މުޙައްމަދު ޝަމްޢޫން
ކ. ގާފަރުން ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ފައިނަލުގައި އޮތީ ނަސީބަކުން ނޫނެވެ. ޓީމުގެ ޓެކްނިކަލް ފެންވަރު ވަރަށް މޮޅެވެ. ޓީމުގައި ތިބީ ފުޓްސަލްގެ ނަން ވިދާ ތަރިންނެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންނަކީ ޓީމު ފައިނަލަށް ދިޔަ އެއް ސަބަބެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓްސަލްގައި ދެވަނައެއް ނެތް ހުނަރުވެރިން ގާފަރަށް ނިސްބަތްވެއެވެ.
ދެހާސް ފަނަރަ ވަނަ އަހަރުވެސް ގާފަރުން ގޯލްޑަން ފުޓްސަލްގެ ފައިނަލަށް ދަތުރުކުރި ނަމަވެސް އެފަހަރު ބ. ހިތާދޫ އަތުން ބަލިވެ ލިބުނީ މާޔޫސް ކަމެވެ. މިފަހަރުގެ ޓީމުން އޮތީ އެ ހިތި ފިލުވަން ނުކުމެ އެ އަޒުމުގައެވެ. ޓީމު ފައިނަލަށް ދިޔުމުގައި ސަޕޯޓަރުންގެ ޖޯޝު ފެނުނެވެ. ކުޅުންތެރިން ބުރަ މަސައްކަތް ފެނުނެވެ. ގޯލްކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ)ގެ އިތުރުން އަލީ މާއިސް (މައްޓު) އާއި ގައިޝާން އަބޫބަކުރު މާހިރާއި ނާއިހު މުފީދު ފަދަ ކުޅުންތެރިން ރަށަށްޓަކައި ނެރުނު ހިތްވަރު ފެނުނެވެ. ޓީމުގެ ތަނބަކީ ހަމަ ގޯލްކީޕަރު ފައިއްޓެއެވެ. އެއީ ގާފަރަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
"ސެމީ ފައިނަލް މެޗުގައި އަޅުގަނޑުގެ ބޭންޑްގެ ދަށުން ޓީމު ނުކުމެ، ޕެނަލްޓީ ސޭވްކޮށް ފައިނަލަށް ދެވުނީމަ މިހުރީ ވަރަށް އުފާވެފަ. މިއީ ގޯލްޑަން ފުޓްސަލް މުބާރާތުގަ ފައިއްޓޭގެ ފުރަތަމަ ފައިނަލް. ކުރިން ރަށު ޓީމު ފައިނަލް ކުޅުނު އިރު ނުކުޅެން. އެއީ އޭރު ވަރަށް ކުޑަވެސް ވާނެ. ހަގީގަތަށް ބުނަންޏާ ފައިނަލަށް ދިޔުންވެސް މިއީ ޑްރީމެއް، ތަށި ހޯދުމަކީ މާބޮޑު ޑްރީމެއް. ފޯކަސް އޮތީ ފައިނަލަށް. އެކަމަށް މެންޓަލީ އަދި ފިޒިކަލީވެސް ޓީމު އޮތީ ތައްޔާރަށް،" އުމުރުން 19 އަހަރުގައި ވިދުން ގަދަ ފައިއްޓެ "ވަން" އަށް ބުންޏެވެ.
މިހާތަނަށް މުބާރާތުގައި ގާފަރު ޓީމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންގެ ހިތްވަރެވެ. އެކަން ފައިއްޓެ ވަރަށް ބޮޑަށް ފާހަގަކުރިއެވެ. ދަނޑުގެ ވަށައިގެން ގާފަރުގެ ސަޕޯޓަރުންގެ ގުގުމަމުން އަންނަ އަޑަކީ ކުޅުންތެރިންގެ ޖޯޝެވެ. އެކަން ގަދަ 16 އިން ފެށިގެން ގޮސް، ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގައިވެސް ޓީމުން ފެނުނު ކަމަށް ފައިއްޓެ ފާހަގަކުރިއެވެ.
"ސަޕޯޓަރުންނަށް ބުނެލަން އޮތީ. ސަޕޯޓަރުން ދޭ ހިތްވަރަކީ މެޗުން މޮޅުވުމުގެ 80 ޕަސެންޓޭ. ސަޕޯޓަރުންގެ އަޑަކީ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރު. ފައިނަލުންވެސް މޮޅުވާނެ ކަމަށް އޮތް އެންމެ ބޮޑު އުންމީދަކީ މެދުކެނޑުމެއް ނެތި އިވެމުންދާ ސަޕޯޓަރުންގެ އަޑު. އެ ދެމުންދާ ސަޕޯޓުން މެޗުގެ ޓެމްޕޯ ނަގައިގަނެގެން މެޗުން މޮޅުވެވޭނީ. ސަޕޯޓަރުންގެ ހިތްވަރު ލިބިގެން ޓީމު ކިކު ކޮށްލަނީ. އެންމެ ދަށްކޮށް ދިޔައިރުވެސް ސަޕޯޓަރުން ހިތްވަރު ދީގެން ޓީމު ނެގޭނެ. މާފަންނުވެސް ބަލިކުރެވުނީ ދަށްކޮށް ދިޔަ ގަޑީ ސަޕޯޓަރުން ހިތްވަރު ދީގެން. އެހެން ގޮސް މާލެގަންވެސް ބަލިކުރެވުނީ ކެނޑިނޭޅި ސަޕޯޓަރުން ކުރި ހިތްވަރުން،" ފައިއްޓެ ބުންޏެވެ.
