އަބްދުﷲ ޖާބިރު

އަދީބު އަޅުގަނޑަށް މަރުގެ އިންޒާރުދިން: ޖާބިރު

މުހައްމަދު އައުޒަމް

1

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ދުވަސްވަރު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލް ޣަފޫރު އޭނާއަށް މަރުގެ އިންޒާރު ދެއްވި ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާއަށް މަރުގެ އިންޒާރުދިނީ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި އަދީބު ބޭނުންކުރައްވާކަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަމާލުކަމަށް ގެންނެވުމުން ކަމަށެވެ.

"މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް އަޅުގަނޑު ހުއްޓައި، އަދީބު ވައްކަންކުރާ ވާހަކަ އާއި މިވެނި ތާކުން ފައިސާ ނަގާ ވާހަކަ އާއި އެވެނި ކުންފުންޏަކުން ފައިސާ ނަގާ ވާހަކަ. އެއީ ރައްޔިތުންގެ މަޖިލީސް ނަގަންވެގެން އަދީބު ފައިސާ މި ނަންގަވަނީ. ދެން އެކަން ހުއްޓުވަން މިޖެހުނީ. އެ ހިސާބުން އަޅުގަނޑު ޖަލަށްލީ. އަދީބު ގުޅާފަ އަޅުގަނޑަށް މަރުގެ އިންޒާރުދިނީ،" ޖާބިރު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވީ މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ ހައިސިއްޔަތުން އޭރު މަސައްކަތް ކުރެއްވީ އަދީބު އެ ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެކަމާ ހިތްހަމަޖެހިވަޑައިނުގެންނެވި ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލާގައި އަދީބު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރަން އުޅުމުން އިންޒާރުދިނުމަށްފަހު ހުކުމް އިއްވައި ދެން އޭނާ ޖަލަށްލީ ކަމަށެވެ.

ރައީސް ޔާމީނަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އިގްތިސޯދީ ރަނގަޅު ވިސްނުންތަކެއް ގެންގުޅުއްވި ބޭފުޅެއް ކަމަށާއި ނަމަވެސް ވެރިކަން ލިބިވަޑައިގަތުމުން އެމަނިކުފާނުގެ ވިސްނުން ބަދަލުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މީހުންނާ އޮންނަ ކަނެކްޝަންތައް ދިޔައީ. އެބޭފުޅާ ވަކި ބަޔަކު ސިސްޓަމަށް ގެނެސްގެން، އެބޭފުޅާ ބޭނުންވާގޮތަށް މޮޑަލްކުރަން ބޭނުންވީ. މޮޑަލްއަށް މީހުން ރެޑީކުރެއްވީ. އެއީ ދިމާވި މައްސަލައަކީ. ތަޖުރިބާ ހުރި މީހުންވެސް ރާއްޖޭގައި ތިބި،" ޖަބިރު ވިދާޅުވިއެވެ.

ޖާބިރު ފާހަގަކުރެއްވިގޮތުގައި އިގްތިސޯދީ ކަންކަމުގައި އަރިސް ބޭފުޅެއްގެ ގޮތުގައި އަދީބު ބެހެއްޓެވުން އެއީ ރައީސް ޔާމީން ހެއްދެވި ވަރަށް ބޮޑު ގޯހެކެވެ.

"މިސާލަކަށް ޓޫރިޒަމް މިނިސްޓަރަކަށް އަދީބު ހުރި އިރު، މިނިސްޓްރީ އޮފް ޓޫރިޒަމުން އަދީބަށް އެޕޮއިންޓްމެންޓެއް ހޯދުމަކީ އިންޕޮސިބަލް ކަމެއް. ސަރުކާރުގެ އެއްވެސް ވުޒާރާއަކަށް، އަނެއްހެން މީހަކާ ޑީލެއް ކުރަން ވެއްޖެއްޔާ އެތައް ބަޔަކަށް ރިޝްވަތު ދޭންޖެހޭ. އެއީ އަޅުގަނޑުމެން އެއް އިރެއްގައިވެސް ގަބޫލު ކުރި ކަންތައްތަކެއް ނޫން. އަޅުގަނޑު ހަމަގައިމުވެސް އެގޮތެއް ގަބޫލެއް ނުކުރަން،" ޖާބިރު ވިދާޅުވިއެވެ.

މީހަކު ގޯހެއް ހަދަންޏާ އޭނާ އެ ވާހަކަ ނުދައްކައި ހިމޭނުން ނުހުންނާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޝްވަތު ނުދީ ޓޫރިޒަމް މިނިސްޓްރީން އެއްވެސް ކަމެއް ނުވާ ކަމަށާއި އެއީ އާންމު ކަމެއް ކަމަށެވެ.

"ރަށެއް ވިއްކާއިރުވެސް މިލިއަން ޑޮލަރު އެބޭފުޅުންނަށް ލިބިފަ، އަނެއް މިލިއަން ޑޮލަރު ސަރުކާރަށް ލިބިފަ، އަނެއް މިލިއަން ޑޮލަރު ޕާޓީއަށް ލިބިފަ، އެކަހަލަ ސިސްޓަމަކަށް މިއޮތީ. އެއީތާ ޖާހިލޭ މިދަންނަވާ ސަބަބަކީ،" ޖާބިރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލަ އާއި އެމްއެމްޕީއާރްސީގެ އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވުމާއި އަދި ވެސް އެހެނިހެން މައްސަލަތަކެއް ސާބިތުބެ އަދީބު މިހާރު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