ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ މިރޭ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ މިރޭ ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު، އަހުމަދު ނިހާން ހުސެއިން މަނިކު "ވަން އޮންލައިން"އަށް ވިދާޅުވީ 241 ކޮމެޓީ ބާއްވަން ނިންމާފައި ވަނީ މިރޭ 7:00ގައި ކަމަށެވެ.

ގާނޫނު އަސާސީން ލާޒިމުކޮށްގެން، ރައްޔިތުންގެ މަޖިލީހުގައި އުފައްދާފައި އޮންނަ ހަމަ އެކަނި ކޮމެޓީއަކީ 241 ކޮމެޓީ އެވެ. އެއީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކަންކަން ބަލައި، ޒިންމާދާރުކުރުވުމުގެ ޒިންމާ މަތިކޮށްފައި އޮންނަ ކޮމެޓީއެވެ.

241 ކޮމެޓީ މިރޭ ބާއްވަން ނިންމާފައިވާ އިރު، އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެ ކޮމެޓީއަށް ހާޒުކުރަން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ. ހަމީދު އެ ކޮމެޓީއަށް ހާޒުރިކުރުމަށް ހުށަހަޅާފައި ވަނީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރި މައްސަލައިގަ އެވެ.

241 ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރަމުން އަންނަ އިރު، އެ ކޮމެޓީގެ މުގައްރިރު އަދި ނައިބު މުގައްރިރު ބަދަލުކުރާން މަސައްކަތްތަކެއް ކުރާން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. މިހާރު އެ ކޮމެޓީގެ މުގައްރިރަކީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު، އަލީ މައުރޫފް އެވެ. މައުރޫފް އެ މަގާމުން އިސްތިއުފާދެއްވައިފައެއް ނުވަތަ ވަކިކޮށްފައެއް ވެސް ނުވެ އެވެ.

241 ކޮމެޓީގެ މެންބަރުކަން ވެސް ކުރައްވާ ނިހާން "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މަޖިލިސް މިހާރު ބެހިފައި އޮތް ގޮތަށް ބަލައި، 241 ކޮމެޓީގެ މުގައްރިރު ވެސް ބަދަލުކުރާން ޖެހޭ ކަމަށާއި، ދާދި ފަހުން ޖަލުގައި ކުރެއްވި ތަޖުރިބާއަށް ބަލާ އިރު އެކަމަށް އެންމެ އެކަށީގެންވަނީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ކަމަށެވެ.

"އެބޭފުޅާ އެވަޑައިގަތީ ޖަލުތަކުގައި އެކަންކަން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްގެން. އެހެންވީމަ ސަލާމަތީ ޚިދުމަތްތައް ޖަވާބުދާރީ ކުރުވާ ކޮމެޓީއަކަށް އެއަށްވުރެ ރަނގަޅު މުގައްރިރެއް މިހާރަކު ނެތް." ދާދި ފަހުން ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އިލްހާމްއާ ގުޅޭ ގޮތުން ނިހާން ވިދާޅުވި އެވެ.