ޖުމައިލް ޖަމީލް (ޖުމްބެ)ގެ ވާހަކަ ދެކެވޭލެއް އިތުރުވެއްޖެއެވެ. އެހެންވާނެތާއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އެންމެ ވިދުންގަދަ އެއް ތަރިއަކީ މިވަގުތު ޖުމްބެއެވެ. ސެމީ ފައިނަލްގައި ތ. ތިމަރަފުއްޓާ ދެކޮޅަށް ދ. ކުޑަހުވަދޫ މިރޭ ނުކުންނަ އިރު، ޓީމުން އެންމެ ބޮޑަށް ބަރޯސާވާނީވެސް ހަމަ ޖުމްބެއަށެވެ. އުމުރުން 24 އަހަރުގެ ޖުމްބެ ފުޓުބޯޅައިގެ ތެރެއިން ވިދާލައި، ފުޓްސަލްއަށް ކެރިއަރު ބަދަލުކޮށްލައި، މިހާރު މިސްރާބު ހުރީ ރަށަށް ރާއްޖޭގެ ރަސްކަން ހޯދައިދިނުމަށެވެ.
އަތޮޅު ބުރު ކުޑަހުވަދުއަށް ހޯދައިދީ ޒޯން ބުރުން ގަދަ 16 އަށް ކުޑަހުވަދޫ ގެންދަންވެސް ޖުމްބެ ކުރި މަސައްކަތް ތަފާތެވެ. ޒޯން ބުރުގައި ކުޑަހުވަދޫން ތިމަރަފުއްޓާ އެއްވަރުކޮށްފައިވާ އިރު، އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް ޖުމްބެއެވެ.
"އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް. ވަރަށް އުފާވޭ. ވަރަށް ކޮންފިޑެންސް ލިބިއްޖެ އަސްލު މިހާތަނަށް ދެއްކުނު ޕާފޯމަންސް ތަކުގެ ސަބަބުން. ހުރިހާ މެޗެއްވެސް ފުދޭވަރަކަށް ރަނގަޅު ނަތީޖާއެއް ނެރެވުނު އަސްލު. ތިމަރަފުއްޓާ އެއްވަރު ކޮށްލެވުން އެއީ މޮޅެއް ގޮތަށް ގަބޫލުކުރަނީ. ދެވޭނެ އެންމެ ދުރަކަށް ދާން ތައްޔާރަށް މުޅި ޓީމުވެސް އޮތީ،" ޖުމްބެ "ވަން" އަށް ބުންޏެވެ.
ޖުމްބެގެ ނަން ފުރަތަމަ މަގުބޫލުވެގެން ދިޔައީ ކުޑަހުވަދޫން ކުޅުނު މިނިވަން ޗެމްޕިއަންޝިޕް މުބާރާތަކުންނެވެ. އުމުރުން 18 އަހަރުވެސް ނުވަނީސް މިނިވަން 50ގެ މިނިވަން ޗެމްޕިއަންޝިޕްގައި ޖުމްބެ ވިދާލި އިރު، އޭނާ ވަނީ އެ އުމުރުގައި ކްލަބު އީގަލްސްއަށްވެސް އައިސް ވިދާލައިފައެވެ. މުހިއްމު ގޯލުތައްވެސް ކްލަބަށް ޖެހިއެވެ. އެހެން ނަމަވެސް ފުޓުބޯޅަ ހާލަތަށް ބަލައި ޖުމްބެ ފުޓްސަލްއަށް ކެރިއަރު ބަދަލުކުރީއެވެ.
"ފުޓުބޯޅަ ކުރިން ކުޅުނީ. ފުޓުބޯޅަ ނުކުޅޭ ހަނދާނެއް ނުވޭ. އިންޓަ ހައުސް އިން ފެށިގެންވެސް އައީ ފުޓުބޯޅަ ކުޅެމުން. ރަށުގެ ބޮޑު ދަނޑު ހަލާކުވި ހިސާބުން ފުޓްސަލްއަށް ބަދަލުވީ. އެންމެ ފުރަތަމަ ފެންވަރު ރަނގަޅުކޮށް ކުޅެން ފެށުނީ މިނިވަން 50 ގައި. އޭގެ ފަހުން 2018ގައި އީގަލްސްއަށް އައީ ކުޅެން. އޭރު އުމުރުން 18 އަހަރު. ލީގުގައި މާޒިޔާ ކޮޅަށްވެސް ގޯލު ޖެހުނު. އެއީ އޭރުގައި މުހިއްމު ގޯލެއް. މިހާރު ދެން ފުރަތަމަ ޑިވިޝަންގެ ކުޅުން ދޫކޮށްލީ. ދޫކޮށްލީ ފުރަތަމަ ޑިވިޝަންގެ މުސާރައިގެ މައްސަލަތައް އުޅޭތީއާވެސް އެކު. ފުޓްސަލްގައި މިހާރު ފުލްކޮށް މިއުޅެނީ،" ޖުމްބެ ބުންޏެވެ.
ޖުމްބެގެ ކެރިއަރު ފުޓްސަލްއަށް ބަދަލުކުރަން ފުޓްސަލްގެ ހުނަރުވެރި ތަރިންގެ އެހީތެރިކަންވެސް އޭނާއަށް ލިބުނެވެ.
"ފުޓުބޯޅައިގެ ތެރެއިން އައިސް، ހުނަރެއް ހުންނާތީ އޭރު ކުޅެނީ. ރަނގަޅަށް ފުޓްސަލް ކުޅެން ދަސްވީ ސިނާއާއި ރޮނާއާއެކު ކުޅެން ފެށި ހިސާބުން. ރޮނާމެންވެސް ވަރަށް ބޮޑަށް ކިޔައިދެމުން ދިޔައީ. ދެން ޝާއްޕެއަކީ އައިޑަލް. ޝާއްޕެ އެއީ އިންސްޕިރޭޝަނެއް. ޝާއްޕެގެ ސްޓައިލް ވަރަށް އެއްގޮތް ވާނެ ކުޅޭ ގޮތްވެސް،" ޖުމްބެ ބުންޏެވެ.
ޖުމްބެ މިރޭ ނުކުންނާނީ އޭނާގެ ކެރިއަރު ފުޓްސަލްއަށް ހާނާލި ތަރިންނާ ދެކޮޅަށެވެ. ކުޑަހުވަދޫ ޓީމު އެކުގައި ގިނަ ޕްރެކްޓިސްތަކެއް ކުރަން ފުރުސަތު ނުލިބުން އެއީ ޖުމްބެގެ ނަޒަރުގައި ޗެލެންޖެއް ނަމަވެސް ޓީމުގައި އޮތީ މޮޅުވުމުގެ ރޫހެކެވެ. ސަޕޯޓަރުންނާއެކު ފައިނަލަށް ދިޔުން އެއީ މުޅި ޓީމާއި ޖުމްބެގެ އަމާޒެވެ.