ގޯލްޑަން ފުޓްސަލް ޗެލެންޖް

މައްޓުގެ ތަފާތުން ގާފަރު ސެމީއަށް، ހުޅުމާލެ ކަޓުވާލައި މާލެގަން ވެސް ސެމީއަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ސެމީ ފައިނަލްގެ ޖާގަތައް، ކ. ގާފަރު، މާލެގަން، ދ. ކުޑަހުވަދޫ އަދި އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުށިން ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ރޭ ކުޅެފައިވާ އިރު، ހަތަރު މެޗުވެސް ފެނުނީ ފޯރިގަދަކޮށެވެ. ރޭ ފުރަތަމަ ކުޅެފައިވަނީ ކ. ގާފަރާއި މާފަންނު ވާދަކުރި ކުއާޓާގެ މެޗާއި ހުޅުމާލެއާއި މާލެގަން ވާދަކުރި ކުއާޓާގެ މެޗެވެ. މާލެގަންއިން ސެމީ ޔަގީންކުރީ 3-1 ގެ ނަތީޖާއަކުން ހުޅުމާލެ ބަލިކޮށްގެންނެވެ. އަނެއް މެޗުގައި ގާފަރުން ވަނީ މޮޅަށް ކުޅެ 4-0 އިން މާފަންނު ބަލިކޮށްފައެވެ.

ރޭގެ ކުއާޓާ މެޗަށް މާފަންނުން ނުކުތީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ މުހައްމަދު ލިޔާހު ނުލައެވެ. މެޗުގައި ލިޔާހު ނެތްތަން މާފަންނަށް ދެއްކި ނަމަވެސް އެޓީމުން ވަނީ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައެވެ. މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، ފުރަތަމަ ހާފުގައި ދެ ކޮޅުންވެސް ގޯލްކީޕަރުންގެ ކުޅުން ފާހަގަވިއެވެ.

މާފަންނުގެ ގޯލު ބަލަހައްޓަމުން ދިޔަ އިބްރާހީމް ނާޖިހު ފުރަތަމަ ހާފުގައި ގާފަރުގެ އަލީ މާއިސް (މައްޓު)އާއި ސަނީމް ޝަމާއިލް އަދި ނާއިހް މުފީދު ޖެހި ބާރު ބޯޅަތައް މަތަކުރި އިރު، މައްޓުގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ. އަނެއްކޮޅުން ގާފަރުގެ ގޯލްކީޕަރު ފައްޔާޒު ފަޔާޒް (ފައިޓޯ) ވަނީ ޔޫސުފް ޖައިޝަމް ޖެހި ބާރު ދެ ހަމަލާއެއް ފުރަތަމަ ހާފުގައި މަތަކޮށްފައެވެ.

ދެވަނަ ހާފަށް ނުކުމެ ގާފަރުން މައްޓު ކުރިއަށް ޖައްސައި އެޓޭކް ވަރުގަދަކުރިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހިތްގައިމު ގޯލަކާއެކު ލީޑުވެސް ނެގިއެވެ. އެ ގޯލާއެކު މާފަންނަށް ކުރިއަށް ޖެހެން މަޖުބޫރުވި އިރު، އެޓީމު ވަރަށް ބޮޑަށް ޕްރެޝަރަށްވެސް ވެއްޓި ފައުލްތައްވެސް ކުރަން ފެށިއެވެ. ފަސް ފައުލް ހަމަވެ ލިބުނު ޕެނަލްޓީއެއްގައި މައްޓުގެ ދެވަނަ ގޯލު އޭނާ ޖަހައިދިން އިރު، މެޗުގެ ފަހުކޮޅުގައި މާފަންނުން ވަރަށް ބޮޑަށް ރެފްރީއަށް ޝަކުވާވެސް ކުރިއެވެ. އޭގެ ސަބަބުން ހަލަބޮލިވެ މާފަންނުގެ އިސްމާއީލް ހަމްދުﷲ އާއި އަލީ ނައުޝާދަށްވެސް މެޗުގައި ރަތް ކާޑު ދައްކާފައިވެއެވެ.

ގާފަރުން ޖެހި ފަހު ދެ ގޯލުވެސް ޖެހީ ނާއިހްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މައްޓުއެވެ.

ހަމަ އެ ވަގުތު އަނެއް ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގައި މާލެގަންގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ވިޝާހް އިބްރާހީމާއި މުހައްދު ސާދު ނިޒާރު އަދި އިބްރާހީމް އަރީޝްއެވެ. ހުޅުމާލޭގެ ހަމައެކަނި ގޯލު އަލީ ނާހިލް އަހުމަދު ޖަހައިދިން އިރު، ހުޅުމާލޭން އިތުރު ގޯލެއް ޖަހަން އެންމެ ބޮޑު ހުރަކަށްވީ ފޯމުގައި ކުޅެން ދިޔަ މާލެގަންގެ ގޯލްކީޕަރު އަހުމަދު ޝަރަފެވެ. މެޗުގައި ޕެނަލްޓީއެއްވެސް ޝަރަފު މަތަކުރި އިރު، އޭނާއަކީ މެޗުގެ މޮޅު ކުޅުންތެރިޔާއެވެ.

ޖުމުލަ 91 ޓީމާއެކު ފެށި ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މާދަމާ ރޭގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

މުބާރާތުގެ ސެމީގެ ދެ މެޗު މާދަމާ ރޭ އޮންނަ އިރު، ގާފަރުން ސެމީގައި ނުކުންނާނީ މާލެގަންއާ ދެކޮޅަށެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން ސެމީގައި ނުކުންނާނީ ކުޑަހުވަދުއާ ދެކޮޅަށެވެ.