ލޯންޗުތަކާއި ދޯނިތަކުގެ އަދަދުވެސް އިތުރުވެގެން ދާނީ. މިހާރުވެސް ސަޕޯޓަރުން ދަނީ އަންނަމުން. އެހެންވީމަ މުޅި ރަށް އެކީ ކަހަލަ ގޮތަކަށް އަންނާނެ ކަމަށް ބެލެވެނީގާފަރު ގޯލްކީޕަރު ފައިއްޓެ
ގާފަރުގެ ސަޕޯޓަރުންނާއެކު ޓީމަށް އޮތީ ހިތްވަރު ހޯދުމެވެ. ދަނޑުމަތީގެ މަސައްކަތެވެ. އެންމެފަހުގެ ޗެމްޕިއަން ތިމަރަފުއްޓާ ދެކޮޅަށް މާދަމާ ރޭ ނުކުންނަ ފައިނަލް ފަސޭހަ ނުވާނެކަން ފައިއްޓެއާއި ޓީމަށްވެސް އެނގެއެވެ. އެހެން ނަމަވެސް އިހުތިރާމާއެކު ތިމަރަފުށި ބަލިކޮށް "ހުވަފެން ހަގީގަތަކަށް" ހަދަން ފައިއްޓެ ހުރީ ތައްޔާރުގައެވެ.
ގާފަރު ޓީމުގެ ދިފާއީ ފާރުގެ ގޮތުގައި ޓީމު ގޮވައިގެން ފައިނަލަށް ދިޔަ ފައިއްޓެގެ ފެށުން އޮތީ ގޯލަކުން ނޫނެވެ. އުމުރުން 12 އަހަރު ތެރޭގައި ސްކޫލް ތެރެއިން ފުޓްސަލްއަށް ވަން ފައިއްޓެ ފެށީ "ޓެސްޓްކޮށްލަން" ގޯލަށް އަރައިގެންނެވެ.
"ފުޓްސަލް ތެރެއަށް ވަދެވުނީ ސްކޫލު ދައުރުގައި. އޭރު ކުޅުނީ ކުރިއަށް ފޯވަޑަކަށް. އުމުރުން 12 އަހަރު ހިސާބުގަ އެއީ. ދެން ސްކޫލް މުބާރާތުގައި ގޯލްކީޕަރެއް ނެތިގެން އެއަހަރު ޓެސްޓަކަށް ޕްރެކްޓިސްގައި ގޯލަށް އެރުވީ. ގޯލަށް އަރުވާފަ ޖެހި ބޯޅައެއް ނޭނގި ގައިގައި ޖެހިފައި މަތަވީ. އޭގެ ފަހުން އެ މުބާރަތުގަ ކުޅެފައި ގޯލްކީޕަރަކަށް ކުޅެން ހިތް ޖެހުނީ،" ފައިއްޓެ އޭނާގެ ކެރިއަރުގެ ފެށިން ކިޔައިދިނެވެ.
ފައިއްޓެގެ ކެރިއަރުގައި އެންމެ ބޮޑު އިންސްޕިރޭޝަންއަކީ ރާއްޖޭގެ ފުޓްސަލް ދުށް އެންމެ މޮޅު އެއް ގޯލްކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) އެވެ. ތާޑޭގެ ކުޅުމަކީ ފައިއްޓެ އަބަދުވެސް ދަސްކުރަމުން އަންނަ ކުޅުމެކެވެ.
"ވަރަށް ކުރިން ސްކޫލް މުބާރާތު ގޯލަށް ކުޅުނު އަހަރު މުބާރާތަކަށް ރަށަށް ދިޔައީ ތާޑޭ. އެހިސާބުން ތާޑެއަށް ބަލައިގެން ވަރަށް ބޮޑަށް ކުޅުނީ. އަދި އުޅޭނެ ވަރަށް ބޮޑަށް ބެލި ރަށުގެ ގޯލްކީޕަރެއް ޝަރީ. ޝަރީއަށް ބޮޑު އަނިޔާއެއްވެ ފައިއްޓެއަށް އޭނާގެ ކުޅުން މާ ބޮޑަކަށް ނުފެނުނު. އެހެންވީމަ އެންމެ ބޮޑަށް ބެލީ ހަމަ ތާޑޭގެ ކުޅުމަށް. ތާޑޭއަކީ ބޮޑު އިންސްޕިރޭޝަނެއް،" ފައިއްޓެ ބުންޏެވެ.
