ޔުމްނާ މައުމޫން

އެހެން ބަހެއް ދަސްކުރުމުގެ މާނައަކީ އަމިއްލަ ބަސް ދޫކޮށްލުމެއް ނޫން: މިނިސްޓަރު

އެހެން ބަހެއް ދަސްކުރުމުގެ މާނައަކީ އަމިއްލަ ބަސް ދޫކޮށްލުމެއް ނޫން ކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މާދަރީ ބަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުމްނާ ވިދާޅުވީ ބަހެއް ނެތިގެންދާން ދިމާވަނީ ބޭރު ބަހެއްގެ ނުފޫޒުން ކަމަށާއި އެކި ސަބަބުތަކަށްޓަކައި ބޭރު ބަހެއް ދަސްކުރަން އެބަ ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ތައުލީމު ހާސިލުކުރުމަށްޓަކައި އަދި ބަވަނަވެގެން މިދާ ދުނިޔޭގައި، ބަވަނަވެފައިވާ މި ދުނިޔޭގައި އަޅުގަނޑުމެން ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރަން އަޅުގަނޑުމެން ވަޒީފާތައް ހޯދަން، ވިޔަފާރިކުރަން އެހެން ބަހެއް އެބަ ބޭނުންވޭ. އެހެންނަމަވެސް އެހެން ބަހެއް ދަސްކުރުމުގެ މާނައަކީ އަޅުގަނޑުމެންގެ އަމިއްލަ ބަސް ދޫކޮށްލުމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ އެންމެ ޅަ އުމުރުއްސުރެ، ރަނގަޅު ގޮތުގައި ކުޑަކުދިންނަށް އެ ކުދިންގެ މާދަރީ ބަސް ދަސްކޮށްދެވިއްޖެ ނަމަ، އެހެން ބަހެއް ދަސްކުރަން އެ ކުދިންނަށް ފަސޭހަވާ ކަމަށާއި އެހެންވީމާ އެންމެ ފުރަތަމަ ތުއްތު ކުދިންނަށް އަމިއްލަ މާދަރީ ބަސް ދަސްކޮށްދޭން ކަމަށެވެ. އަދި ބަސް ބޭނުންކުރާ ދާއިރާތައް މަދުވަމުން މަދުވަމުން ގޮސް ވެސް ބަސް ބޭނުންކުރާ މީހުން މަދުވެގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.