މުހައްމަދު އައުޒަމް
ޗައިނާގެ ސީސީ، ސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނިން ހުޅެލެ އާއި މާލެއާ ދެމެދު އެޅި ބްރިޖުގެ ފެންވަރު މިނިވަން ބަޔަކު ލައްވައި ބަލަންޖެހޭ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައި ވަނީ ބްރިޖެއް ނޫން ކަމަށާއި އެއީ ފާލަމެއް ކަމަށެވެ. އަދި އެފާލަމުގެ މަސައްކަތް ނުނިމޭ ކަމަށާއި އެއީ ރިޔާސީ އިންތިޚާބުގައި ވޯޓު ހޯދަން ކޮށްފައި އޮތް ކަމެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
އެ ފާލަން އަޅާފަ އޮތީ ކޮން ކޮލިޓީއެއްގައިތޯ އާއި އޭގެ އިންޖިނިއަރިންގެ މަސައްކަތް ކޮށްފައި ހުރި ގޮތެއް ނޭނގޭ ކަމަށާއި މިނިވަން ބަޔަކު ލައްވައި އެކަން ބަލަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
"އަދިވެސް އެފާލަން ނުނިމޭ. މިހާރު އޭގައި ދަބަރު ޖަހައިފި. އޭތި އަޅާފައިހުރީ ކޮން ކޮލިޓީއެއްގައިތޯ ވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އެޖެހޭނީ އިންޑިޕެންޑެންޓު ފަރާތަކުން އޭގެ ސިވިލް އިންޖިނިއަރިން ވެސް ޗެކްކުރަން. އޭގެ މެޓީރިއަލް ކޮލިޓީވެސް ބަލަން. އެހާ ރަޝްކޮށް ނިންމީމަ،" ޖާބިރު ވިދާޅުވިއެވެ.
މާލެއާ ހުޅުލެއާ ދެމެދު ބްރިޖު އެޅުމުގެ މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި މަސައްކަތް ނިންމައި ބްރިޖު ހުޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ސީސީ، ސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުންޏާ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 200 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހިލޭދޭން ޗައިނާ ސަރުކާރުން ވަނީ ނިންމާފައެވެ. އެ ފައިސާ ލިބުނުކަމެއް އަދި ކަށަވަރެއް ނުވެއެވެ.
"ސިނަމާލެ ބްރިޖު" ގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުރެއެވެ. އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރެއެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.