ފައިއްޓެގެ އުމުރުން އެންމެ 18 އަހަރުގައި އޭނާ ކްލަބު މޯލްޑިވްސްގައި މިދިޔަ އަހަރު އެޗްޑީސީއަށް ކުޅުނެވެ. އޭގެ ފަހުން މިއަހަރު މަޅި ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި ފައިއްޓެ ގޯލްޑަންގައިވެސް ބޭނުން ވަނީ ރަން މެޑަލްކަމަށް ކޮންފިޑެންސާއެކު ބުންޏެވެ. ކެރިއަރުގެ ކާމިޔާބީއަށް ފައިއްޓެގެ ނަޒަރުގައި އެންމެ މުހިއްމީ މިސްޓޭކްތަކުން ފިލާވަޅުތައް ހޯދުމެވެ.
"ގޯލްކީޕަރުންނަކީ މިސްޓޭކް ހަދައިގެން ނުވާނެ ބައެއް. އެކަމަކުވެސް ގަބޫލުކުރަން ޖެހޭނެ މިސްޓޭކް ހެދިދާނެކަން. މިސާލަކަށް ކްލަބު މޯލްޑިވްސްއިން ފައިއްޓެ ކުޅުނު އެޗްޑީސީ ޕެނަލްޓީއަށް ދިޔައީ. އެއްވެސް ޕެނަލްޓީއެއް ސޭވް ނުކުރެވިގެން ކަޓައިގެން ދިޔައީ. އެއީ ގޯލްކީޕަރު ތަފާތު ދައްކަން ޖެހޭ، ޒިންމާ ނަގަން ޖެހޭ ވަގުތު ތަފާތު ނުދެއްކި އެ ދިޔައީ. އެކަމަކު އެ މިސްޓޭކުން ފިލާވަޅު ހޯދައި، ރަށަށް ގޮސް، ޕެނަލްޓީއަށް ގޮސް ދެ ޕެނަލްޓީ ސޭވްކޮށް ކައުންސިލް ކަޕް ތަށި ޓީމުން ނެގީ. އިމްޕްރޫވްމަންޓަކީ މިސްޓޭކް ދަސްކުރުން. އޭގަ އޮންނާނީ އަމިއްލައަށް އެކަންކަން ބަލައި، މޮޅުވުން،" ޒުވާން ގޯލްކީޕަރުންނަށް ދިން ފިލާވަޅެއްގެ ގޮތުގައި ފައިއްޓެ ބުންޏެވެ.
ކެރިއަރުގެ ކުރިމަގަށް ވާހަކަ ދައްކަމުން ފައިއްޓެ ބުނީ ގައުމީ ޓީމުގެ ފުރަތަމަ ޓްރައިލްއިން ނާކާމިޔާބުވި ނަމަވެސް އުންމީދަކީ ގައުމީ ޓީމާ ހަމައަށްވެސް ދިޔުން ކަމަށާއި، ފުޓްސަލްގައި އެންމެ އުހަށް ދާން އުންމީދު ކުރާ ކަމަށެވެ.
"އަސްލު ކެރިއަރަކަށް ބަލާ އިރު، ފައިއްޓޭ ކުރިން ހަމައެކަނި ސިކުނޑީގައި ހުރީ ފުޓްސަލް ކުޅެގެން ދިރިއުޅެން. އެކެމަކު ދެން މީގެ ތެރެއަށް ވަދެ އުޅެން ފެށީމަ ވިސްނިއްޖެ ހަމައެކަނި އެކަން ކުރަން އުނދަގޫވާނެ ކަން. އެހެންވީމަ ވަޒީފާއަކަށްވެސް ދަމުން މިހާރު ކުޅެމުން މިދަނީ. ގައުމީ ޓީމުގެ ޓްރައިލްއަށް މިފަހަރުވެސް ދިޔައިން. ފުރަތަމަ ފަހަރު ކާމިޔާބުނުވި ނަމަވެސް އިރާދަކުރެއްވިއްޔާ ގައުމީ ޓީމަށްވެސް އަދި އެރޭނެ. އެގޮތަށް މަސައްކަތް ކޮށް ކެރިއަރުގައި ދެވެން އޮތް އެންމެ އުހަށް ދާނަން،" ފައިއްޓެ ބުންޏެވެ.
ގޯލްޑަން ފުޓްސަލްއަކީ ފައިއްޓެއަށް ހާއްސަ ހުވަފެނީ މުބާރާތެކެވެ. ފައިނަލަކީވެސް އުންމީދެއް ކަމުން ހިތްހަމަ ޖެހުމެއް އޮތް ނަމަވެސް، އެންމެ ބޮޑު އުންމީދު އޮތީ ތަށްޓާ ހަމައަށެވެ. އެކަމަށް ކުރެވެން އޮތް ހުރިހާ ކަމެއް ގާފަރުގެ ޖާޒީގައި ކުރަން ފައިއްޓެ ތައްޔާރެވެ. ގާފަރުވެސް ތައްޔާރެވެ. ގޯލްޑަން ފުޓްސަލް ފައިނަލް މެޗަށް އިންތިޒާރު ކޮށްލަމާ ހިނގާށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.