ގާސިމް އިބްރާހިމް

އަމިއްލަ އެދުން ބޮޑު ލީޑަރަކީ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ލީޑަރު: ގާސިމް

އަމިއްލަ އެދުން ބޮޑު ލީޑަރަކީ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ އިރުތިޝާމް އާދަމްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް މިހެން ވިދާޅުވެފައިވާ އިރު، ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިން ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރެއް ނެގުމަށް ޕޯލްއެއް ނެގުމުގެ ވާހަކަ ދައްކަމުންދާ ކަމަށާއި ބަރުލަމާނީ ނިޒާމު ގެނެސްގެން ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރުން އަދި ހުރިހާ ބާރެއް ދާނީ އަމިއްލަ ޖީބަށް ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ ޕޯލްއެއް ނަގަންވީއޯ އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރަކީ ކޮބައިތޯ ބަލަން. އަޅުގަނޑުމެންނަށް އެނގޭ ދެއްތޯ އެއީ ކާކުކަން. ވަރަށް ސާފުކޮށް އަމިއްލަ އެދުން ބޮޑު ލީޑަރުންނަށް ވާނީ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ލީޑަރު ނޫންތޯ. އޭރުން ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރުންނާއި މި ހުރިހާ އެންމެން ދާނީ އެ ބަރުލަމާނީ ނިޒާމުގެ ތެރެއިން އަމިއްލަ އަމިއްލަ ޖީބަށް ނޫންތޯ. އެގޮތަށް ދަންޏާ އަމިއްލަ އެދުން ބޮޑު މީހާ ވަރަށް ސާފުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ނިޒާމު ކަމު ނުދާނެ ކަމަށް މިބުނަނީ ކޮންބައެއްގެ އަމިއްލަ އެދުން ބޮޑުވެގެންތޯ އަމިއްލައަށް ވިސްނާލަން އެބަޖެހޭ ކަމަށާއި ބަރުލަމާނީ ނިޒާމު ގެންނަން ދިވެހި ރައްޔިތުން އެހާ މޮޔައެއް ނޫން ކަމަށެވެ.

"ވަރަށް ބާރަށް 86 ދާއިރާއަށް ނުވަތަ 87 ދާއިރާއަށް ކުރިމަތިލައިގެން ވާހަކަދައްކަމުންދާ ބަޔަކު އެބަ ބުނަމުންދޭ ބަރުލަމާނީ ނިޒާމޭ ރަނގަޅުވާނީ، ޖުމްހޫރީ ނިޒާމެއް ކަމަކު ނުދާނެއޭ. ބަރުލަމާނީ ނިޒާމެއްގައި ތިމާމެންގެ މުށު ތެރެއަށް ހުރިހާ އެއްޗެއް އަންނާތީ އެކަން ކުރުމުގެ ބޭނުމުގައިތޯ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިކަން މިއޮތީ. އެކަމަކު ދިވެހި ރައްޔިތުން އެހާ މޮޔައެއް ހެންނެއް ހިއެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.