ދައުވާ ކުރެވޭ މައްސަލަތަކުގެ ޝަރީއަތްތަތައް އަވަހަށް ނިންމުމަކީ އަދުލު އިންސާފު ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަމުގެ ޔަގީން ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށާއި އަދި ކުށެއް ނުކުރާހާ ހިނދަކު ކުށްވެރި ނުވެ ހުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ކަށަވަރުވާން ޖެހޭ ކަމަށެވެ.
"ދައުވާ ކުރެވޭ މައްސަލަތަކުގެ ޝަރީއަތްތަތައް އަވަހަށް ނިންމުމަކީ އަދުލު އިންސާފު ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކުށަކަށް އަރައިގަނެފިނަމަ ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުން އެއްވެސް މީހަކު ސަލާމަތް ނުވާނެކަން ކޮންމެ ރައްޔިތަކަށްމެ ގަބޫލުކުރެވޭ މިންވަރަށް އަދުލު އިންސާފުގެ ނިޒާމު ހަރުދަނާވާން ޖެހެއެވެ. މިހެންވެ އަދުލުވެރި ގާޒީންނަށް ﷲގެ ހަޟުރަތުގައި މަތިވެރި ދަރަޖަ ލިބޭނެކަމުގެ އުފާވެރި ހަބަރު ދެއްވާފައިވެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ އަދުލުވެރިކަމަކީ އިންސާނުންގެ ކަރާމަތްތެރިކަން ދެމެހެއްޓުމުގެ އަސާސްތަކުގެ ތެރެއިންވާ ކަމެއް ކަމަށާއި އެހެންކަމުން ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި ވެސް އަދުލުވެރިވާން ޖެހޭ ކަމަށެވެ. އަދި ސަމާވީ ރިސާލަތްތައް ބާވައިލެއްވުމުގެ މަގުސަދަކީ މީސްތަކުން މެދުގައި އަދުލު އިންސާފު ގާއިމުކުރުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"އަދުލުވެރިވުމަކީ ކޮންމެ ފަރާތަކަށް ވެސް އެ ފަރާތެއްގެ ހައްގު އެއްވެސް ތަފާތު ކުރުމެއް ނެތި ލިބިދިނުމެވެ. އަދުލުވެރިކަމުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ދެ ޚަޞްމުންގެ މެދުގައި އަދުލު އިންސާފުން ޝަރީއަތް ހިންގުމެވެ. އެއްވެސް ތަފާތު ކުރުމެއް ނެތި، ނުފޫޒުތަކުން އެއްކިބާވެ ހުރެ، އަދުލު އިންސާފުން ހުކުމް ކުރުމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.