާ ރަޝިއާގެ ބައެއް އިސް އޮފިޝަލުން ރާވައިގެން ކަމަށެވެ.

ޔުކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދާދި ފަހުން ދެއްވި މީޑިއާ އިންޓަވިއުއެއްގައި ވިދާޅުވީ ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަން ރަޝިއާގެ ގިނަ ވިޔަފާރިވެރިންތަކެއް ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި އަބްރަމޮވިޗް ހިމެނޭކަން ޒެލެންސްކީ ވަނީ މީޑިއާ އަށް ކަށަވަރުކޮށްދެއްވައިފައެވެ. ވޯލް ސްޓްރީޓް ޖޯނަލް އިން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒެލެންސްކީ ވަނީ އެމެރިކާ އިން އަބްރަމޮވިޗާ ދެކޮޅަށް މި ވަގުތު ފިޔަވަޅު ނާޅަން އެދިވަޑައިގެންފައެވެ.

ޗެލްސީގެ ވެރިޔާ އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް ކުރިމަތިކޮށްފައިވާއިރު، އޭނާގެ ކްލަބު ޗެލްސީވެސް ވިއްކާލަން ދަނީ މަސައްކަތް ކުރަމުންނެވެ. ޔޫކޭގެ ފިޔަވަޅުތަކާއެކު ޗެލްސީއާއެކު އޭނާގެ ޔޫކޭ އެސެޓްތައް ވަނީ ފްރީޒް ކޮށްފައެވެ. ޗެލްސީ މިވަގުތު ހިންގަމުން ދަނީ ހާއްސަ ހުއްދައެއްގެ ތެރެއިން ލިމިޓެޑް ބަޖެޓެއްގައެވެ.